09 ޖުލައި 2023 - 06:22

އިންޑިއާގެ ސިޔާސީ ގިނަ ލީޑަރުންނަކީ އެއްވެސް ތައުލީމެއް ނެތް ބައެކޭ ބުނުމުން ބޮލީވުޑްގެ އެކްޓްރެސް ކާޖޮލް ހޫނުފެނަށް ވައްޓާލައިފި އެވެ.
ކާޖޮލްގެ ކުރިއަށް އޮތް ވެބް ސީރީޒް "ދަ ޓްރަޔަލް" ޕްރޮމޯޓްކުރުމަށް އިންޑިއާގެ ނޫހެއް ކަމަށްވާ، ދަ ކުއިންޓްއަށް ދިން އިންޓަވިއެއްގައި އޭނާ ބުނީ ގައުމެއްގެ ކުރިއެރުމަށް ތައުލީމީ ލީޑަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ހާއްސަކޮށް އިންޑިއާ ކަހަލަ ގައުމެއްގައި ބަދަލެއް އަންނަނީ މަޑުމަޑުން. ވަރަށް، ވަރަށް މަޑުމަޑުން. އެހެންވާ ސަބަބަކީ އަހަރެމެން މި ތިބެނީ އަހަރެމެންގެ ބޯދާ ސަގާފަތްތަކުގެ ތެރެއަށް ހުސްވެ، ވިސްނުން ވެސް ފަސޭހައިން ބަދަލުނުކުރެވޭ ހިސާބުގައި. ހަމަގައިމުވެސް، އެއީ ތައުލީމާ ގުޅުންހުރި ކަމެއް،" ކާޖޮލް ބުންޏެވެ.
"އަހަރެމެންގެ ތެރޭގައި އެބަ އުޅޭ އެއްވެސް ތައުލީމެއް ނެތް ސިޔާސީ ލީޑަރުން."
ކާޖޮލް ބުނި ގޮތުގައި، ތައުލީމަކީ ހާސިލުކުރަން ޖެހޭ އެއްޗެއް ކަން، މިހާރުގެ ސިޔާސީ ގިނަ ލީޑަރުން ގަބޫލު ވެސް ނުކުރެ އެވެ. އެމީހުންގެ ވިސްނުން އެގޮތަށް ހުންނަނީ ވެސް ނުކިޔަވާ ތިބޭތީ އެވެ.
އިންޓަވިއުގައި ކާޖޮލް އެގޮތަށް ވާހަކަދެއްކުމުން އިންޑިއާގެ ބައެއް ސިޔާސީ ލީޑަރުން ހިތްހަމަނުޖެހިގެން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.
އެ ފާޑުކިޔުންތައް ބޮޑުވުމުން ކާޖޮލް ފަހުން ޓުވީޓެއް ވެސް ކުރި އެވެ. އެ ޓުވީޓްގައި ކާޖޮލް ބުނީ އިންޓަވިއުގައި އެގޮތަށް ވާހަކަދެއްކީ އެއްވެސް މީހަކު ދަށްކޮށްލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
"އަހަރެން ހަމައެކަނި ބުނީ ތައުލީމާއި އޭގެ މުހިންމު ކަމުގެ ވާހަކަ. އެ ވާހަކަ ދެއްކީ އެއްވެސް ސިޔާސީ ލީޑަރަކު ދަށްކޮށްލުމުގެ ނިޔަތަކު ނޫން. އަހަރެމެންގެ ތެރޭގައި އެބަ ތިބި ބައެއް މޮޅު ލީޑަރުން، ގައުމު ރަނގަޅަށް ހިންގޭނެ،" އޭނާ ބުންޏެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދޭ ކާޖޮލްގެ "ދަ ޓްރަޔަލް" ސްޓްރީމް ކުރަން ފަށަނީ މި މަހު 14 ގަ އެވެ.