07 ޖުލައި 2023 - 12:21

ރުމޭނިއާ (ޖުލައި 6) - ޔޫއެފާ ޔޫރަޕިއަން 21 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ފައިނަލުން އިންގްލެންޑާއި ސްޕެއިން ޖާގަ ހޯދައިފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ރުމޭނިއާގައި ފެށި މުބާރާތުގައި 16 ގައުމު ވާދަކުރި އެވެ.
އިންގްލެންޑް ފައިނަލުގެ ޖާގަ ހޯދީ ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގައި 3-0 އިން އިޒްރާއީލް ބަލިކޮށްގެންނެވެ. ސްޕެއިން ފައިނަލް ކަށަވަރުކުރީ ރޭ ޔޫކްރޭންއާ ވާދަކޮށް 1-5 އިން މޮޅުވެގެންނެވެ.
އިޒްރާއީލް އަތުން މޮޅުވި މެޗުގައި އިންގްލެންޑުގެ ގޯލުތައް ކާމިޔާބު ކޮށްދިނީ މޯގަން ގިބްސް ވައިޓާއި ކޯލް ޕަލްމާ އަދި ކެމެރޮން އާޗާ އެވެ. ސްޕެއިން ހޯދި ފަސޭހަ މޮޅުގައި ޔޫކްރޭން ކޮޅަށް ގޯލުތައް ޖެހީ އަބެލް ރުއިޒް އާއި އޮއިހަން ސަންޗެޓްގެ އިތުރުން އެންޓޯނިއޯ ބްލަންކޯ އާއި އައިމާ އޮރޯޒް އަދި ސާޖިއޯ ގޮމޭޒް އެވެ. ޔޫކްރެއިންގެ ހަމައެކަނި ލަނޑު ޖެހީ އަރްތެމް ބޮންޑަރެންކޯ އެވެ.
އިންގްލެންޑް ވަނީ ގްރޫޕް ސްޓޭޖުގައި އިޒްރާއީލް އާއި ޗެކް ރިޕަބްލިކް އަދި ޖަރުމަނު އަތުން ވެސް މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި ޕޯޗުގަލް އަތުން އިންގްލެންޑް މޮޅުވީ 0-1 އިންނެވެ.
ސްޕެއިން ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކުއާޓާގައި އިތުރު ވަގުތު ކުޅެގެން 1-2 އިން ސްވިޒަލެންޑް ބަލިކުރި އެވެ.
ސްޕެއިން އަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ސްޕެއިންއާ އެކު ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ އިޓަލީ އެވެ. ސްޕެއިނުން ޗެމްޕިއަންކަން ހޯދީ 1986، 1998، 2011، 2013 އަދި 2019 ވަނަ އަހަރު އެވެ.
އިންގްލެންޑުން ވަނީ 1982 އަދި 1984 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އިންގްލެންޑް ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު އެވެ. އެފަހަރު ފައިނަލުގައި ޖަރުމަނު އަތުން އިންގްލެންޑް ވަނީ 0-4 އިން ބަލިވެފަ އެވެ.
ސްޕެއިން އާއި އިންގްލެންޑް ވާދަކުރާ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.