09 ޖުލައި 2023 - 06:24

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ކުރިއަށް އޮތް ފިލްމު "އޮޕަންހައިމާ"ގައި އެއްވެސް ވަރަކަށް ސީޖިއައި ބޭނުންނުކުރާ ކަމަށް އޭނާ ބުނެފި އެވެ.
ނޯލަން އަކީ އަބަދުވެސް ސީޖިއައިއާ ވަރަށް ދެކޮޅު ޑައިރެކްޓަރެކެވެ. އޭނާގެ އެހެން ފިލްމުތަކުގައި ވެސް މަންޒަރުތައް އަސްލާ އެއްގޮތް ކުރަން ސީޖިއައި ބޭނުންކުރަނީ ވަރަށް މަދުންނެވެ. އޭނާ އަކީ ފިލްމުތައް ބަލާ މީހުންނަށް އަސްލު އިހުސާސްތައް ގެނެސްދިނުމުގެ ގޮތުން ޕްރެކްޓިކަލް ސްޓަންޓުތައް ޖައްސާ ކުޅަދާނަ ޑައިރެކްޓަރެކެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ކޮލައިޑާގެ ޗީފް އެޑިޓަރު ސްޓީވް ވެއިންޓްރަބްއާ ވާހަކަދައްކަމުން ނޯލަން ބުނީ އޭނާގެ އެންމެފަހުގެ ފިލްމުގެ ހަމައެކަނި ފޯކަސްއަކީ ޕްރެކްޓިކަލް މަންޒަރުތަކެއް ނެގުން ނޫން ކަމަށާއި އެއްވެސް މަންޒަރެއްގައި މިފަހަރު ސީޖިއައި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
"އޮޕަންހައިމާ" ބިނާކޮށްފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށެވެ. މި ފިލްމުގައި ރޮބާޓް އޮޕެންހައިމާގެ ރޯލު ކުޅެނީ ކިލިއަން މާފީ އެވެ.
ނޯލަން ކުރިން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، އެ ފިލްމު ބަލާ މީހުންނަށް ނިއުކްލިއާ އެކްސްޕްލޯޝަނެއް ނުވަތަ އަސްލު ނިއުކްލިއާ ބޮމެއް ގޮވުމުގެ އިހުސާސް ކުރެވޭނެ އެވެ.
މި މަހު 21 ގައި ސިނަމާތަކުގައި އަޅުވަން ފަށާ މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ މެޓް ޑޭމަން، އެމިލީ ބްލަންޓް، ރޮބަޓް ޑައުނީ ޖޫނިއާ، ފްލޮރެންސް ޕޫ، ޖެކް ކުއައިޑް، ބެނީ ސަފްޑީ، ރަމީ މަލެކް، ޑޭން ޑީހާން، ޖޯޝް ހާނެޓް، މެތިއު މޮޑައިން، ކެނެތު ބްރަނައި، ޑޭވިޑް ކްރަމްހޯލްޓްޒް، މައިކަލް އެންގްރާނޯ އަދި އޮލްޑެން އެރިންރައިކް އެވެ.