ފާޑުކިޔާ މީހުން ބޭނުންވަނީ އަހަރެން ޖަލަށްލާން: ވެންގާ
ފާޑުކިޔާ މީހުން ބޭނުންވަނީ އަހަރެން ޖަލަށްލާން: ވެންގާ

ލަންޑަން (ޖެނުއަރީ 30) - އިނގިރޭސި އެފްއޭ އިން ދިން އަދަބު އެޕީލްނުކުރީ ކުށް ގަބޫލުކޮށް ކުރިޔަށްދާން ބޭނުންވާތީ ކަމަށާއި އެހެން ނަމަވެސް ފާޑުކިޔާ މީހުން ބޭނުންވާނީ އޭނާ ޖަލަށް ލާން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އިނގިރޭސި އެފްއޭ އިން ވެންގާ ބެންޗަށް ނުދެވޭ ގޮތަށް ހަތަރު މެޗަށް ސަސްޕެންޑްކުރީ ލީގުގައި ބާންލީ އަތުން އާސެނަލް މޮޅުވި މެޗުގައި ބެންޗުން ފޮނުވާލުމުން މެޗުގެ ހަތަރު ވަނަ އޮފިޝަލް އެންތަނީ ޓޭލާއާ ބޭއަދަބީ ބަހުން މުއާމަލާތުކޮށް އޭނާ ކޮށްޕާލުމުންނެވެ.

ވެންގާ ސަސްޕެންޑްކުރި ފަހުން އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ސައުތެމްޓަން އަތުން 5-0 އިން މޮޅުވެފަ އެވެ.

"އަހަރެންނަށް އެފްއޭ އިން ދިން އަދަބު އެޕީލްނުކުރީ ކުށް ގަބޫލުކުރާތީ. އަހަރެން ބޭނުމެއް ނުވޭ ދެން އެފަދަ ކަމެއް ތަކުރާރުވާން. އެކަމަކު އަހަރެންނަށް ފާޑުކިޔާ މީހުން އެގޮތެއް ބޭނުމެއް ނުވޭ. އެ މީހުން އެންމެ ހިތްހަމަ ޖެހޭނީ އަހަރެން ޖަލަށް ލީމާ،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ބެންޗަށް ނުދެވުނު ނަމަވެސް އޭނާގެ ފަރާތުން ޓީމަށް ދޭން ޖެހޭ އެހީތެރިކަން ދިނުމުގައި ފަރުވާ ކުޑަނުކުރާނެ ކަމަށެވެ.

"އަހަރެންގެ ކެރިއަރުގައި ވަރަށް ގިނަ ފަހަރު އެބަހުރި ބެންޗަށް ނުދެވޭ ގޮތަށް އަދަބު ދީފައި. ބެންޗުގައި ނެތަސް އަހަރެން ޓީމަށް ދޭން ޖެހޭ ސަޕޯޓް ފުރިހަމަ އަށް ދޭނަން. އެސިސްޓަންޓަށް ފުރިހަމަ އަށް އިތުބާރު އެބައޮތް،" ވެންގާ ބުންޏެވެ.

މި ސީޒަނުގެ ނިޔަލަށް ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ވެންގާ ބުނީ އެއްބަސްވުން އާ ކުރުމާ ގުޅޭގޮތުން އަދި މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.