ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!
ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށާ އެކު 11 އަހަރަށް ޖަލަށް ލާފައި ވިޔަސް ސަޕޯޓަރުން އެ ތިބީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ.

ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!
ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 7 ގައި ބަންދުވުމާ ދެމެދު މި އޮތް 29 ދުވަހުގެ ތެރޭގައި ހައި ކޯޓުން ޔާމީންގެ އިސްތިއުނާފް ނިމި ހުކުމް ބާތިލްކުރާނެ ކަމުގެ ޔަގީންކަން ދިފާއީ ވަކީލުން ދެއްވަ އެވެ. އަނެއްކޮޅުން ޕާޓީގެ ލީޑަޝިޕުން ބުނަނީ ހުކުމް ބާތިލް ނުކުރިޔަސް، ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ސައްހަވާނެ ކަމަށެވެ. ކުރުކޮށް ބުނާ ނަމަ، ޔާމީނަށް ކޮށްފައިވާ ހުކުމްތަކާ މެދު ވިސްނުމުގެ މާބޮޑު ބޭނުމެއް ނެތެވެ.

ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!
ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!

އެހެންވެ، ޕީޕީއެމް/ޕީއެންސީން ރިޔާސީ ޓިކެޓް ދީފައިވާ ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގެ ވާހަކަ ދެއްކުން ވެސް އެއީ ޕާޓީގެ މަސްލަހަތު ގެއްލުވާލުން ކަމަށް މިހާރު އޮތީ ވެފަ އެވެ. އެކަމަކު އެ ދޭ ޔަގީންކަމުގައި ހަގީގަތް ހިމެނެނީ ކިހާ ވަރަކަށް ހެއްޔެވެ؟

ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!
ޔާމީންގެ ކެންޑިޑެސީއާ މެދު ސަޕޯޓަރުންނާ ސަމާސާ ނުކުރޭ!

ހައި ކޯޓުގައި ކުރިއަށްދަނީ ޔާމީންގެ އެންމެ މައްސަލައެއް ކަމަށް ވަރަށް ގިނަ މީހުންނަށް ހީވެ އެވެ. އެކަމަކު ޔާމީނަށް ސާބިތުވި ދެ ކުށާއި އެ މަނިކުފާނާ އެކު މައްސަލައިގައި ހިމެނޭ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ސާބިތު ކުށަކާ އެކު ތިން ގަޟިއްޔާއެއް ދަނީ ކުރިއަށެވެ. އެއީ؛

➊ ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ

➋ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ

➌ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

ހައި ކޯޓުގެ އެއް ފަނޑިޔާރުންތަކެއް ހިމެނޭ ގޮތަށް މި ތިން މައްސަލަ ކުރިއަށް ގެންދަނީ އެއް ހެކިތަކެއްގެ މައްޗަށް ބިނާކޮށް އިއްވާފައިވާ ހުކުމްތަކަކަށް ވާތީ އެވެ. މިއިން ކޮންމެ މައްސަލައެއްގައި ބަދަލުވާނީ ރިޔާސަތުގައި އިންނަ ފަނޑިޔާރު އެކަންޏެވެ. ޔޫސުފް ނައީމްގެ މައްސަލާގައި ރިޔާސަތަކީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ޔާމީން ރިޝްވަތު ގަބޫލުކުރި މައްސަލައިގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. މަނީ ލޯންޑަރިންގެ މައްސަލާގައި ރިޔާސަތަކީ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މީގެ ތެރެއިން އަދި އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި އެއްކޮށް ނިންމާލެވުނީ ޔޫސުފް ނައީމްގެ މައްސަލައިގަ އެވެ. ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި ދެ ދުވަހުން ވެސް އަދި ހުށަހެޅުންތަކާއި ދެ ފަރާތުގެ ވާހަކަ ނުނިމެ އެވެ. މި ޝަރީއަތްތައް ގެންދާނީ ފަހަރަކު މައްސަލައެއް ހުށަހަޅަމުން ކަމަށް ކުރީގެ ޝަރީއަތެއްގައި ވަނީ ފަނޑިޔާރުން ވިދާޅުވެފަ އެވެ. އެހެންވެ، އެންމެ ބޮޑު ހުކުމެއް އޮތް މަނީ ލޯންޑަރިންގެ އިސްތިއުނާފީ ހުށަހެޅުން ފެށޭނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ހުށަހެޅުންތައް ނިމިގެންނެވެ.

ކޯޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ކަންކަން ރޭވިފައި ހުންނަ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮންމެ ޝަރީއަތެއްގައި ދައްކާ ވާހަކަތަކީ ޓައިޕްކޮށް ލިޔެކިޔުމަށް ބަދަލުކުރަންޖެހޭ އެއްޗަކަށް ވާތީ ހަމައެކަނި އެކަމަށް ބެލި ނަމަވެސް މި ހިންގާ ދިގު ޝަރީއަތްތައް އަވަހަށް ނިންމަން ހުރި ގޮންޖެހުން ވަޒަންކުރެވެ އެވެ.

"ތިން ހަތަރު ގަޑިއިރުގެ ޝަރީއަތެއްގައި ދައްކާ ހުރިހާ ވާހަކައެއް ޓައިޕްކުރުމަކީ އެތައް ދުވަހެއްގެ މަސައްކަތް. އަނެއްކާ އެންމެ ޝަރީއަތެއްގެ މަސައްކަތެއް ނޫން މި މަސައްކަތްކުރާ މުވައްޒަފުންނަށް އޮންނާނީ. އަޑުއެހުންތައް ކިތަންމެ ބާރަށް ކުރިއަށް ގެންދިޔަޔަސް އެތައް ހާސް ޑޮކިއުމެންޓެއް ދިރާސާކުރަންޖެހުމާއި އެކަމާ ގުުޅުން ހުރި އިދާރީ މަސައްކަތްތައް އެއީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަންކަން،" ކުރީގެ ފަނޑިޔާރަކު ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ވަގުތު އޮއްވައި ހައި ކޯޓުން މައްސަލަ ނިންމާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް މިދިޔަ ހަފްތާގައި "މިހާރު" އަށް ވިދާޅުވި އެވެ. އޭނާ އެގޮތަށް ގަބޫލުކުރައްވާ އެންމެ ބޮޑު ސަބަބަކީ މި ޖަލު ހުކުމް ޔާމީންގެ ވަރަށް ގިނަ އިންތިހާބީ ހައްގުތަކާ ގުޅިފައި އޮތުމެވެ. އެ ހާލަތުގައި ހައި ކޯޓުން އެކަމަށް ގޮތެއް ހޯދައިދޭނެ ކަމަށް ޖަމީލް ގަބޫލުކުރައްވަ އެވެ.

އެކަމަކު ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ކުރީގެ ފަނޑިޔާރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ސުންގަޑި ހަމަވާން ހަތަރު ހަފްތާއަށް ވެފައި ވާއިރު އެއީ އަޑުއެހުންތައް ބޭއްވުމާއި މައްސަލަ ދިރާސާކުރުމަށް ބޭނުންވާ ވަގުތާއި އިދާރީ ކަންކަމަށް ބަލާއިރު އެކަށީގެންވާ ވަރަށް ވުރެ ކުޑަ ވަގުތެއް ކަމަށެވެ.

"އިސްކަންދޭ މައްސަލައެއްގެ ގޮތުގައި ބެލިޔަސް މީގައި މި އޮތީ ވަގުތުގެ މައްސަލަ. ހިއެއް ނުވޭ މި މުއްދަތުގައި މައްސަލަ ނިންމޭނެއެކޭ." އޭނާ ވިދާޅުވި އެވެ.

ޖަމީލް އެ ވިދާޅުވާ ގޮތަށް، ހާއްސަ އިސްކަމެއް ދީގެން މި މުއްދަތުގައި މައްސަލަ ނިންމާނެ ކަމަށް ބެލިޔަސް އަނެއް ސުވާލަކީ ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކުރާނެތޯ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މިކަމުގައި ވެސް ދެނީ ޔަގީންކަމެވެ.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުގެ އަދަބު މައާފްކުރިތާ ތިން އަހަރު ވެފައި ވުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ޝަރުތެއް ކަމަށް ގާނޫނުއަސާސީގައި އޮވެ އެވެ.

އެކަމަކު ޕީޕީއެމުން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ދައްކަން ނުޖެހޭ އެއް ސަބަބަކީ ހުކުމް އޮތަސް ޔާމީނަށް ފުރުސަތު ލިބޭނެތީ ކަމަށެވެ. އެހެން ބުނަނީ މިހާރު އޮތް ހުކުމަކީ ނިހާއީ ނުވަތަ ދެން ބަދަލު ނުވާނެ ހާލަތުގައި އޮތް ހުކުމަކަށް ނުވާތީ އެވެ. ދައްކަނީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު ދޮޅު އަހަރަށް ޖަލަށް ލާން ކުރި ހުކުމާ ގުޅިގެން މެންބަރުކަމާ މެދު ސުވާލު އުފެދި ސުޕްރީމް ކޯޓުން މީގެ 12 އަހަރު ކުރިން ނިންމި ގޮތެވެ.

މަޖިލީހުގެ މެންބަރުކަމުގައި ހުންނަވަނިކޮށް، ސަރުކާރުގެ މުވައްޒަފަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށް އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވެ 1 އަހަރާއި ހަ މަސް ދުވަހަށް އަރުވާލަން ހުކުމްކުރި އެވެ. ދަށު ކޯޓުން ސާބިތުވި ދައުވާ އިސްތިއުނާފު ކުރުމަށް ފަހު މަޖިލީހުގައި ޖަލްސާތަކުގައި އޭނާ ބައިވެރިވެރިވަޑައިގަންނަވަމުން ގެންދެވި އެވެ. ގާނޫނީ ބޮޑު ބަހުސަކަށްވި މި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ވާނީ އިސްތިއުނާފީ މަރުހަލާތައް ނިމުމުން ކަމަށެވެ.

އެކަމަކު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ދަށު ކޯޓުން އިއްވި ހުކުމް އިސްތިއުނާފުކޮށްފައި އޮތަސް ކުށުން ބަރިއްޔަވީ ކަމުގައި ނުބެލެވޭނެތީ ކުށްވެރިއެއްގެ ގޮތުގައި ހުރެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވެނޭ ކަމަށް ވެސް އެބަ އޮތެވެ. ނިންމުމުގައި އޮތީ ގޮނޑި ހުސްވި ކަމަށް ކަނޑައަޅައި އަލުން މެންބަރަކު އިންތިހާބުކުރަން ޖެހޭނީ އިސްތިއުނާފު މަރުހަލާ ނިމުމުން ކަމަށެވެ.

މި ނިންމުމަށް ބަލައި ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަނީ ރިޔާސީ އިންތިހާބަށް އިއުލާނުކުރުމުން ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެކަމުގައި ސުޕްރީމް ކޯޓަށް ގޮސްގެން ކާމިޔާބުވާނެ ކަމަށެވެ.

ނިހާއީ ހުކުމެއް ނެތުމުން ޔާމީނަށް ފުރުސަތު އޮތް ކަމަށް ހަވާލާދޭ ނިންމުމުގައި އޮތް އެހެން ނުކުތާއަކާއި ޔާމީންގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް 2015 ވަނަ އަހަރު ގެނައި އިސްލާހަކާ ގުޅުވާލުމުން ކެންޑިޑެސީއާ މެދު މާބޮޑަށް ސުވާލު އުފެދެ އެވެ.

"ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ." އެ ގާނޫނުގައި، ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތް ހެދުން ބަޔާންކުރާ މާއްދާގައި އޮވެ އެވެ.

އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި ބުނާ ގޮތަށް، ޖިނާއީ ހުކުމެއް އިސްތިއުނާފް ކުރުމަކީ ކުށުން ބަރިއްޔަވުމެއް ނޫނެވެ. ހުކުމް އިސްތިއުނާފް ކޮށްފައި އޮތަސް، ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި އެ ބުނާ ގޮތުން ޔާމީނަކީ ޕާޓީން ރިޔާސީ ޓިކެޓް ދީފައި އޮތަސް ގާނޫނީ ގޮތުން ބަލާއިރު ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ވެސް ނޫނެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައެއް ވެސް ނުގެންނެވޭނެ އެވެ. އެހެންވެ ޖަލު ހުކުމެއް އޮތް މީހެއްގެ ކެންޑިޑެސީ ފޯމް، އެ ހުކުމް ބާތިލް ނުކޮށް އޮތްހާ ހިނދަކު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުން އެބަ މަނާވެ އެވެ. - ޖަލު ހުކުމް އޮތްހާ ހިނދަކު ސިޔާސީ ގޮތުން ކުރެވޭނެ ހަމައެކަނި ކަމަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރުމެވެ.

އިސްމާއިލް އަބްދުލްހަމީދުގެ ގޮނޑި ގެއްލުނު ކަމަށް ބެލީ ސުޕްރީމް ކޯޓުން ހުކުމް ދެމެހެއްޓުމުން ކަމަށް ވިޔަސް، އިސްތިއުނާފް މަރުހަލާގައި އޭނާ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގަނެވޭނެ ކަމަށް ވެސް ނިންމުމުގައި އެބަ އޮތެވެ.

"އިސްމާއިލް އަބްދުލްހަމީދުގެ މައްސަލައަށް ބަލާފައި، އެއީ ނިހާއީ ހުކުމެއް ނެތް ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ނުވަތަ އެހެން ވެސް އިންތިހާބީ މަގާމަކަށް ކުރިމަތިލުމަށް އޮތް ފުރުސަތެއް ކަމަށް ބަލައިފި ނަމަ ދިމާވާނެ އެތައް މައްސަލައެއް އެބަހުރި،" ވާހަކަ ދެއްކެވި ކުރީގެ ފަނޑިޔާރު ވިދާޅުވި އެވެ.

"ހުކުމް ނިހާއީ ނުވާތީ އިންތިހާބަށް ކުރިމަތިލައި ކާމިޔާބު ވެސް ވެދާނެ. އެކަމަކު ހުކުމް ދަމަހައްޓައިފި ނަމަ ސުވާލަކީ އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި އެ ބުނާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުސް ނުވެ އޮންނާނީހޭ. ރައީސް، އޮފީހަށް ވަޑައިނުގެން އިސްތިއުނާފް ނިމެންދެން ތިބޭނީހޭ،" އިސްމާއިލް އަބްދުލްހަމީދުގެ މައްސަލަ އާއި ޔާމީންގެ މައްސަލައިގެ އެންމެ ބޮޑު ތަފާތަކީ އިސްމާއިލް އަބްދުލްހަމީދަކީ މެންބަރުކަމުގައި ހުންނަވަނިކޮށް ޝަރުތެއް އުނިވި ބޭފުޅަކަށްވުން ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކަންކަމަށް ބަލާއިރު ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް ޔާމީނަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށާއި އެ ޕާޓީން ރިޔާސީ ޓިކެޓް ވެސް ދީފައި އެބަ އޮތް ކަމަށް ބަލައި ކެންޑިޑެސީ ފޯމް ބަލައިގަންނަން ޖެހޭނެ ކަމަށް ބުނާ ވާހަކަ އަކީ ގާނޫނީ ގޮތުން ދެކޮޅުޖެެއްސޭނެ ސިޔާސީ ވާހަކައެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

އެ ވާހަކައަށް ބާރު ލިބޭ ކަމަކީ ޔާމީންގެ ދިފާއީ ވަކީލުން ނިހާއީ ހުކުމެއްގެ ވާހަކަ ނުދެއްކެވުމެވެ. އެ ވާހަކަ މުޅިން ވެސް ދައްކަވަނީ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނެވެ.

ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނެއް އެބަ ތިއްބެވެ. އެ މަނިކުފާނަށް ވާދަކުރެއްވޭނެ ކަމަށް އެހާ ބޮޑު ޔަގީންކަމެއް ދެވޭނެ ފަދަ މަންޒަރެއް ހަގީގަތުގައި ނުފެނެ އެވެ. އެހެންވެ މިއީ ޕާޓީގެ ލީޑަޝިޕުން ސަޕޯޓަރުންނަށް ހަގީގަތެއް ނެތް އުންމީދެއް ދިނުމުގެ ބަދަލުގައި ކަން އޮތް ގޮތަށް ވާހަކަ ދައްކައި ރިޔާސީ އިންތިހާބަށް ޔަގީންކަން ބޮޑު ގޮތަކަށް ނުކުންނަންވީ ވަގުތެވެ.