09 ޖުލައި 2023 - 11:54

ތަރައްގީގެ ގޮތުން ކުރިއެރުންތަކެއް ހޯދަމުން އަންނަ ށ. ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އޮތުން މުހިންމު ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ ކޮމަންޑުއާ ޖެހިގެން އޮތް ކުޑަފަރުގައި އެއާޕޯޓެއް އެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ދައުރެއްގެ ރިޔާސީ ކެމްޕޭންގައި ރައީސް މި ރަށަށް ވަޑައިގަތުމުން ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވަނީ ރައްޔިތުންގެ ޑިމާންޑްތައް އެމަނިކުފާނާ ހިއްސާކުރައްވައިފަ އެވެ. އެންމެ ބޮޑު ކަމަކަށް ރައްޔިތުން އެދުނީ އެއާޕޯޓެއް އަޅައިދިނުމަށެވެ.

ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ ޑިމާންޑަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ 20 މިނެޓްގެ ދަތުރަކުން އެއާޕޯޓުން ރަށަށް އާދެވޭނެ ގޮތް ހަދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. ކޮމަންޑޫ ހިމެނެނީ 20 މިނެޓުން ރަށަށް ނާދެވޭ ރަށްތަކުގެ ތެރޭގައި ކަަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ފަސް އަހަރު ތެރޭ ކުޑަފަރުގައި އެއާޕޯޓެއް އަޅާނަން،" ރައީސް ވިދާޅުވި އެވެ.
ކޮމަންޑޫއާ މިހާރު އެންމެ ކައިރީގައި އޮންނަނީ ރ. އިފުރު އެއާޕޯޓެވެ. އެ އެއާޕޯޓުން ސްޕީޑްލޯންޗެއްގައި ކޮމަންޑޫއަށް އާދެވެނީ ގާތްގަނޑަކަށް 45 މިނެޓުންނެވެ.
ކޮމަންޑުއަށް މި ސަރުކާރުން މިހާތަނަށް ވެފައި އޮތް އެންމެ ބޮޑު ވައުދަކީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އެވެ. މިދިޔަ އަހަރު ބޭއްވި މި ދާއިރާގެ ބައި އިލެކްޝަންގެ ތެރޭގައި އެ މަޝްރޫއު ފެށި ނަމަވެސް، މިހާތަނަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
އެކަމަކު ރައީސް މިއަދު ވިދާޅުވީ އެ މަޝްރޫއު ނިންމާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ގެންނަ އާ ޑްރެޖަރު ފުރަތަމަ ގެންދަނީ ހއ. އިހަވަންދުއަށެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުން ނިންމާލައި ދެން ފަށާޏީ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ރައީސް ލަފާކުރައްވާ ގޮތުން، ދެ ކޮމަންޑޫ ގުޅާލުން މި އަހަރުގެ ނިޔަލަށް ނިމޭނެ އެވެ. އެއާއެކު އެ ތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމަންޑޫ ހިމެނޭ ގޮތަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ 90 ޕަސެންޓް، ރައީސް ވިދާޅުވި ގޮތުގައި މިހާރު ވަނީ ނިމިފަ އެވެ. ނުވަތަ އެކަންކަަން އަންނަނީ ހިނގަމުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮމަންޑޫއަކީ ކެމްޕެއިނަށް ފަރިތަ، މޮޅަށް ކެމްޕެއިން ކުރާ ރަށެއް ކަމަށާއި މި ރަށުން ފަށާ ކެމްޕެއިނެއް ބަލިވެފައެއް ނެތް ކަމަށެވެ. އެހެންކަމުން ފެށުން މި އޮތީ ރަނގަޅު މިސްރާބަކަށް ކަމަށާއި ސަރުކާރު ކޯލިޝަނަށް ބޮޑު ތަނުން ތާއިދު ލިބިގެންދާނެ ކަމަށެވެ.
"އުފާވެރި، އަމާން ރާއްޖެ" އަކަށް ޝިއާރުގެ ދަށުން ކެމްޕެއިން ކުރައްވާ ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް އެންމެން ވެސް ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ހަމަޖެހޭ މުޖުތަމައުއެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރުން ކުރި އެންމެ ބުރަ މަސައްކަތަކީ ހަމަޖެހޭ އަމާން މުޖުތަމައުއަކަށް ހޯދުމަށް ކުރި މަސައްކަތް ކަމަށާއި ރައްޔިތުންނަށް އެ އަމާންކަން މިއަދު ފެންނަ ކަމަށް ވިދާޅުވި އެވެ.
"އުފާވެރި ދިރިއުޅުމެއް ލިބެންޖެހޭ، ދިވެހި ކޮންމެ ފަރުދަކީ އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެވޭ މީހަކަށް ވާން އެބަޖެހޭ. އަސާސީ ހިދުމަތްތަކުން މަހުރޫމްވެގެން ތިބެ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި މި އަންނަނީ އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.
"މަގާއި ބަނދަރާއި ކަރަންޓާއި ދަތުރުފަތުރާއި ފެނާއި ނަރުދަމާ މި ދަނީ ގާއިމްވަމުން، ޓާޝަރީ ހޮސްޕިޓަލުތައް އެބަ ގާއިމްވޭ، ޖޫނިއާ ކޮލެޖްތައް އެ ދަނީ އެޅެމުން."
ރައީސް ވިދާޅުވީ މި ސަރުކާރުން އެކަންކަން ރައްޔިތުންނަށް ކޮށްދެނީ ދަތިތަކަކާ ކުރިމަތިލާން ނުޖެހޭތީ ނޫން ކަމަށެވެ. މި ހިދުމަތްތައް ދޭން މަސައްކަތް ކުރާއިރު ވެސް މެދުނުކެނޑި ސަރުކާރަށް އުނދަގޫކުރި ބަޔަކު ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމިއްލަ މަސްލަހަތު އިސްކޮށް އެ ކަންކަމަށް ހުރަސްއެޅިޔަސް ސަރުކާރުން އެއަށް ޖާގައެއް ނުދެ އެވެ. އެމަނިކުފާނު އިސްކުރެއްވީ ރައްޔިތުންގެ ދިރިއުޅުން ކަމަށް ވިދާޅުވި އެވެ.
"ފަސްދޮޅަސް ދުވަސް ފަހުން ނިންމުމެއް ތިޔަބޭފުޅުން އަނެއްކާވެސް ނިންމަވާނެ. ވަރަށް ގިނަ ބޭފުޅުން ވަޑައިގަންނަވާނެ. ގިނަ ވައުދުތައް ވާނެ. ވިސްނަންވީ ފަސް އަހަރު ކަންހިނގައިދިޔަ ގޮތް، އޭގެ ކުރި ވެސް ބަލަންވީ. އެ ކަންހިނގައިދިޔަ ގޮތް ވަށައިގެން ބައްލަވައި މިނެކިރަންވާނެ،" ރައީސް ވިދާޅުވި އެވެ.
"އަނިޔާވެރިކަމާއި ބިރުވެރިކަމާ ދިމާއަށް ދާންތޯ ނޫނީ އުފާވެރި އަމާން ރާއްޖެއަށް އަޅުގަނޑުމެން މި ކުރާ ދަތުރުގައި ކުރިއަށް ދާނީތޯ ނިންމަވަނީ ތިޔަ ރައްޔިތުން. ހަމަ ގައިމު ވެސް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ އަނިޔާވެރިކަމަކަށް ދާކަށް،"
ރައީސް ވިދާޅުވީ ކޮމްންޑޫ ރައްޔިތުންގެ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި އެއީ މުޅި ރާއްޖޭގެ މުސްތަގުބަލް ގުޅިފައިވާ ނިންމުމެއް ކަމަށެވެ.
"އެ ނިންމުން ގުޅިފައިވަނީ މި ރަށަކަށް މި އަތޮޅަކަށް އެކަންޏެއް ނޫން، މުޅި ރާއްޖޭގެ އެންމެންނާ ގުޅިފައިވާ ނިންމުމެއް، އެހެންވީމަ ފުންކޮށް ވިސްނުމަށްފަހު ތިޔަބޭފުޅުން ނިންމަވާނެ ގޮތާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.