10 ޖުލައި 2023 - 06:29

"ހަމް ސާތު ސާތު ހޭ" އާއި "ހަމް އާޕްކޭ ހޭ ކޯން" ކަހަލަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ޑައިރެކްޓުކުރި ސޫރަޖް ބަރްޖަޔަތީގެ ފިލްމެއްގެ މަސައްކަތް ސަލްމާން ހާން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި، ސަލްމާންގެ ކުރިއަށް އޮތް ފިލްމުގެ ނަމަކީ "ޕްރޭމް ކީ ޝާދީ" އެވެ. އެއީ ބޮޑު އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކާނެ ފެމެލީ ޑްރާމާ ފިލްމެކެވެ.
ސަލްމާން މިފަހުން އަންނަނީ ފެމެލީ ޑްރާމާ ފިލްމުތަކަށް ހާއްސަ އިސްކަމެއް ވެސް ދެމުންނެވެ. މިދިޔަ މަހު ނުކުތް އޭނާގެ ފިލްމު "ކިސީ ކާ ބައި ކިސީ ކާ ޖާން" އަކީ ވެސް އާއިލީ ކަންތައްތަކެއް ދައްކާ ފިލްމެކެވެ.
އާ ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މިހާރު ކުރިއަށް ގެންދާއިރު، އަންނަ މަހު ޝޫޓިން ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
"ޕްރޭމް ކީ ޝާދީ"ގެ ކާސްޓުގައި ދެން ހިމެނޭ ތަރިން އަދި އިއުލާންކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި، އެ ފިލްމުގައި ލީޑުން ސަލްމާނާއެކު ފެންނާނީ ޕަރިނީތީ ޗޯޕްރާ އާއި ކްރިތީ ހަރްބަންދާ އެވެ.
ސޫރަޖް ބަރްޖަޔަތީއާއެކު ސަލްމާން އެންމެފަހުން މަސައްކަތްކުރީ 2015 ވަނަ އަހަރު އެވެ. އެއީ އޭނާ ޑައިރެކްޓްކުރި ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ"ގަ އެވެ.
"ޕްރޭމް ކީ ޝާދީ" ސިނަމާއަށް ގެންނާނީ އަންނަ އަހަރު އޮކްޓޯބަރުގައި ކަމަށްވެ އެވެ.
ސަލްމާން އަންނަނީ ކެޓްރީނާ ކައިފް އާއި އިމްރާން ހާޝްމީއާ އެކު "ޓައިގާ 3"ގެ މަސައްކަތް ވެސް ކުރަމުންނެވެ.