ޕްރަބާސް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ ފިލްމުގެ ޓީޒާ ނެރެފި
ޕްރަބާސް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ ފިލްމުގެ ޓީޒާ ނެރެފި

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ "ސަލާރު: ޕާޓް ވަން"ގެ ޓީޒާ ނެރެފި އެވެ.

އެ ފިލްމަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ގެނެސްދޭ ފިލްމެކެވެ.

ޓީޒާ އިން ފެންނަ ގޮތުގައި ހަމަ "ކޭޖީއެފް"އެކޭ އެއްގޮތަށް މި ފިލްމުގައި ވެސް ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނޭނެ އެވެ. "ކޭޖީއެފް" އަކީ ވެސް ތަޅާފޮޅާ މަންޒަރުތައް ގިނަ، ގޭންގްސްޓާރެއްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. އެ ފިލްމުގެ ދެ ބައި ނެރުނެވެ.

"ސަލާރު"ގެ ވެސް ދެވަނަ ފިލްމު އޮތީ އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ޝޫޓިން ޑިސެމްބަރުގައި ފަށަން އޮތީ ތާވަލުކޮށްފަ އެވެ.

ފިލްމުގެ މުހިންމު ރޯލުތަކުން ޕްރަބާސްއާއެކު ދެން ފެންނާނީ ޖަގަޕަތީ ބާބޫ، އީސްވާރީ ރާއޯ، ސްރިޔާ ރެޑީ އަދި ޝުރުތީ ހަސަން އެވެ.

"ސަލާރު: ޕާޓް ވަން" ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 28 އިން ފެށިގެންނެވެ.