09 ޖުލައި 2023 - 19:15

ދެ ހަފުތާގެ ބޮޑު ބަންދަކަށް ފަހު މިއަދު މަސައްކަތަށް ނުކުންނަށް އަންގާފައި އޮތް ނަމަވެސް އެފްއޭއެމްގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކޮށްފި އެވެ.

އީދު ބަންދާ ގުޅިގެން އެފްއޭއެމްގެ މުވައްޒަފުންނަށް މިދިޔަ މަހުގެ 23 އިން ފެށިގެން އިއްޔެގެ ނިޔަލަށް ބަންދެވެ. ރަސްމީ އެހެން އިދާރާތަކުން އީދު ބަންދަށް ފަހު މިދިޔަ ހަފުތާގައި މަސައްކަތަށް ނުކުތެވެ.
އެފްއޭއެމް ބަންދު ކުރީ މުވައްޒަފުންނަށް މުސާރަ ނުދޭތީކަން ބައެއް މުވައްޒަފުން "މިހާރު" އަށް މައުލޫމާތު ހިއްސާ ކުރި އެވެ.
ނަމަވެސް އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ މިދިޔަ ހަފުތާގައި އޮފީސް ބަންދު ކުރުމާ، މުވައްޒަފުންގެ މުސާރައާ ގުޅުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މިދިޔަ ހަފުތާ އެފްއޭއެމްގެ އޮފީސް ބަންދު ކުރީ އޮފީސް ބަދަލު ކުރާތީ އެވެ.
އޭރު މުވައްޒަފުންގެ ވައިބާ ގުރޫޕަށް އޭނާ ފޮނުވި މެސެޖްގައި ބުނެފައިވާ ގޮތުން އީދު ބަންދަށް ފަހު އެފްއޭއެމްގެ އޮފީސް ހުޅުވާނީ މިއަދު އެވެ.
އެކަމަކު މިއަދު ވެސް އެ އެސޯސިއޭޝަންގެ ގިނަ މުވައްޒަފުން އޮފީހަށް ނުކުމެފައެއް ނުވެ އެވެ.
އެފްއޭއެމްގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، މުސާރަ ނުދޭތީ މަސައްކަތަށް ނުނިކުތުމުގެ ވިސްނުންތަކެއް މުވައްޒަފުން ގެންގުޅުނު ކަމަށެވެ.
އެފްއޭއެމްގެ އިދާރީ މުވައްޒަފުންނަށް މިދިޔަ ހަތަރުވަރަކަށް މަހު ވެސް މުސާރައެއް ނުދެ އެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް ވެސް މުސާރަ ނުދޭތާ އަށެއްކަ މަސް ވެއްޖެ އެވެ.
އެ އިދާރާގެ މުވައްޒަފުން މިއަދު ވެސް މަސައްކަތަށް ނުނިކުންނަކަން ފާހަގަކޮށް، އެކަމާ ބެހޭގޮތުން، އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އާއި ޖަވާޒު ޓެގްކޮށް ނޫސްވެރިޔަކު ސުވާލު ކުރުމުން ވެސް އެ ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ.
ނަމަވެސް ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް ދިޔައިރު، ވަޓްސްއެޕް ގުރޫޕްގައި ނޫސްވެރިން ކުރިމަތި ކުރި އެހެން ސުވާލުތަކަށް އެ ގުރޫޕްގައި ޖަވާބު ދީފައި ވެއެވެ.
ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް ޓީމާ އެކު ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިއެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ގައުމީ ޓީމާ އެކު އޭނާ ނުދިޔައީ މުސާރަ ނުދޭތާ ނުވަ ވަރަކަށް މަސް ފާއިތުވުމުންނެވެ. އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކާކަށް އަސްލަމް ބޭނުމެއް ނުވެ އެވެ.
މުސާރައިގެ އިތުރުން ރޯދަ އިނާޔަތާއި ޕެންޝަން ފައިސާ، ދިނުމުގައި ވެސް އެފްއޭއެމުން ފަރުވާކުޑަ ކުރާ މައްސަލަ މީގެ ކުރިން ވެސް ފެންމަތި ވެފައި ވެއެވެ. މިދިޔަ ދެ އަހަރުގެ ރޯދަ މަހު ވެސް މުވައްޒަފުންނަށް ރޯދައިގެ އިނާޔަތް ދިނީ ގާނޫނުގައި ދޭން ކަނޑައަޅައިފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ.
މި އަހަަރަށް އެފްއޭއެމުން ވަނީ 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ބަޖެޓް ފާސްކުރަން ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަމުން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ ގުދަންތައް ކުއްޔަށް ދީގެން، ބަޖެޓްގެ ބޮޑު ބައެއް ކަވަރު ކުރެވޭނެ ކަމަށެވެ.
އެކަމަކު ފައިސާގެ މައްސަލަތަކާ ހުރެ އެފްއޭއެމް އޮތީ އަނދަވަޅަކަށް ވެއްޓިފަ އެވެ. ކްލަބްތަކަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާއެއް ނުދެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މެދުވެރިވެގެން، އޮކްޓޯބަރު 2021 ގައި ގައުމީ ޓީމު ކުޅުންތެރިންނަށް ހޯދައިދިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެފްއޭއެމްއާ ހަވާލު ކުރުމުން، އެ ފައިސާ އަދި ވެސް ކުޅުންތެރިންނަށް ދީ ހަލާސްކޮށްފައެއް ނުވެ އެވެ.