09 ޖުލައި 2023 - 10:03

ކ. ތުލުސްދޫގައި އިއްޔެ ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފްވެރި ކޮށްދެއްވައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާޅާއެޅުމުގެ ބައިނަލްއަގުވާމީ މުބާރާތެއް ކުރިއަށް ގެންދާއިރު، މުބާރާތް ފެއްޓުމުގެ ގޮތުން އިއްޔެ ވަނީ ކުލަގަދަ ހަފްލާއެއް ބާއްވައިފަ އެވެ. މުޅި އެކު 18 ގައުމަކުން ބައިވެރިވާ މުބާރާތް ފެށުމުގެ ގޮތުން، ރާޅާއަޅާ ކޮމިއުނިޓީގެ އެއްބައިވަންތަކަން ދައްކުވައިދޭ "ސޭންޑް ސެރެމަނީ" ގައި ކޮންމެ ގައުމަކުން ވެސް، ފްލެގް ބެއަރާ އަކާއި ސޭންޑް ޕޮއުރާ އެއް ބައިވެރި ވިއެވެ.

އެގޮތުން ފްލެގް ބެއަރާ އެއްގެ ގޮތުގައި ރާއްޖޭގެ ދިދަ ވިހުރާލީ މިދިޔަ އަހަރުގެ ރާއްޖޭގެ ގައުމީ ލީގުގެ ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަދި ސޭންޑް ޕޮއުރާ އަކަށް ހުރީ، ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިޔާ، މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ. ރާއްޖޭން މި ސެރެމަނީގައި ބޭނުން ކުރީ ތުލުސްދޫގެ ރަންދާ (ކޯކްސް) ރާޅުގަނޑު ސަރަހައްދުގެ ވެއްޔެވެ.

އާޔާ އަކީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ހަމައެކަނި އަންހެން އެތުލީޓެވެ. އަދި މިއީ ސާފިން ފެޑެރޭޝަނަކުން ބާއްވާ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއްގައި ރާއްޖޭން އަންހެން އެތުލީޓަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އާޔާ އަކީ މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގައި ހޮވި ރާއްޖޭގެ އެއްވަނަ ރާޅާއެޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ އަކީ މިހާތަނަށް އެމްއެސްއޭ އިން ބޭއްވި މުބާރާތްތަކުގައި އަންހެން ކެޓަގަރީގެ ހުރިހާ އިވެންޓަކުން ޗެމްޕިއަންކަން ހޯދި އެތުލީޓެވެ. އެގޮތުން 2021 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖާއި، މިދިޔަ އަހަރު ގދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާ، ކ. ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތް އަދި މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަނަކީ ވެސް އާޔާ އެވެ.
ރާއްޖޭގެ ފްލެގް ބެއާ އަންމަޑޭގެ އުފަން ރަށުގައި މި މަހުގެ 17 އާ ހަމައަށް މުބާރާތް ކުރިއަށް ގެންދާއިރު، އަންމަޑޭގެ އެއްބަނޑު އެއްބަފާ ބޭބެ ހަސަން ނާސިހު (ޗިކާ) ވެސް ރާއްޖޭގެ ސްކޮޑުގައި ހިމެނެ އެވެ. އަންމަޑޭ އާއި ޗިކާ އަކީ ރާއްޖޭގްން ފުރަތަމަ އެކުލަވާލި ސާފިން ގައުމީ ޓީމުގައި ވެސް ހިމެނުނު ދެ އެތުލީޓުންނެވެ.
މިއަހަރުގެ މުބާރާތުގައި ޗިކާ ވާދަ ކުރަނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ތުލުސްދޫ އަށް ހުޅުވާލެވުނު ވައިލްޑް ކާޑް ސްލޮޓުގަ އެވެ. ވައިލްޑްކާޑް ދެ ސްލޮޓް އެ ރަށުގެ ރާޅާ އެޅުންތެރިންނަށް ދީފައި ވެއެވެ. އަނެއް ސްލޮޓުގައި ވާދަ ކުރަނީ އާދަމް މުއީން އިބްރާހިމް އެވެ.
ފިރިހެން އޯޕަން ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަކީ އަންމަޑޭ އާއި ޗިކާ އަދި މުއީންގެ އިތުރުން ހޫދު އަހުމަދު (ހޫބްޒް)، ޖައިލަމް ނިޒާރު، ހުސައިން އަރީފް (އިބޫ)، އަބްދުﷲ އަރީފް (ފުކޫ) އަދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ.
ޖޫނިއާ ސާފަރުން ވެސް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަ ކުރެ އެވެ. ޖޫނިއާ ސްކޮޑުގައި ހިމެނެނީ، ކަޔާން އަބްދުﷲ އަރީފް، ޔާސިން އަހުމަދު ނާޝިދު، މުހައްމަދު ޒަޔާން، ސައްޔިދު ސަލާހުއްދީން، އިސްމާއިލް މަދޫހު އަހުމަދު، ޝާނިފް ޝަފީގް، މުހައްމަދު އިނާން އަބްދުލްހަންނާން އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ރާއްޖޭގެ ޓީމުން މުބާރާތަށް ތައްޔާރުވީ ތަޖުރިބާކާރު ކޯޗު ދެކުނު އެފްރިކާގެ ކްލައިޑް މާޓިންގެ އިތުޝާދުގެ ދަށުންނެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތަަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އޭޝިއަން ސާފިން ފެޑެރޭޝަނުން މި މުބާރާތް ބާއްވާއިރު މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. ހަމަ އެއާ އެކު މި މުބާރާތުގެ ސަބަބުން އޭޝިއާ ސަރަހައްދުގެ ލެވެލްގައި ރާއްޖޭގެ އެތުލީޓުންގެ ފެންވަރު ދެނެގަނެވޭނެ ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ.
"މިފަދަ ހައި ލެވެލް މުބާރާތެއް ރާއްޖެއަށް ގެނެވުން މިއީ އަޅުގަނޑުމެންގެ އެތުލީޓުންނަށް ލިބޭ ވަރަށްބޮޑު ފުރުސަތެއް. އަދި ސާފިންއަށް ލޯބިކުރާ ހުރިހާ އެތުލީޓުންނަށް ވެސް ލިބޭ ވަރަށްބޮޑު ފުރުސަތެއް،" ސޮބާހް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ މައިދާނެއްގައި އޭޝިޔާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކާއެކު ރާޅާ އަޅާލަން ލިބިފައި މިއޮތީ. އެމީހުންގެ ސްކިލް އަދި ޓެލެންޓް މިނެކިރާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ރާއްޖޭގެ ސާފަރުން ތިބި ލެވެލް ދެނެގަނެވޭނެ މުބާރާތެއް މިއީ."
މުޅި އެކު 87 ސާފަރުން ވާދަކުރާ މި މުބާރާތުގައި، ރާއްޖޭގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ޗައިނާ، ޗައިނީޒް ޓައިޕޭ، އިންޑިއާ، އިންޑޮނޭޝިއާ، އިރާން، ޖަޕާން، ލެބަނަން، މެލޭޝިއާ، މޮންގޯލިއާ، ފަލަސްތީން، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ދެކުނު ކޮރެއާ، ސްރީލަންކާ އަދި ތައިލެންޑުގެ ސާފަރުން ވާދަ ކުރެ އެވެ.
އެންމެ ފަހުން މި މުބާރާތް ބާއްވާފައި ވަނީ 2019 ވަނަ އަހަރު ޖަޕާނުގަ އެވެ. އެ މުބާރާތުގެ ފައިނަލް ހީޓުގައި އިބޫ އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަ ކުރި އެވެ. އިބޫ އަށް ތިން ވަނަ ލިބުނުއިރު ސްމައިލީ ދިޔައީ ހަތަރު ވަނައަށެވެ.