06 ޖުލައި 2023 - 13:44

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި މަންޑޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން މިއަދު ހުޅުމާލޭ ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
މަންޑޭ ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން އަމުރެއް ނެރުނީ އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމާ އެކުގަ އެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމާ އެކު އޭނާ ފުރަން މަސައްކަތްކުރި ނަމަވެސް، ފުރޭ ގޮތް ނުވީ ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކުރުމަށް ފުލުހުން ކުރި މަސައްކަތުގައި އޭނާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވިކަން ވެސް އެނގިފައި ވެ އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ދިރިއުޅޭ އިމާރާތް ކައިރިންނެވެ.
މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުން މިދިޔަ މެއި މަހު އެވެ.
ކްރިމިނަލް ކޯޓުން ބުނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރުކުރުމަށް އަދި 45 ދުވަސް ތެރޭގައި އެ ދަތުރު ނިންމުމަށް ފަހު ކޯޓަށް އަންގަން ޝަރުތުކޮށްފައި ކަމަށެވެ. ކޯޓުގެ މި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.
ކޭޕާކުން އެތަނުގައި އެޕާޓްމަންޓް ހުރި އަދަދަށް ވުރެ އިތުރަށް މީހުންނަށް ވިއްކާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެއް ހިއްސާދާރު އަނެއް ހިއްސާދާރަށް ނޭނގި ބޭންކް އެކައުންޓްތައް ހުޅުވުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމާއި ކަސްޓަމަރުންނާ އެކު އެއްބަސްވުންތައް ހެދުން ފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.