އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޗިކާ އާއި މުއީން ދެވަނަ ބުރުގައި އެއް ހީޓަކަށް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޗިކާ އާއި މުއީން ދެވަނަ ބުރުގައި އެއް ހީޓަކަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި، ވައިލްޑްކާޑް އުސޫލުން ވާދަކުރާ ތުލުސްދޫގެ ރާޅާއެޅުންތެރިން ކަމަށްވާ އާދަމް މުއީން އިބްރާހިމާއި ހަސަން ނާސިހު (ޗިކާ) މުބާރާތުގެ ދެ ވަނަ ބުރުގައި އެއް ހީޓެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ތުލުސްދޫގެ ރަންދާ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ މެންދުރު މުބާރާތުގެ ހީޓުތައް ފެށީ، ފިރިހެން އޯޕަން ޑިވިޝަނުންނެވެ. މުޅި އެކު 38 އެތުލީޓުންނާ އެކު މި ޑިވިޝަނުގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި 12 ހީޓެއް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، އިއްޔެ ކުރިއަށް ގެންދިޔައީ ހަ ހީޓެވެ.

ދެވަނަ ބުރަށް ހޮވޭނީ މެއިން އިވެންޓުގެ ކޮންމެ ހީޓަކުން ވެސް އެއްވަނަ އަދި ދެވަނައަށްދާ އެތުލީޓުންނެވެ. ބާކީ އެތުލީޓުން ޖެހޭނީ ރެޕޭޗާޖް އިވެންޓުގައި ވާދަކުރާށެވެ.

ފިރިހެން އޯޕަން ޑިވިޝަނުގައި ރާއްޖޭގެ އަށް އެތުލީޓުން ވާދަކުރެ އެވެ. ފުރަތަމަ ހަ ހީޓުގައި ހިމެނުނީ އޭގެ ތެރެއިން ދެ އެތުލީޓުންނެވެ. އެއީ މުއީން އާއި ޗިކާ އެވެ. ދެ އެތުލީޓުން ވެސް ވަނީ ވާދަކުރި ހީޓުގެ ދެވަނަ ހޯދައިގެން މެއިން އިވެންޓުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ފަސްވަނަ ހީޓުގައި ވާދަކޮށް މުއީން ދެވަނަ ހޯދީ 7.73 ޕޮއިންޓުންނެވެ. އެއްވަނަ ލިބުނީ އިންޑޮނީޝިއާގެ ދަނީ ވިޑިއަންޓޯ އެވެ. އޭނާ ވަނީ 14.43 ޕޮއިންޓް ހޯދައިފަ އެވެ. މެލޭޝިއާގެ އެއްވަނަ އެތުލީޓް މުހައްމަދު ނަޒްރީނަށް ލިބުނީ 3.66 ޕޮއިންޓެވެ.

ހަވަނަ ހީޓުގައި ވާދަކުރި ޗިކާ ވަނީ 6.27 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނަ ހޯދި ޗައިނާގެ ޒިހާއޯ ވޫ އަށް ލިބުނީ 8.83 ޕޮއިންޓެވެ. ތިންވަނައަށް ދިޔައީ 2.97 ޕޮއިންޓް ލިބުނު ބަންގްލަދޭޝްގެ ރާޝިދު އާލަމް އެވެ.

ޗިކާ އާއި މުއީން ވާދަކުރާނީ ދެވަނަ ބުރުގެ ފުރަތަމަ ހީޓުގަ އެވެ. މި ހީޓުގައި ހަތަރު ރާޅާއެޅުންތެރިން ހިމެނޭއިރު، މުއީން އާއި ޗިކާގެ އިތުރުން ދެން ހިމެނެނީ އިއްޔެގެ ފުރަތަމަ ހީޓުގެ އެއްވަނަ ހޯދި ޖަޕާނުގެ އިއްކޮ ވަޓަނަބޭ އެވެ.

ދެވަނަ ބުރުގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ތިން އެތުލީޓުން ހިމެނުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ހަތަރުވަނަ އެތުލީޓަކަށް ވާނީ ފުރަތަމަ ބުރުގެ ހަތްވަނަ ހީޓުން އެއްވަނަ ހޯދާ އެތުލީޓެކެވެ. ހަތްވަނަ ހީޓުގައި ވާދަ ކުރާނީ ތައިލެންޑްގެ ނަޓްރީ ޖަރިޔަވަޓަނަވިޖިތު އާއި ބަންގްލަދޭޝްގެ މުހައްމަދު މަންނާން އަދި ރާއްޖޭގެ ޖައިލަމް ނިޒާރެވެ.

އަށްވަނަ ހީޓުގައި އަބްދުﷲ އަރީފް (ފުކޫ) ވާދަކުރާނީ ސައުދީ އަރަބިއްޔާގެ ރަކަން ތަރަބްޒޫނީ އާއި ސިންގަޕޫރުގެ ޖޫލިއެން މާކް ސްޕަކަރޮޓޭލާއާ ދެކޮޅަށެވެ. ނުވަވަނަ ހީޓުގައި ޗައިނީސް ޓައިޕޭގެ ޖޯން ޖޯން ޗާން އާއި ސްރީލަންކާގެ ކަލިއާޝް ލިންޑަން މޭސަންއާ ދެކޮޅަށް ރާއްޖޭގެ އިސްމާއިލް މިގުލާލް (ކުޑަ އިއްސޭ) ނުކުންނާނެ އެވެ.

ހޫދު އަހުމަދު (ހޫބްޒް) ވާދަކުރާނީ 10 ވަނަ ހީޓުގައި، އިރާނުގެ ޝޯން ބަހުރު އާއި ލަންކާގެ ކަނަޕަތީ ރަމޭޝް ޖޭ ހޭލާއާ ދެކޮލަށެވެ. ޖެހިގެން އޮންނަ ހީޓުގައި އަހުމަދު އާގިލް (އަންމަޑޭ)، އިރާނުގެ އަރާޝް ސަގާރީ ޝަޒްހަމްދާނީ އާއި ލަންކާގެ ލަކްޝިތާ މަދުޝާން އާ ދެކޮޅަށް ނުކުންނައިރު، ފަހު ހީޓުގައި ހުސެއިން އަރީފް (އިބޫ) ވާދަކުރާނީ އިރާނުގެ މުހައްމަދު ޝާހްމުރާދީ އާއި އަފްގާނިސްތާނުގެ އަފްރިދޫން އަމޫއާ ދެކޮލަށެވެ.