09 ޖުލައި 2023 - 12:29

ޖަލު ހުކުމެއްގައި ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅައިފި ނަމަ ބަލައިގަންނާނެ ކަމަށާއި އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ފުއާދު "މިހާރު" އަށް ވިދާޅުވީ ފޯމު ހުށަހަޅައިފި ނަމަ ބަލައިނުގަންނަން ނިންމާފައި ނެތް ކަމަށެވެ. ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ފޯމު ހުށަހެޅުމުގެ ފުރުސަތު ޕީޕީއެމަށް އޮތް ކަމަށް ވިދާޅުވި އެވެ.
"ކެންޑިޑެސީ ފޯމު ބަލައިގަންނާނެ. އެއަށް ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ގާނޫނީ ގޮތުން ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު،" ފުއާދު ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރުމާ މެދު ގާނޫނީ ގޮތުން އޮންނަ މަރުހަލާތައް ބަލަން ފަށާނީ ފޯމު ހުށަހެޅުމުން ކަން ފުއާދު ފާހަގަކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހު 23 ގައި ހުޅުވާލަން ނިންމާފައިވާ އިރު ޕީޕީއެމުން ބުނަނީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމަށެވެ. އެކަމަކު، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަދި ނުނިމޭތީ ވާދަކުރެއްވުމުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ.
ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ޝަރުއީ ނިޒާމަށް އިތުބާރު އޮތް ކަމަށާއި ވަގުތު އޮއްވައި ހައި ކޯޓުގެ އިސްތިއުނާފް ނިމޭނެ ކަމަށެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 23 އިން އަންނަ މަހުގެ 7 އަށް ހުޅުވާލުމާ އެކު ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.