10 ޖުލައި 2023 - 06:30

އެންމެ 425 މީހުން ހިމެނޭ ށ. މަރޮއްޓަށް ރައީސް އިއްޔެ ވައުދުވެ ވަޑައިގަތް އެއް ކަމަކީ، އެ ރަށަށް ވުރެ ވެސް ބޮޑު ބިމެއް ހިއްކައިދޭނެ ކަމުގެ ވައުދެވެ. މިހާރު، 30 ހެކްޓަރުގެ އެ ރަށުގެ ފަޅުން ހަމަ އެ ވަރުގެ ނުވަތަ އެއަށް ވުރެ ބޮޑު ބައެއް ހިއްކައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަރޮއްޓަކީ، އާބާދީގައި އެންމެ ހަތަރު ސަތޭކައެއްހާ މީހުން ހިމެނޭ ރަށަކަށް ވިޔަސް އެ ރަށުގައި އުޅޭ މީހުންގެ އަދަދު އޭގެ ދެބައިކުޅައެއްބަޔަށް ވުރެ ވެސް މަދެވެ. ފަޅު ގޯތިތަކެވެ. ސިއްހީ އެކަށީގެންވާ ނިޒާމެއް ނެތެވެ. ދަތުރުފަތުރު ކުރުމުގައި އެހާ އުނދަގުލެވެ. ރަނގަޅު ތައުލީމެއް ނެތެވެ. އެކަމަކު، އެ ރަށުގައި ދިރިއުޅޭ މީހުންނަށް ވެސް ގޯތިލިބުމުގެ އަސާސީ ހައްގެއް އެބަ ފުރިހަމަވެ އެވެ. އެއީ، ގިރާވަރު ފަޅުން މާލޭ ރައްޔިތުންނަށް ލިބޭ ކަހަލަ އަސާސީ ހައްގެކެވެ.

ހެކްޓަރަކަށް ޖެހޭ އަގުގެ ނިސްބަތަށް ބަލާއިރު، ގިރާވަރު ފަޅުން 120 ހެކްޓަރުގެ ބިން ހިއްކަނީ ވެސް، މަރޮށީ ރައްޔިތުންނަށް އެ ރަށު ފަޅުން 30 ހެކްޓަރު ހިއްކާ އަގާ ހަމަ ދާދި އެއް އަގެއްގަ އެވެ. އެހެންވެ، ހިއްކާ ބިމުގެ ހަރަދު އެއްވެސް ރަށެއްގައި ކުޑައެއް ނޫނެވެ. އެކަމަކު ތަފާތަކަށް ވާނީ ބިމުގައި އޮތް ތަފާތެވެ! މަރޮށިން ހިއްކާ ބިމުގައި އުޅޭނެ ބަޔަކު ނެތެވެ. އެކަމަކު ގިރާވަރާއި ގުޅިފަޅާއި ހުޅުމާލޭގެ ބިމަކީ ރަނެވެ. ޑިމާންޑް ބޮޑެވެ. މަރޮށިން ލިބޭ ގޯތީގައި އިމާރާތް އަޅަން ލޯނު ނުލިބުނަސް، މާލޭ ސަރަހައްދުން ބިމެއް ލިބިއްޖެ ނަމަ އެ އިމާރާތް އަޅަން ބޭންކުތަކުން ލޯނު ލިބުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

އެހެންވެ، މަރޮށީ ރައްޔިތުންނަށް ލިބޭ ބިމަކީ ހަމައެކަނި ބޯހިޔާވަހިކަމުގެ އަސާސީ ހިދުމަތެއް ލިބުމެވެ. އެކަމަކު މާލޭގައި ބިމެއް ދިނުމަކީ އެނދުދަށަށް ރަންފޮއްޓެއް ލެއްގުން ކަހަލަ ކަމެކެވެ.
ރާއްޖޭގައި ބިމުގެ އަގު ރަސްމީކޮށް ހިސާބު ޖަހައިފައެއް ނެތެވެ. އެކަމަކު، ގެދޮރު އިމާރާތް ކުރަން ބޭންކުތަކުން ގެންގުޅޭ އަގުތަކެއް އޮވެ އެވެ. މާލޭގެ ބިމުގެ އަގަކީ އަކަފޫޓަކަށް 3000ރ. ވަރެވެ. ނަމަވެސް، ރަށްރަށުގެ ތެރެއިން ގިނަ ރަށަކީ، ބިމުގެ ދަށްވެގެން އިތުރު ރަހުނުތައް ބޭނުންވާ ރަށްރަށެވެ. އޭގެ މާނައަކީ އެ ރަށްތަކުގައި ގެދޮރު އިމާރާތްކުރަން ބޭނުން ނަމަ އެންމެ ބިމަކުން ނުފުދޭ ކަމެވެ.
"ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގައި ވެސް އިމާރާތް ކުރަން ދޭ ލޯނު އަކަފޫޓަކަށް މި ޖެހެނީ 1000ރ. ވަރު. އެކި އަގު މި ހުންނަނީ ކަނޑައަޅައިފައި،" ބިމުގެ އަގާ ބެހޭ ގޮތުން، މި ރިޕޯޓަށް މައުލޫމާތު ދިން، ބޭންކިން ދާއިރާގެ މީހަކު ބުންޏެވެ.
"ގޯއްޗެއް ލިބުނަސް، މާލެ އާއި ރަށްރަށް ތަފާތުވާ މައިގަނޑު އެއް ސަބަބަކީ އިމާރާތްކުރެވޭނެ ގޮތެއް ރަށްރަށުގައި ނެތުން. ޑިމާންޑެއް ނެތިއްޔާ ބޭންކުން ލޯނެއް ދުލެއް ނުކުރާނެ،" އޭނާ ބުންޏެވެ.
"މާލޭގައި ނަމަ ލޯނު ދޫކުރާއިރު ވިސްނާނެ ކަމެއް ނެތް. ބިން ރަހުނު ކުރީމަ އެ ނިމުނީ. އެކަމަކު ބައެއް ރަށްރަށުގައި އިމާރާތްކުރާ ބިމުގެ އިތުރުން އެހެން ބިން ވެސް ހަމަ އެ ލޯނަށް ރަހުނު ކުރަން ހާލަތް އެބަ އާދޭ."
މި މައްސަލައިގެ ބަހުސް ފަޅައިގެން ދިޔައީ މާލޭ ސަރަހައްދުން މާލޭ ރައްޔިތުންނަށް 10،000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ސަރުކާރުން ނިންމުމާ އެކު އެވެ. މި ބަހުސްގެ ތެރެއިން އުފަންވި މައިގަނޑު އެއް ސުވާލަކީ ވެސް، މާލޭ ސަރަހައްދުން ހިލޭ ބިން ދޫކުރުން އެއީ އެންމެ އިންސާފުވެރި ގޮތް ހެއްޔޭ ކިޔައިފަ އެވެ.
"މާލެ އަށް ވިޔަސް، އެހެން ރަށަކަށް ވިޔަސް އަލަށް އިތުރުކުރެވޭ ބިމަކީ މުޅި ރާއްޖޭގެ އެންމެންގެ ވެސް ބިން. ސަބަބަކީ ގުދުރަތީ ގޮތުން އުފެދުނު އެ ރަށެއްގެ ބިން ހުސްވީމަ ދެން މި އިތުރުކުރަނީ އެންމެން ހިއްސާވާ ފައިސާއިން ކަމަށް ވާތީ. އެހެންވީމަ އެއީ އެންމެންގެ ވެސް ހައްގެއް،" އާންމުންގެ މީހަކު ހިޔާލުފާޅުކުރި އެވެ.
އެކަމަކު، އެއީ މުޅިން އެގޮތަށް ނިންމެން އޮތް މައްސަލައެއް ވެސް ނޫނެވެ. ހަގީގީ މައްސަލަ އަކީ، ގޯތި ދިނުމަކީ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަށް ނުވެފައި، ގޯތި ހިލޭ ދިނުމަކީ ވަކި ބަޔަކަށް ވެވޭ ބޭއިންސާފަކަށް ވާތީ އެވެ. އަދި އޭގައި އެހެން ބައެއްގެ ހައްގުތަކެއް ހިމެނޭ ކަމަށް ބެލެވޭތީ ވެސް މެ އެވެ. އޭގެ އެއް ސަބަބަކީ، މާލެ ކަހަލަ ބިން އަގުބޮޑު ތަނެއްގައި ބޮޑު އަގުގައި ބިން ވިއްކެން އޮއްވައި ހިލޭ ދިނުމެވެ.
"އެއްކޮޅުން ހުޅުމާލެ އިން 20-30 މިލިއަން ރުފިޔާ އަށް ބިން ވިއްކަނީ. އަނެއްކޮޅުން ހަމަ ހުޅުމާލެ އިން ގޯތި ހިލޭ ދެނީ. މިއީ ހަމަޖެހޭ ސިޔާސަތެއް ނޫން. ކޮންމެވެސް އެއް ސިޔާސަތެއް އެބައޮންނަން ޖެހޭ،" އާންމުންގެ ތެރެއިން މީހަކު ފޮނުވި ކޮމެންޓެއްގައި ވެ އެވެ.
ރާއްޖެ ކަހަލަ ބިމަށް ޖެހިފައިވާ ގައުމެއްގައި ގޯތި ދިނުމާއި އަދި އަމުދުން ހިލޭ ގޯތި ދިނުމަކީ، މަދު މީހަކު ނޫނީ ގަބޫލު ކުރާނެ ސިޔާސަތެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ކަމަކީ، ތަރައްގީވަމުން އަންނަ އަދި ބިން އޮތް ގައުމުތަކުގައި ވެސް ދިރިއުޅެން ބިން ދޫކުރުން ހުއްޓާލައިފައި ވާތީ އެވެ. ގައުމުތަކުން މީހުން އާބާދުކުރަން މިހާރު ބޭނުންކުރާ ސިޔާސަތަކީ އެކި ފެންވަރުގައި އިމާރާތްތައް ހަދައިފައި އެ ތަންތަން ވިއްކުމެވެ. އެއީ ގެޔަކަށް ވިޔަސް، ފްލެޓަކަށް ވިޔަސް، ހުސް ބިން ދިނުމަކީ ޒަމާނީ ސިޔާސަތެއް ނޫނެވެ.
"ދުނިޔެ މިހާރު ގަބޫލުކުރަނީ އެހެން އެއްޗެހި ވެސް އަމިއްލަކުރާހެން އަމިއްލަ މަސައްކަތުން ބިންވެރިވުން އެއީ އެ މީހެއްގެ އަމިއްލަ ކަމެއްގެ ގޮތުގައި. އެ މީހެއްގެ ތަނަވަސްކަން ހުރި މިންވަރެއްގެ ނިސްބަތުން އެ ފެންވަރުގެ ބޯހިޔާވަހި ކަމެއް އަމިއްލަ ކުރުން އެއީ މިހާރުގެ ސިޔާސަތު،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި އެވެ.
"އެއްވެސް އެއްޗަކީ މިހާރު ހިލޭ ދޭ އެއްޗެއް ނޫން. ކޮންމެ އެއްޗެއް ވެސް މި ޖެހެނީ އަމިއްލަ ކުރަން އަމިއްލަ މަސައްކަތުން. ވަރަށް ކުރީ ޒަމާނުގެ ސިޔާސަތެއް އެއީ ގޯތި ދީފައި ދިރިއުޅުވުމަކީ. އޭރު ބިމަކީ ދައުލަތުން ހޭދައެއް ކުރާ އެއްޗެއް ނޫން. އެހެންވީމަ ހިލޭ ދެވިދާނެ ހިލޭ ލިބިފައި އޮތް އެއްޗެއް. އަނެއްކޮޅުން އޭރު އެހެން އޮތީ ރަށްރަށް އާބާދުކުރުމަށް ކަމަށް ވެސް ވެދާނެ. އެހެންވެ، މިހާރު އޮންނަން ޖެހޭ އެއް ސިޔާސަތަކީ އާބާދުވެފައި ހުރި ރަށްރަށުގައި އެއްގޮތަކަށް ވެސް ހިލޭ ބިން ނުދިނުން. އެކަމަކު އެކަމުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ވަރަށް މުހިންމުވާން ޖެހޭ."
ބިން ހިއްކުމަކީ ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެކެވެ. ބިން ހިއްކުމާ އެކު، ފަސްގަނޑު ހިފަހައްޓަން ބޮޑު ހިލަ ޖަހަން ޖެހުމާއި މިހެން ގޮސް އެތައް ކަމެއް ކުރަން ޖެހެ އެވެ. ރަށެއްގައި ބިން ހިއްކުމަށް ވުރެ، ފަޅެއް ހިއްކައިގެން މީހުން އާބާދުކުރުމަކީ އަދި، މާ އުނދަގޫ، އަދި ހަރަދު ވެސް މާ ބޮޑު ކަމެކެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައި އޮތް ގުޅިފަޅާއި ގިރާވަރަކީ ވެސް ސުމަކުން ފަށައިގަންނަން ޖެހޭ ތަންތަނެވެ.
"ބިން ހިލޭ ދީގެން، އަދި އެ ތަނުގައި މީހުން އާބާދުކުރަން އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަކީ އެއީ ވަރަށް ބިޔަ ހަރަދެއް. ސިކުނޑި އަށް ވެސް ނާންނަ ވަރުގެ ހަރަދެއް. ސުވާލަކީ، އެ ހުރިހާ އެއްޗެއް ހަމަ ހިލޭ ހެއްޔޭ ދޭނީ. ސުވާލަކީ މިސާލަކަށް ގިރާވަރުގެ 2000 ގޯތީގައި ދިރިއުޅޭ ހައެއްކަ ހާސް މީހުންނަށް ކީއްވެ ހެއްޔޭ ސަރުކާރުން އެހާ ބޮޑު ހަރަދެއް ހިލޭ ކުރަންވީ؟ ސުވާލަކީ ކީއްވެ ހެއްޔޭ ރަށްރަށުގެ މީހުންނަށް އެ ހަރަދު ނުކުރެވެންވީ؟" ތަޖުރިބާކާރު ވިދާޅުވި އެވެ.
"ސަރުކާރުގެ ހުރިހާ ހިދުމަތެއް މި ދެނީ އަގު ދައްކައިގެން. ހަމަ މާކެޓް ރޭޓުގައި ނުވަތަ އެއަށް ވުރެ ވެސް ބޮޑު އަގުގައި ގިނަ ހިދުމަތްތައް މި ހުންނަނީ ވެސް. އެހެން އެކަން އޮތް އިރު، އެތައް މިލިއަން ރުފިޔާއެއްގެ ބިން އެއްވެސް އަގެއް ނެތި ހިލޭ ދިނުމަކީ އެއްވެސް މީހަކު ހިޔެއް ނުވޭ ގަބޫލު ކުރާނެ ސިޔާސަތެއްހެނެއް."
ބައެއް މީހުން ބުނާ ގޮތުން، ބިން ވިއްކަން ފަށައިފި ނަމަ އޭގައި އޮތް އެންމެ ނުރައްކާ ކަމަކީ ފައިސާ ހުރި މީހުން ބިންތައް ގަނެ ހުސްކޮށްލުމެވެ. އޭރުން، ނިކަމެތި މީހާ އަށް ލިބޭނެ ފުރުސަތެއް ނޯންނާނެ އެވެ.
"އެކަމަކު ތި ވިސްނުން އޮތީ ރާއްޖޭގައި. ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮންނަ ކަހަލަ އުސޫލުތަކެއް ހެދީމަ އެކަން ހައްލުވެދާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.
އޭނާ އޭގެ މިސާލު ދެއްކީ އިންޑޮނޭޝިޔާ އާއި ޗައިނާ އަދި އިންޑިއާ އިންނެވެ. އެ ގައުމުތަކުގައި ބިން މިލްކުރެވެނީ އެކަކަށެވެ. ޗައިނާގައި އޮންނަނީ ކޮންމެ ދެމަފިރިއަކަށް އެއް އެޕާޓްމެންޓް ލިބޭ ގޮތަށެވެ. އެއަށް ވުރެ ގިނައިން ގަންނާކަށް ވެސް ނުލިބެ އެވެ.
"ރާއްޖޭގައި ވެސް އެހެން ހެދިދާނެ. ދެން ސުވާލަކީ ފައިސާ ހުންނަ މީހާ އެކި މީހުންގެ ނަމުގައި ބިން ގަނެފާނެކަމުގެ ބިރު. އެ ބިރު އޮތް ނަމަ ހަރުދަނާ ގަވައިދުތަކެއް ހަދަންވީ. ބަލަން ޖެހޭ ކަންކަން ހަރުދަނާ ކަމާ އެކު ބަލައި، އެކަހަލަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ ހަރުކަށި އަދަބުތައް ދޭން ޖެހިލުން ނުވާންވީ،" އޭނާ ވިދާޅުވި އެވެ.
މި ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މުޅި މައްސަލައިގެ ހައްލަކީ ހުރިހާ ފަންތިއަކަށް އުޅެވޭނެ ވަރަށް އެކި ފެންވަރުގެ ބޯހިޔާވަހިކަން ސަރުކާރުން ހޯދައިދިނުމެވެ. އެކަމަށް މިހާރު ވެސް ކުންފުންޏެއް [އާބަންކޯ] އޮތް އިރު، ބިން ހިއްކައިފައި ސަރުކާރުން އާބަންކޯ އާ ހަވާލުކޮށްގެން އެކަން ހަރުދަނާކޮށް ކުރެވިދާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
"ބިން ވިއްކަންޏާ އުސޫލުތަކެއްގެ ތެރެއިން، ހަރަދު އަނބުރާ ލިބޭނެ ގޮތަކަށް ނޫނީ އެކަމެއް ނުކުރެވޭނެ. ސަރުކާރުން މި ހޭދަކުރަނީ ރައްޔިތުންގެ ފައިސާ. އެ ފައިސާ ވަކި ބަޔަކަށް ހޭދައެއް ނުކުރެވޭނެ. އެ ހޭދަކޮށްފިއްޔާ އަނބުރާ ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް. އެކަމަކު މިހާރު އެހެނެއް ނޫން މި ވަނީ."
މާލެ އެކަންޏެއް ނޫނެވެ؛ އެއްވެސް ރަށެއްގައި ބިމަކީ މިހާރު ހިލޭ ދެވެން އޮތް އެއްޗެއް ނޫނެވެ. އެކަން ރައްޔިތުން ގަބޫލުކުރަން ޖެހެ އެވެ. އެއީ ހިލޭ ދެވޭ ވަރަށް ވުރެ މާ އަގު ބޮޑު އެއްޗެކެވެ. އަދި އަމުދުން މާލެ ކަހަލަ ތަނެއްގައި އެންމެން އެ އެއްޗަކަށް އަތްދިއްކޮށްލަ ދިއްކޮށްލަ ތިއްބާ ވަކި ބަޔަކަށް ހިލޭ ދިނުމަކީ އެހެން މީހުންގެ މޫނުމަތީގައި ޖެހުން ކަހަލަ ކަމަކަށް ނޫނީ ނުވާނެ އެވެ.