ރެޑްލައިން ދޫކޮށް ސީނިއާ ކުޅުންތެރިން އާ ޓީމަކަށް
ރެޑްލައިން ދޫކޮށް ސީނިއާ ކުޅުންތެރިން އާ ޓީމަކަށް

ކިންގްސް ބާސްކެޓްބޯލް ކްލަބުގެ ނަމުގައި މުޅިން އާ ޓީމެއް ރަޖިސްޓްރީކޮށް، ރެޑްލައިން ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް އެ ޓީމާ ގުޅިއްޖެ އެވެ.

މި ކްލަބް އުފަންކުރީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް މުހައްމަދު (އިއްބެ) އާއި ކުރީގެ ކުޅުންތެރިޔާ އިސްމާއިލް ރިޝާދު އިސްކޮށް ތިބެގެންނެވެ.

މި ޓީމާ ގުޅިފައިވާ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ މުހައްމަދު ޒިލާލާއި އަހުމަދު އަފްޝަން ރަޝާދުގެ އިތުރުން އަހުމަދު ފިރާޝާއި އިބްރާހިމް އަންފަލް އަދި މުހައްމަދު ޚުވައިލިދު ހިމެނެ އެވެ. ރެޑްލައިން ކުޅުންތެރިންގެ ތެރެއިން މި ޓީމާ ނުގުޅެނީ އަލީ ފަޒްލީ އާއި މަޝްހޫރު ދުވުންތެރިޔާ ހުސެއިން ހަލީމެވެ. އެ ދެ ކުޅުންތެރިން ދިޔައީ ޓީރެކްސް ބީސީ އަށެވެ.

ސީނިއާ ކުޅުންތެރިޔާ ޒިލާލް ބުނީ ރެޑްލައިން ދޫކޮށް އާ ޓީމަކަށް ދިޔައީ އާ މެނޭޖްމަންޓަކާ އެކު މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށެވެ. އާއްމުކޮށް ހުޅުވާލާފައިވާ ފުރަތަމަ ޑިވިޝަނުގެ ދެ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕާއި އެމްބީއޭ ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނު ނަމަވެސް، ކިންގްސް ބީސީ ގައުމީ މުބާރާތުގައި ވާދަކުރަން ޖެހޭނީ ދެ ވަނަ ޑިވިޝަނުގަ އެވެ. ފުރަތަމަ ޑިވިޝަނުންނާއި ގައުމީ ލީގުން ފުރުސަތު ލިބޭނީ ދެ ވަނަ ޑިވިޝަނުން ކޮލިފައިވެގެންނެވެ.

ޒިލާލް ބުނީ ޓީމުގެ ކޯޗަކަށް ގެންނަނީ ކުރިން ރާއްޖޭގައި ކޯޗުކޮށްދީފައިވާ ސްރީ ލަންކާގެ ޝްރިޔަންތު ކަމަށެވެ.

ރެޑްލައިން ދޫކޮށް ކުޅުންތެރިން ދިޔައިރު އެ ޓީމު އަންނަނީ ޖޫނިއާ ކުޅުންތެރިންނާ އެކު މުބާރާތްތަކުގައި ވާދަކުރަން ތައްޔާރުވަމުންނެވެ.

މިހާރު ރާއްޖޭގެ ބާސްކެޓްބޯޅައިގައި އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ޓީރެކްސް އަކީ ވެސް، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އެކުވެގެން 2011 ވަނަ އަހަރު އުފެއްދި ޓީމެކެވެ. ޒިލާލާއި އަފްޝަން އަދި ފަޒްލީ ފަދަ ކުޅުންތެރިންނަކީ އޭރު ވިކްޓަރީގައި ކާމިޔާބީ ހޯދުމަށް ފަހު، ޓީރެކްސްއާ ގުޅުނު ކުޅުންތެރިންނެވެ.