ޔޫއޭއީ، ތައިލެންޑު އަދި ޖަޕާނާ އެކު އަށް ގައުމެއްގައި ވޯޓުފޮށި
ޔޫއޭއީ، ތައިލެންޑު އަދި ޖަޕާނާ އެކު އަށް ގައުމެއްގައި ވޯޓުފޮށި

އާ ތިން ގައުމަކާ އެކު ޖުމްލަ އަށް ގައުމެއްގައި ރިޔާސީ އިންތިހާބަށް ވޯޓުފޮށި ބަހައްޓަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ ބޭރުގައި ވޯޓުފޮށި ބަހައްޓާ ގައުމުތައް ބެލީ ފޮރިން މިނިސްޓްރީން ދިން މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.

އެގޮތަށް ބެލިއިރު، މަދުވެގެން 150 ދިވެހިން ދިރިއުޅޭ އަދި އެ ގައުމެއްގައި ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަ ގައުމެއްތޯ ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މިހާރު ކަނޑައަޅާފައިވާ އަށް ގައުމުގައި ވެސް ވޯޓު ލުމަށް، 150 އަށްވުރެ މަދު ދިވެހިން ރީ-ރަޖިސްޓްރީކޮށްފި ނަމަ އެ ގައުމެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

- އިންޑިއާ (ޓްރިވެންޑްރަމް)

- އިންޑިއާ (ދިއްލީ)

- މެލޭޝިޔާ (ކުއަލަލަމްޕޫރް، ދެ ވޯޓުފޮށި)

- ސްރީލަންކާ (ކޮލޮމްބޯ، ހަތަރު ވޯޓު ފޮށި)

- އިނގިރޭސިވިލާތު (ލަންޑަން)

- ސިންގަޕޫރު

- ތައިލެންޑު (ބެންކޮކް)

- ޖަޕާން (ޓޯކިއޯ)

- އެކުވެރި އަރަބި އިމާރާތް (އަބޫދާބީ)

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓުފޮށި ބަހައްޓާފައި ވަނީ އިންޑިއާ، ލަންކާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި ސިންގަޕޫރުގަ އެވެ. އަލަށް ފޮށި ބަހައްޓަނީ ބެންކޮކާއި ޓޯކިއޯ އަދި އަބޫދާބީގަ އެވެ.

އީސީން ރޭ ކުރި އިއުލާނުގައި ބުނީ ބޭރުގައި ވޯޓުލުމަށް 150 އަށްވުރެ މަދު މީހުން ރަޖިސްޓްރީކޮށްފިނަމަ އެ މީހުންގެ ފޯމު ބާތިލްކޮށް، ރަށްވެހިވެފައިވާ ރަށުގައި ވޯޓުލާ ގޮތަށް ރަޖިސްޓަރީ ބަދަލުކުރާނެ ކަމަށެވެ. އަދި އެ ވޯޓު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް، އެހެން ވޯޓުފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް މުއްދަތެއް ދޭނެ ކަމަށް ވެސް ބުންޏެވެ.

ހަބީބު ވިދާޅުވީ ވޯޓު ފޮށި ބެހެއްޓުމާ ގުޅޭގޮތުން 23 ރިސޯޓަކުން އަދި މައުލޫމާތު ނުދޭ ކަމަށެވެ. އެއީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓު ފޮށި ބަހައްޓާނެ ތޯ ނުވަތަ ނޫންތޯ އެ ރިސޯޓުތަކުން ނުބުނޭ. މިއީ، އެތައް ބައެއްގެ ހައްގަކާ ގުޅިފައިވާ ކަމެއް ވީމަ ކަންބޮޑުވަން. އެކަމަކު، ރިސޯޓުތަކުގައި ވެސް ފޮށި ބަހައްޓާނީ އެ ތަންތަނުން ވަކި ކަންކަމެއް ފަހިކޮށްދޭނަމަ." ހަބީބު ވިދާޅުވި އެވެ.

ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާނީ އެ ތަނެއްގައި ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީވެފައިވާ ނަމަ އެވެ.