10 ޖުލައި 2023 - 11:52

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ރީ-ރަޖިސްޓްރީވާން އަންނަ އާދިއްތަ ދުވަހު ހުޅުވާލިއަސް، މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓްރީވެފައިވާ މީހުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ނަމަވެސް، އެ މީހުން ވެސް އުފަން ރަށުގައި ނުވަތަ އެ ނޫން ތަނެއްގައި ވޯޓުލާނަމަ ރީ-ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
މާލޭގައި ވޯޓުލާ މީހުން މި ފަހަރު ރީ-ރަޖިސްޓްރީވާން ޖެހޭނީ ކުރިން ނިންމި ގޮތާ ހިލާފަށް 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ މީހަކު ވޯޓު ލި ރަށް ބަދަލުވެއްޖެނަމަ އެވެ. އެކަމަކު، ވޯޓުލާން ރަޖިސްޓްރީވެފައިވަނީ ރަނގަޅު ރަށެއްގައިތޯ ބެލުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށް ހަބީބް ވިދާޅުވި އެވެ.
އީސީން މީގެ ކުރިން ވަނީ، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ހުރިހާ މީހުން މި ފަހަރު އަލުން ރީރަޖިސްޓްރީ ވާންޖެހޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. ސިޔާސީ ޕާޓީތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އީސީން ވަނީ، އެ ނިންމުން ބަދަލުކޮށްފަ އެވެ.
އޭގެ އިތުރުން، މާލެ ސަރަހައްދުގައި ދިރިއުޅޭ މާލެ ރަށްވެހިންނަށް، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ވެސް ވޯޓު ލެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.