ރައީސް ކެމްޕޭން ދަތުރުކުރައްވަނީ އެމްޑީޕީން ކުއްޔަށް ހިފި ލޯންޗެއްގައި
ރައީސް ކެމްޕޭން ދަތުރުކުރައްވަނީ އެމްޑީޕީން ކުއްޔަށް ހިފި ލޯންޗެއްގައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ދަތުރުތައް ކުރައްވަނީ ޕާޓީގެ ހަރަދުގައި ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށް ކެމްޕޭން ޓީމުން މިއަދު ބުނެފި އެވެ.

ރިޔާސީ ކެމްޕޭން މިއަދު ށ. އަތޮޅުން ފެއްޓެވިއިރު ރައީސް ވަޑައިގަތީ ރިޔާސީ ލޯންޗުކޮޅުގައެއް ނޫނެވެ. ދަތުރު ކުރެއްވީ އެމްޑީޕީން ހިފާފައި އޮތް ލޯންޗެއްގަ އެވެ.

ކެމްޕޭން ޓީމުން ބުނި ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އިރު ވެސް ރައީސް ދަތުރުކުރެއްވީ ޕާޓީގެ ހަރަދުގައި ކުއްޔަށް ހިފި ލޯންޗެއްގަ އެވެ. ރިޔާސީ ކެމްޕޭންގެ ދަތުރައް ވެސް ކުރައްވާނީ އެ އުސޫލުން ކަމަށް އެ ޓީމުން ބުނެ އެވެ.

އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެމްޕޭން ކުރާ މައްސަލަ އަަބަދުވެސް ފެންމަތިކުރެ އެވެ. މިއީ ކޮންމެ ޕާޓީއަކުން ވެރިކަން ކުރާއިރު ވެސް ކުރިމަތިވާ ފާޑުކިއުމެކެވެ.

ދައުލަތުގެ މުދަލާއި ވަސީލަތްތަކުގައި ކެމްޕޭންކުރާ ކަމަށް ރައީސާއި އެމްޑީޕީއަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ފަހުން ބޭއްވި މަޖިލީހުގެ ބައި އިލެކްޝަންގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށެވެ.

ޕީޕީއެމްގެ ސަރުކާރު އޮތް އިރު ވެސް ދައުލަތުގެ ހަރަދުގައި ކެމްޕޭންކުރާ މައްސަލަ އެމްޑީޕީ ހިމެނޭ ގޮތުން މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ފެންމަތިކުރުވި އެވެ.

ދައުލަތުގެ ހަރަދުގައި ކެމްޕޭންކުރާ މައްސަލަ ކޮންމެ އިންތިހާބަކަށް ފަހު އޭސީސީއަށް ހުށަހެޅިޔަސް އެކަށީގެންވާ ގޮތެއްގައި ބެލި ހައްލެއް ނުލިބެ އެވެ.