ގޯތި ލިބޭ މީހުންނާ ޖޮއިންޓްވެގެން ގޯތި ކަށަވަރުކުރެވޭ ގޮތް ހަދައިފި
ގޯތި ލިބޭ މީހުންނާ ޖޮއިންޓްވެގެން ގޯތި ކަށަވަރުކުރެވޭ ގޮތް ހަދައިފި

މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރަން ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގައި މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުންނަށް، "ގޯތި ލިބޭ" ކެޓަގަރީގައިވާ މީހުންނާ ގުޅިގެން ގޯތި ކަށަވަރު ކުރެވޭ ގޮތް ހަދައިފި އެވެ.

ގޯތި ލިބޭ މީހުންނާ ޖޮއިންޓްވެގެން ގޯތި ކަށަވަރުކުރެވޭ ގޮތް ހަދައިފި
ގޯތި ލިބޭ މީހުންނާ ޖޮއިންޓްވެގެން ގޯތި ކަށަވަރުކުރެވޭ ގޮތް ހަދައިފި

ކުރިން އޮތް ގޮތުން ނަމަ "ޝަރުތު ހަމަވޭ، ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންނަށް ޖޮއިންޓް ވެވޭނީ ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން އެ މީހަކާ ޖޮއިންޓް ވުމުގެ ތިމާގެކަމުގެ ގުޅުން އޮތް "ޖޮއިންޓް ވެގެން ގޯތި ލިބޭ" ސްޓޭޓަސްގެ މީހުންނާ އެކަންޏެވެ.

އެކަމަކު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތުހަމަވޭ ޖޮއިންޓުވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުގެ ތެރެއިން "ގޯތި ލިބޭ" މީހުންނާ ވެސް ޖޮއިންޓުވެގެން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ. މިހެން ޖޮއިންޓް އެޕްލިކޭޝަން ލުމުން "ޖޮއިންޓް ވެގެން ގޯތި ލިބޭ" ސްޓޭޓަސްގައިވާ މީހާ އަށް ގޯތި ކަށަވަރުވާނެ އެވެ.

މި ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާން އެދޭ ފަރާތްތަކުން ފޮނުވާ ރިކްއެސްޓް ޖޫން 15 ވަނަ ދުވަސް ނިމުމުގެ ކުރިން ހުށަހަޅައި "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓް އެ ރިކުއެސްޓް ގަބޫލުކުރުމުން ކަމަށް އިއުލާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ވެސް ޖޮއިންޓުވާން އެދެވޭނީ ބިންވެރިޔާ އުސޫލުގެ ޖޮއިންޓް ވުމުގެ ޝަރުތުހަމަވާ ފަރާތަކަށެވެ.

ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް ވެސް ބުނެފައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.