ސީރިއާގައި ތިބި ދިވެހިން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނަނީ
ސީރިއާގައި ތިބި ދިވެހިން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނަނީ

ސީރިއާގައި ތިބި ދިވެހި އާއިލާތައް އަންނަ މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގެން ކޮމަންޑޫގައި ރައީސް ވިދާޅުވީ 70 އަށްވުރެ ގިނަ ދިވެހިން ސީރިއާގައި އަމިއްލައަށް މަރުވެއްޖެ ކަމަށާއި 100 އަށްވުރެ ގިނަ މީހުން ހަނގުރާމަގައި އުޅޭއިރު އެ މީހުންގެ އާއިލާތައް އެ ތަނުގައި ބިކަވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތަކީ އެ ތަނުގައި އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް އޮގަސްޓް މަސް ނިމެންވާއިރަށް އެ އާއިލާތައް އަޅުގަނޑުމެން ރާއްޖެއަށް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

މީގެކުރިން ވެސް މި ސަރުކާރުން ވަނީ ސިރިއާގައި ހާލުގައި ޖެހިތިބި ދިވެހި އާއިލާއެއް ރާއްޖެ ގެނެސް، ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކޮށްފަ އެވެ. އެއީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ.

އެ އާއިލާ ރާއްޖެ ގެނައީ ހަނގުރާމައިން އަނބުރާ އަންނަ މީހުންގެ ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަންއާ ގުޅޭ ގަވާއިދަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަމަލު ކުރަން ފެށުމަށްފަހު މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ހާލުގައި ޖެހިފައިވާ އާއިލާތައް އަނބުރާ ރާއްޖެ ގެނެސްދިނުމަށް، ރައީސް ސޯލިހާއި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގައި އެ މީހުންގެ އާއިލާތަކުން އެދިފައިވެ އެވެ. އެ މައްސަލަ އަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.