މި މަސް ނިމުމުގެ ކުރިން ދެ ކޮމަންޑޫ ގުޅާލާ ބިން ހިއްކައި ނިމޭނެ: ރައީސް
މި މަސް ނިމުމުގެ ކުރިން ދެ ކޮމަންޑޫ ގުޅާލާ ބިން ހިއްކައި ނިމޭނެ: ރައީސް

މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ދެ ކޮމަންޑޫ ގުޅާލާ ބިން ހިއްކުމުގެ މަސައްކަތް މި މަސް ތެރޭ ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންޑު އަށް ރައީސް ޔަގީންކަން ދެއްވީ މި ޖުލައި މަސް ނިމުމުގެ ކުރިން ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފަށައި ނިންމާލެވޭނެ ކަމުގެ އެވެ.

ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ގެންނަ އާ ޑްރެޖަރު ހއ. އިހަވަންދު އަށް ވަރަށް އަވަހަށް ބަނދަރުކުރާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނުވަ ދުވަހުން ނިންމުމަށް ފަހު، ދެން ޑްރެޖަރު އަންނާނީ ކޮމަންޑު އަށް ކަމަށެވެ.

"މި ޖުލައި މަހުގެ ފަހު ދިހައެއްގައި މި ޑްރެޖަރު އޮންނަނީ ކޮމަންޑޫގައި، އިރާދަކުރެއްވިއްޔާ މި މަސް ނިމިގެން ދާނީ އަޅުގަނޑުމެން ވައުދުވީ ގޮތަށް މި ދެ ކޮމަންޑޫ ދޭތެރޭ ހިއްކަން ޖެހޭ ބިން ހިއްކުމަށް ފަހު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެ ކޮމަންޑޫ ގުޅާލާ އެންމެ ބޮޑު ސަބަބަކީ، ކޮމަންޑޫގެ ބިން ފުރި، ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިވުމެވެ. ދެ ކޮމަންޑޫ ގުޅާލުމަށް ފަހު އެ ތަނުގައި 300 ހައުސިން ޔުނިޓް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އަޅައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުއަކީ މިދިޔަ އަހަރު ބޭއްވި މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިިއިލެކްޝަންގެ ތެރޭގައި ވައުދުވި މަޝްރޫއުއެކެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް އޭރު ފެށި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ މަސައްކަތް މަޑުޖެހިފަ އެވެ.

އެންމެ ފުރަތަމަ އެ މަޝްރޫއުގައި ބޭނުންކުރީ އެމްޓީސީސީގެ މަހާޖައްރާފެވެ. ނަމަވެސް، އެ ޑްރެޖަރުގައި މައްސަލަތަކެއް ދިމާވެ، މަސައްކަތް މަޑުޖެހުނީ ކަމަށް އޭރު ކޮމަންޑޫ ކައުންސިލުން ހާމަކޮށްފައިވެ އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ތެރެއިން މަތިކޮމަންޑޫން ބިން ހިއްކުމާ އެކު، ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމް ކުރުމާއި ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެ އެވެ. އަދި ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ގުޅާލަން ޕްލޭންކޮށްފައި ވަނީ ކޮންކްރީޓް ފާލަމަކުންނެވެ.