09 ޖުލައި 2023 - 11:47

ބަޓޫމީ، ޖޯޖިއާ (ޖުލައި 9) - ގާތްގަނޑަކަށް 40 އަހަރަށް ފަހު ޔޫއެފާ 21 އަހަރުން އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންކަން އިންގްލެންޑުން ހޯދައިފި އެވެ.

އިންގްލެންޑުގެ ޒުވާން ފުޓްބޯޅަ ޓީމު ޔޫރޯ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި 0-1 އިން ސްޕެއިން ބަލިކޮށްގެންނެވެ.
ޖޯޖިއާގެ އަޖަރަބެޓް ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ލިވަޕޫލްގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ސްޕެއިންގެ އަބެލް ރުއިޒް ޖެހި ގޯލެއް އޮފްސައިޑް ވުމުން ވަނީ ކެންސަލްކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓުގައި އުއްމީދީ ޑިފެންޑަރު ލެވީ ކޮލްވިލް ރުއިޒް އަށް ކުރި ފައުލަކަށް ރެފްރީ ސްޕެއިނަށް ޕެނަލްޓީއެއް ދިނެވެ. އެކަމަކު ރުއިޒް ފޮނުވާލި ޕެނަލްޓީ ހުށިޔާރުކަމާ އެކު އިންގްލެންޑުގެ ގޯލްކީޕަރު، ޖޭމްސް ޓްރެފޯޑް މަތަކުރި އެވެ. އެ ބޯޅަ ދެ ވަނަ ފަހަރު ސްޕެއިންގެ ކުޅުންތެރިއަކު ފޮނުވާލުމުން ވެސް ޓްރެފޯޑް މަތަކުރީ އެވެ. ޓްރެފޯޑް ސޭވްކުރި ބޯޅަ ތިން ވަނަ ފަހަރު ސްޕެއިން ކުޅުންތެރިޔާ ފޮނުވާލުމުން ދިޔައީ ގޯލު މަތިންނެވެ.
މެޗުގެ ހީރޯ އަކަށްވި ޓްރެފޯޑް، 20، އަންނަ ސީޒަނުގައި ފެންނާނީ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ބާންލީ އިންނެވެ. ޓްރެފޯޑް ވަނީ 2021 ވަނަ އަހަރު މެންޗެސްޓާ ސިޓީއާ ގުޅުމަށް ފަހު މިދިޔަ ތިން ސީޒަނުގައި ލޯނު އުސޫލުން އެކްރިންޓަން ސްޓަންލޭ އާއި ބޯލްޓަން ވޮންޑްރާސް އަށް ކުޅެފަ އެވެ.
ޓްރެފޯޑް ބާންލީ އަށް ބަދަލުވަނީ 24 މިލިއަން ޑޮލަރަށެވެ. ޓްރާންސްފާއާ އެކު ޓްރެފޯޑް ވާނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ތިން ވަނަ އަށް ކްލަބް ބަދަލުކުރި އެންމެ އަގުބޮޑު ގޯލްކީޕަރަށެވެ.
މުބާރާތް އިންގްލެންޑް ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. އިންގްލެންޑަކީ ގޯލެއް ނުވަދެ 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ޓީމެވެ.
އިންގްލެންޑުން މީގެކުރިން 21 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންކަން ހޯދީ 1982 އަދި 1984 ވަނަ އަހަރު އެވެ. އޭގެފަހުން 2009 ވަނަ އަހަރުގެ ފައިނަލުގައި ޖަރުމަނު އަތުން ބަލިވި އެވެ. އެކާވީސް އަހަރުން ދަށުގެ ޔޫރޯގައި އެންމެ ކާމިޔާބު ދެ ޓީމަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އާއި ސްޕެއިން އެވެ.