ހަ މަހެއް ނޫން، ޗެލްސީގައި ފުރަތަމަ ދުވަހު ނަތީޖާ ނެރެންޖެހޭ: ޕޮޗެޓީނޯ
ހަ މަހެއް ނޫން، ޗެލްސީގައި ފުރަތަމަ ދުވަހު ނަތީޖާ ނެރެންޖެހޭ: ޕޮޗެޓީނޯ

ލަންޑަން (ޖުލައި 8) - ޗެލްސީ އިން ނަތީޖާ ނެރެން ހަ މަސް ބޭނުންވާނެކަން ސަޕޯޓަރުން ގާތުގައި ނުބުނާނެ ކަމަށާއި، ފުރަތަމަ ދުވަހު ވެސް އެކަން ކުރަންޖެހޭ ކަމަށް އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޗެލްސީއާ ހަވާލުވުމަށް ފަހު ޕޮޗެޓީނޯ، 51، އަންނަނީ އެޓީމު އާ ސީޒަނަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޗެލްސީއާ އެކު އާޖެންޓީނާ އަށް އުފަން ކޯޗު ހެދީ ދެ އަހަރުގެ އެއްބަސްވުމެކެވެ.

މިދިޔަ ސީޒަނުގެ ލީގު 12 ވަނައިގައި ޗެލްސީ ނިންމާލިއިރު އެޓީމަށް ތިން ކޯޗުން އިރުޝާދުދިނެވެ.

"ފުރަތަމަ ދުވަހުން ފެށިގެން ޗެލްސީ އިން ނަތީޖާ ނެރެންޖެހޭ. ތަފާތެއް ގެންނަން ހަ މަސް ބޭނުންވާކަމަށް ސަޕޯޓަރުން ގާތު ބުނެވޭކަށް ނެތް" ބޮޑު ޗެލެންޖަކާ ކުރިމަތިލާން ތައްޔާރުވަމުން އަންނަ ކޯޗު ބުންޏެވެ.

ޕޮޗެޓީނޯ ކޯޗިން ފެށީ ސްޕެއިންގެ އެސްޕަންޔޯލް އިންނެވެ. އޭގެފަހުން ސައުތެމްޓަން އާއި ޓޮޓެންހަމް ހޮޓްސްޕާ އަދި ޕީއެސްޖީގެ ކޯޗުކަން ކުރި އެވެ. ޓޮޓެންހަމް ގޮވައިގެން 2019 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށް ލިވަޕޫލް އަތުން ބަލިވީ އެވެ. ޕީއެސްޖީގައި ފްރެންޗް ލީގު ކާމިޔާބުކުރި އެވެ.

ޗެލްސީގެ ފަރިތަކުރުންތައް ފެށުމަށް ފަހު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޕޮޗެޓީނޯ ބުނީ މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު ޗެލްސީ އަކީ އިންގްލެންޑުގެ އެންމެ މޮޅު ޓީމު ކަމަށެވެ. ޕޮޗެޓީނޯ އެހެން ބުނުމުން މެންޗެސްޓާ ސިޓީ އިން ހޯދަމުން އަންނަ ކާމިޔާބީގެ ވާހަކަތަކާ އެކު އޭނާ އަށް ޕްރެޝަރުވި އެވެ.

ޕޮޗެޓީނޯ ވަނީ ސިޓީ އިން ހޯދަމުން އަންނަ ކާމިޔާބީ އަށް މަރުހަބާ ކިޔައި، ސިޓީއާ ވާދަކުރެވޭ ވަރުގެ ޓީމެއް ތައްޔާރުކުރަން ބޭނުންވާކަމަށް ބުނެފަ އެވެ.

އާ ސީޒަނަށް ޗެލްސީ ނުކުންނާނީ ސްކޮޑަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. އެޓީމަށް ކުޅުނު ކައި ހަވާޓްޒް އާއި މޭސަން މައުންޓް އަދި ސެޒާ އަޒްޕިލިކުއެޓާ ވަނީ ކްލަބް ދޫކޮށްލާފަ އެވެ. އެޓީމަށް ވަނީ ވިޔަރެއާލަށް ކުޅުނު ސެނެގޯލްގެ ފޯވާޑް ނިކޮލަސް ޖެކްސަން ގެނެސްފަ އެވެ.

"އެންމެ މުހިއްމީ ޓީމުގައި ބެލެންސެއް އޮތުން. ޕްލޭނަކަށް ވީ ކުޅުންތެރިންގެ އަދަދު މަދުކޮށް ރޭވުންތެރިކަމާ އެކު ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންދަން. ކުޅުންތެރިން ވަގުތު ބޭކާރު ކުރާކަށް ފުރުސަތު ދޭން އަހަރެން ބޭނުމެއް ނޫން. ޗެލްސީގައި އޮންނާނީ ނަތީޖާ ނެރެވޭ ވަރުގެ ޓީމެއް" އާ ސީޒަނަށް ތައްޔާރުކުރާ ޓީމާ ގުޅޭގޮތުން ޕޮޗެޓީނޯ ބުންޏެވެ.