08 ޖުލައި 2023 - 09:12

އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލާ، ފުޓްބޯޅައިގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުން އިސްނަގައިގެން ފަށާ "ސޭވް އެފްއޭއެމް" ކެމްޕޭންގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވަން އެ ހަރަކާތުން ނިންމައިފި އެވެ.

ޝީ ބިލްޑިންގެ ތިންވަނަ ފަންގިފިލާގައި ހުންނަ އަސަރީ މާލަމްގައި ބާއްވާ ބައްދަލުވުން ފަށާނީ މިރޭ 8:45 ގައި ކަމަށް އެ ހަރަކާތުން ބުންޏެވެ.
އެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ، މިރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް، ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިންނާއި ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިންނާއި މާލެ އާއި އަތޮޅުތަކުގައި ފުޓްބޯޅައިގައި ޝާމިލުވާ ކަލްބްތަކަށް ދައުވަތު ފޮނުވާފާއިވާނެ ކަމަށެވެ.
"އޭގެ ތެރެއިން އިންޑަވިޖްއަލް ބައެއް ބޭފުޅުން އެބައޮތް ވަޑައިގަންނަވާނެ ކަމަށް ކޮންފަމޭޝަން ދެއްވާފަ،" އޭނާ ވިދާޅުވި އެވެ.
"ފުޓްބޯޅައިގައި ޝާމިލުވާ އަތޮޅުތެރޭގެ ބައެއް ކްލަބްތަކުން ވެސް ރެޕްރެޒެޓޭޓިވްއެއް ފޮނުއްވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައި އެބައޮތް."
ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް މިފަހަރު ރާއްޖެ ކެޓުމުން ފުޓްބޯޅައިގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވާ ބޭފުޅުން ކޮޅެއް ފެށި ކެމްޕޭންގެ ސްލޯގަން އެއް ގޮތަށް ބޭނުން ކުރަނީ "ސޭވް އެފްއޭއެމް" އެވެ.
މީރޭގެ ބައްދަލުވުމުގައި އޮތީ ފުޓްބޯޅައިގެ މި ވަގުތުގެ ހާލަތާއި އަދި ކުރިމަގާ ބެހޭގޮތުނާއި އެ ކެމްޕޭން ކުރިއަށްދާނެ ގޮތަކާ މަޝްވަރާކުރުމެވެ.