07 ޖުލައި 2023 - 11:25

އިންސާނާގެ ދިރިއުޅުމުގެ ކަންކަން އަބުރުވެރި ގޮތެއްގައި އެކަމަކު އަދުލުވެރި ގޮތެއްގައި ފުއްދުމަށްޓަކައި އިންސާނާއަށް މުދާ މިލްކު ކުރުން ހުއްދަވާ ގޮތްތަކާއި ހުއްދަ ނޫން ގޮތްގޮތާއި ހުއްދަ ގޮތުގައި މުދާ ހޯދާއިރު ތަބާވާން ޖެހޭ ކަންކަމާއި މުދާ ދައުރުވެގެންދާ އިރު ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ ތަފާތު ހުކުމްތައް އިސްލާމީ ޝަރީޢަތުގައި ބަޔާންކުރެއެވެ.

މިގޮތުން ﷲ ދެއްވާ މުދާ ހެޔޮކަންކަމަށް ހޭދަކޮށް މުޖުތަމައުން ފަގީރުކަން ނައްތާލުމުގެ އުސޫލުތަކާ ބެހޭގޮތުންނާއި ހުއްދަގޮތުގައި މުދާހޯދުމާއި މުޖުތަމައުގެ މަސްލަހަތުތަކަށް ރިއާޔަތް ކުރުމާ ބެހޭ ބައެއް އުސޫލުތަކާ ބެހޭގޮތުން ކުރީގެ ދެލިޔުމެއްގައި ވާނީ އަލިއަޅުވާލައިފަ އެވެ.

މި ލިޔުމުގައި މިބަލައިލަނީ ﷲ ދެއްވާ މުދާ އަދުލުވެރި ގޮތުގައި ދައުރުވެގެން ދިއުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ މައްޗަށެވެ.
މުދާ މިލްކު ކުރުމުގެ ފުރުސަތުތައް ލިބުމާއި މުދަލުން ހޭދަކުރުމުގައި ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތަކަށް ތަބާނުވާ ނަމަ ބޭއިންސާފުން ހަމައެކަނި ވަރަށް މަދު ބައެއްގެ އަތްމަތީ މުދާ ޖަމާވުމަކީ އެކަށީގެންވާ ކަމެކެވެ.
އިންސާފުވެރި ގޮތެއްގައި އަދި މުދަލުން އަދާކުރަންޖެހޭ ހައްގުތައް ފުރިހަމައަށް އަދާކުރުމަށް ފަހު މުއްސަނދިން އަތުގައި މުދާ ދައުރުވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އިސްލާމް ދީން ނަފުރަތު ކުރަނީ ބޭއިންސާފުން މިކަން ވެގެން ދިއުމެވެ.
ޣަނީމާ މުދަލުން ބައެއް (ފައިއު ގެ ގޮތުގައި) ނަގައި އެއިން ޔަތީމުންނަށާއި މިސްކީނުންނަށާއި ގާތްތިމާގެ މީހުންނަށާއި ދަތުރުވެރިންނަށް ދޭން މާތްﷲ އެންގެވި ސަބަބު ކަމުގައި ބަޔާން ކުރައްވާފައި ވަނީ، އެ މުދާތައް ހަމައެކަނި މުއްސަނދިންގެ މެދުގައި ދައުރުވޭވެ ހުރިޔަނުދިނުމަށްޓަކައި ކަމުގަ އެވެ (އަލްޙަޝްރު 7). ޢުމަރުގެފާނުގެ ޒަމާނުގައި އިރާގާއި ޝާމުގެ ބިންތަކުން އެ ރަށްތައް ފަތަހަ ކުރި މީހުން (ފާތިހުން) ނަށް ބެހުމުގައި ސަހާބީންގެ މެދުގައި ރައުޔު ތަފާތުވި އެވެ.
ޢުމަރުގެފާނު ވިދާޅުވީ ފާތިހުންނަށް އެ ބިންތައް ނުބަހައި ފަތަހައިގައި ނާކާމިޔާބުވި އެ ރަށްތަކުގެ އަހުލުވެރިން އަތްމަތީ އެ ބިންތައް ބާއްވާފައި އެމީހުން އަތުން ޚަރާޖު (ދަނޑުބިމުގެ ޓެކުސް) ނެގުމަށެވެ. މި ރައުޔަށް ވަރަށް ގިނަ ސަހާބީން އެއްބަސްވެ ވަޑައިގަތެވެ. ސަބަބަކީ އެގޮތަށް ފާތިހުންނަށް އެބިންތައް ބަހާލެވިއްޖެ ނަމަ ބިމުގެ މުއްސަނދިކަން އޮންނާނީ ހަމައެކަނި ވަކިބައެއްގެ އަތްމަތީގަ އެވެ. އޭގެ ބަދަލުގައި އެކި ފެންވަރުގެ ގިނަ ބައެއްގެ އަތްމަތީ އެ ބިންތައް އޮތުމުން ގިނަ ބަޔަކަށް އާދައިގެ ފެންވަރުގެ ގިނަ ބަޔަކަށް މުއްސަނދިކަން ބެހިގެންދާނެ އެވެ. އަދި އެތަނުން ޓެކުސް ލިބޭ ގޮތަށް އޮތުމުން މުޅި ދައުލަތަށް އެއިން މަންފާ އަބަދު ވެސް ލިބެމުންދާނެ އެވެ.
ހަގީގަތުގައި އިސްލާމްދީން ބޭނުން ވަނީ ކޮންމެހެން ބަޔަކު މުއްސަނދިވިޔަ ނުދޭކަށް ނޫނެވެ. އެކަމަކު މަދު މީސްކޮޅެއް މާބޮޑަށް މުއްސަނދިވެގެން ގޮސް އަނެއްކޮޅުން ފަގީރުންގެ ފަގީރުކަން އިންތިހާ އަށް ދިޔަނުދީ ހިފެހެއްޓުމެވެ. އަދި މުއްސަދިންގެ ނަފުސުގައި މުދަލަށް އުފެދިދާނެ ދަހިވެތިކަމެއްގެ ސަބަބުން އެހެން މީހުންނަށް އަނިޔާއާއި ގެއްލުންދީ މުޖުތަމައު ފަސާދަ ކުރުމަށް ހުޅުވިދާނެ ދޮރުތައް ބަންދު ކުރުމެވެ.
އިސްލާމްދީން ބޭނުންވަނީ އެއްވެސް ކޮޅަކަށް އަނިޔާއެއްނުވެ ފަރަގުތައް ވީވަރަކުން ކުޑަކުރާށެވެ. ފަގީރުންތައް މުއްސަނދިންނާ އެއް ދަރަޖައަށް ގެންނާކަށް ނޫނެވެ. މާތްﷲ އެކި އިންސާނުން ތަފާތު ކުރައްވާފައި ވަނީ އެކަލާނގެ ދެނެވޮޑިގެންވާ މަތިވެރިވެގެންވާ ހިކުމަތްތަކަށްޓަކައެވެ. މިގޮތުން ފަގީރުން ފަގީރުންގެ ގޮތުގައި ތިބުމަކީ ވެސް އިޖުތިމާއީ ވަޒަންހަމަވުމާއި އެކަކު އަނެކަކަށް ހިދުމަތްތެރިންގެ ގޮތުގައި މީހުން ވެގެންދިއުން ފަދަ އެތައް ފައިދާތަކެއް ވެސް ލިބޭނެ ކަމެކެވެ.
އެއްބައެއްގެ އަތްމަތީ އެކަނި ދައުރުވިޔަ ނުދިނުމަށްޓަކައި ކޮންމެ މީހެއްގެ މުދަލަކަށް ވެސް އެހެން މީހުންގެ ފަރާތުން ރައްކާތެރިކަން ދޭންޖެހޭނެ އެވެ. މާތްﷲ އަންގަވާފައި ވަނީ ބާތިލު ގޮތުގައި އެކަކު އަނެކަކުގެ މުދާ ކައި ނުހެދުމަށެވެ (އަލްބަޤަރާ 188). ވީމާ ދައުލަތުގެ ފަރާތުން ވެސް އެ މިލްކިއްޔަތަށް ހިމާޔަތް ލިބޭނެ ގޮތްތައް ރާވަން ޖެހޭނެ އެވެ.
ރިބާ އާއި ޖުވާއާއި ވައްކަމާއި ފޭރުމާއި މިނޫންވެސް، މުދަލުގެ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަންކަން ހުއްޓުވުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތައް ހަދައި ނުކިޔަމަންތެރިންނަށް ދޭނެ އުގޫބާތްތައް ކަނޑައަޅަން ޖެހޭނެ އެވެ. އަދި ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރަން ޖެހޭނެ އެވެ. ދައުލަތް ހިންގަން ތިބޭ ބަޔަކަށް ވެސް އެއްވެސް މީހެއްގެ މުދަލެއް އަތުލެވޭނީ ޟަރޫރީ ހާލަތެއް މެދުވެރިވެގެން ނުވަތަ އެންމެންގެ މަސްލަހަތަށްޓަކައި އެކަންޏެވެ.
ފަރުދީ މިލްކިއްޔަތަށް އިސްލާމްދީން އިހުތިރާމު ކުރި ނަމަވެސް މުދަލުގެ ހަގީގީ މިލްކުވެރިޔަކީ މާތްﷲ ކަމަށް ވުމާއި، މުދަލުގެ ބޭނުމަކީ މުޅި މުޖުތަމައަށް އެއިން ހެޔޮ ފޯރުން ކަމަށް ވާހިނދު، ކޮންމެ މުދަލެއްގައި ވެސް އިޖުތިމާއީ ރައްކާތެރިކަމާއި ތަކާފުލަށްޓަކައި ވަކި މިންވަރެއް އިސްލާމްދީނުގައި ހާއްސަ ކުރެވިފައި ވެއެވެ.
މިގޮތުން ވަކި މިންވަރަކަށް މުދަލެއް މިލްކުވެ އެމިންވަރަށް ވުރެ މުދާ މަދުނުވެ އެއް އަހަރުވަންދެން މީހެއްގެ އަތުގައި ޖަމާވެފައި ހުރެއްޖެ ނަމަ އެހުރި މިންވަރެއްގެ ސާޅީސްބައިކުޅަ އެއްބައި (2.5 ޕަސެންޓް) ޒަކާތުގެ ގޮތުގައި ނެރެން ޖެހެއެވެ. މީހަކަށް 1000 ރުފިޔާ މިލްކު ކުރުމުގައި އޭނާ ކިތަންމެ ބުރަ މަސައްކަތެއް ކުރި ނަމަވެސް އެ މިލްކުވުމާ ހަމައަށް އެތައް ބައެއްގެ ނުސީދާ އެހީތެރިކަން އެކި ސިފަސިފައިގައި ލިބިފައިވާނެ އެވެ. މުޖުތަމައެއް ނެތި އޭނާ އެކަނި ހުރެގެން ހަމަ އެންމެ ލޯ ލާރިއެއްވެސް ހޯދާކަށް ލާހިކެއް ނޫނެވެ.
ވީއިރު އޭނާއަށް އެ 1000 ރުފިޔާ މިލްކުވެ އަދި އޭނާގެ ބޭނުންތަކަށް ހޭދަކުރުމަށް އޭގައި އަތްލާން ނުޖެހި އެއް އަހަރުވަންދެން ފޮރުވާފައި ބޭއްވޭ ވަރަށް ފޯރުންތެރި ވީމާ މުޖުތަމައަށް ޓަކައި އެއިން ހަމަ އެންމެ 25 ރުފިޔާ ދޭން ޖެހިލުންވާންވީ ކީއްވެހެއްޔެވެ؟
ހަގީގަތުގައި ޝަރުޢީ ގޮތުން ބަލާއިރު އެ 25 ރުފިޔާ އަކީ އޭނާގެ އެއްޗެއް ވެސް ނޫނެވެ. އެކަމަކު ވެސް ދަހިވެގެން ގޮސް އެހެން ބައެއްގެ އެހާ ކުޑަކުޑަ އެތިކޮޅެއް ނުދީ ހިފަހައްޓައިގެން ދެންހުރި މުދާތައް މުޑުދާރު ކުރުން މާރަނގަޅު ކަމަށް ހީވަނީ ހެއްޔެވެ؟ ދަހިވެތިކަމުގެ ނުބައި ސިފައިން ސަލާމަތްވާން ބޭނުންނަމަ ޒަކާތުގެ އިތުރުން ވެސް ސަދަގާތާއި، އިޖުތިމާއީ ކަންކަމަށް ހޭދަ ކުރުމާއި، ހެޔޮގޮތުގައިދޭ ދަރަންޏާއި، އަދި ޟަރޫރީ ހާލަތެއް ޖެހިގެން ބައިތުލްމާލަށް މުދާ ކޮންމެހެން ބޭނުންވެއްޖެ ނަމަ އެކަމަށްވެސް އެހީތެރިވުން ފަދަ ހޭދަތައް ކުރެވިދާނެއެވެ.
މިއީ އިޖުތިމާއީ ތަކާފުލުގެ ތެރެއިން އެކަންކަމަށް އިސްލާމްދީން ނުހަނު ބާރުއަޅާ ކަންކަމެވެ. މިކަންކަމުގެ ސަބަބުން ދުނިޔެމަތީގައި އުނިވެގެން އެދާ ބައިގެ ބަދަލުގައި އޭގެ ދިހަ ގުނައިން 700 ގުނައާ ހަމައަށް އާޚިރަތުގައި ދަރުމަ ލިބޭނެ އެވެ.
ތަރިކަމުދާ ބެހުމުގެ ނިޒާމަކީ އިސްލާމްދީނުގައިވާ ވަރަށް ވަރުގަދަ ނިޒާމެކެވެ. މީހެއްގެ މުދަލުން އޭނާގެ ބޭނުންތައް ފުއްދައި މުޖުތަމައުގެ ތަކާފުލަށް އެހީތެރިވުމަށް ފަހު ބާކީ ހުންނަބައި އޭނާ މަރުވެގެން ދިއުމުން ކަނޑައެޅިފައިވާ ބަޔަކަށް ތަރިކަ މުދަލުގެ ގޮތުގައި މިލްކު ކޮށްދެވެއެވެ.
މި ނިޒާމުގައި މުދާބެހިގެން ދާއިރު ވަރަށް ގިނަ ބަޔަކު އޭގައި ބައިވެރިވެއެވެ. އެހެންވެ ބޮޑުކޮށް އޮންނަ އެއް މުދާގަނޑު ކުދިކުދި ކޮށްލައި މުއްސަނދިކަން އެތައް ބައިތަކަކަށް ބަހާލެވިގެން ދެއެވެ. އަދި މި ބައިތަކަށް ބެހިގެންދާއިރު ތަފާތު މިންވަރުން ދެވެއެވެ. މިގޮތަށް މިންވަރު ތަފާތު ކުރުން ބިނާވެފައި ވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ.
ފުރަތަމަ ކަމަކީ މައްޔިތާއާ އޮންނަ ގުޅުމެވެ. ގާތްވި ވަރަކަށް ގިނައިން، ދުރުވިވަރަކަށް މަދުންނެވެ. ދެވަނަ ކަމަކީ ޝަރުޢީ ހަމައިން ބަލާއިރު ވާރުތަވެރިންގެ މާލީ ޒިންމާގެ މިންވަރެވެ. ޒިންމާ ބޮޑު މީހުންނަށް ގިނައިން، ޒިންމާ ކުޑަމީހުންނަށް މަދުންނެވެ. ތިންވަނަ ކަމަކީ މާލީ ޒިންމާ އުފުލަންޖެހޭ ލަފާ ކުރާ މުއްދަތެވެ. ލަފާ ކުރެވޭ މުއްދަތު ދިގުވި ވަރަކަށް ގިނައިން، އެމުއްދަތު ކުރުވި ވަރަކަށް މަދުންނެވެ. މިގޮތަށް ބަހާލުމުން ވަރަށް އިންސާފުވެރި ގޮތެއްގައި އިސްލާމީ ނިޒާމުގައި ތަރިކަ މުދާ ބެހެވެ އެވެ.
ތަރިކަމުދާ މީހަކު މަރުވެގެން ދިޔަ އިރު އޭނާގެ އެއްވެސް ވާރުތަވެރިއެއް ނެތް ނަމަ، ނުވަތަ ވާރުތަވެރިން ތިބޭ ހާލަތެއްގައިވެސް ފަރުޟު ކުރެވިފައިވާ ހިއްސާ ބެހުމަށް ފަހު ޢަޞަބާ އިން (ފަރުޟު ބައިތައް އެޅުމަށްފަހު ބާކީބައި ދޭން އިސްލާމްދީނުގައި ކަނޑައެޅިފައިވާ މީހުންނަށް ދޭ ދިނުން) ދެވޭނެ ފަރާތެއް ނެތް ނަމަ އެ މުދަލެއް މިލްކު ކޮށްދެވެނީ ބައިތުލް މާލަށެވެ. މިހެން ހެދުމުން އަނެއްކާވެސް އިޖުތިމާއީ ތަކާފުލަށް އިތުރު ކުރިއެރުމެއް ލިބިގެން ދެއެވެ.
މިފަދަ އުސޫލުތަކަށް ތަބާވުމުން މުދަލަކީ އިންސާފުވެރި ގޮތެއްގައި މުޖުތަމައުގައި ދައުރުވެގެންދާ އެއްޗަކަށް ވެގެންދާނެއެވެ. މުޖުތަމައުގެ މަސްލަހަތަށްޓަކައި މިއީ ވަރަށް މުހިންމު ކަމެކެވެ.