10 ޖުލައި 2023 - 12:12

ރާއްޖޭގައި ޑެލިވަރީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ރެޑްބޮކްސްގެ އާ އޮފީސް ހުޅުވައިފި އެވެ.

އެ އޮފީސް ހުޅުވީ ލޮނުޒިޔާރަތްމަގު، ލިންކް ސާވްއާ ޖެހިގެން ހުންނަ ގ. ވައްފުށި އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ.

ރެޑް ބޮކްސްއިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީހަކީ އެ ތަނުގެ ހެޑް އޮފީހުގެ ގޮތުގައި އޮޕަރޭޓުކުރާނެ ތަނެވެ. އަދި އެ ތަނުން ފްރަންޓް އޮފީހުގެ ހިދުމަތްތައް ކުރިއަށް ވުރެ ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑުމެންނަކީ ފެޑެކްސް އާއި ޑީއެޗްއެލް ފަދައިން ބޭރުން ޝިޕްމަންޓު ގެނެސްދީ ޑެލިވަރީގެ ހިދުމަތްދޭ ބައެއް. އަޅުގަނޑުމެން މި މަސައްކަތް ކުރާތާ މިހާރު ހަތް އަހަރުވެފައި ވާއިރު، ކަސްޓަމަރުންގެ އިތުބާރު ވަނީ ލިބިފަ. އަޅުުގަނޑުމެންގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް މި އޮފީހުގެ ސަބަބުން އިތުރަށް ފުރިހަމަ ވާނެ." ރެޑް ބޮކްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރެޑް ބޮކްސްއިން ބުނި ގޮތުގައި އެ ތަން މެދުވެރިކޮށް ބޭރުން ގެންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީކޮށް ދެ އެވެ.
ރެޑް ބޮކްސްއިން އަލަށް ހުޅުވި އޮފީހުގެ އިތުރުން، އެ ތަނުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސީ ފްރައިޓްކޮށް މުދާ ގެންނަ ގައުމުތައް ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިން އާއްމުކޮށް މުދާ ގެންނަ ތައިލޭންޑް، މެލޭޝިއާ، ޗައިނާ އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.
ރެޑް ބޮކްސްއިން ބުނީ އެ ތަނުން ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ ގޮތުން ޔޫއޭއީ އާއި އެމެރިކާ ހިމެނޭ ގޮތަށް 13 ގައުމެއްގައި އެ ތަނުގެ ވެއާހައުސް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
"ރާއްޖެ އަށް ޝިޕްނުކުރާ ތަންތަނުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މައި ޔޫއެސްއިން ދޭ ފަދަ ހިދުމަތެއް އަޅުގަނޑުމެން މި ދެނީ. އެ ތަނެއްގައި ވެއާހައުސް މެނޭޖްމަންޓާއި އެ ތަންތަނުން ވިޔަފާރިކުރަން އެއްޗެހި ގަނެ، އެ ތަކެތި ރައްކާ ކުރެވޭނެ ފެސިލިޓީއެއް އަޅުގަނޑުމެން އެބަ ދެން،" ރެޑް ބޮކްސްއިން ބުންޏެވެ.
ރެޑް ބޮކްސްއިން ގިނަ ގައުމުތަކަކުން އެއާ ފްރައިޓް ކޮށްގެން ވެސް ޝިޕްމަންޓުތައް ގެނެސްދެ އެވެ. ރެޑް ބޮކްސް މެދުވެރިކޮށް ވިޔަފާރިކުރުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޝޮޕް މީގެ ނަމުގައި ވިޔަފާރި ކުރެވޭނެ ޕްލެޓްފޯމެއް މިދިޔަ އަހަރު ވަނީ ތައާރަފް ކޮށްފަ އެވެ.