ދައުރުން ބޭރުން އިތުރު ޖަލްސާއެއް ހޯމަ ދުވަހު، އެޖެންޑާގައި އޮތީ ކޮމިޓީތައް އެކުލަވާލުން އެކަނި
ދައުރުން ބޭރުން އިތުރު ޖަލްސާއެއް ހޯމަ ދުވަހު، އެޖެންޑާގައި އޮތީ ކޮމިޓީތައް އެކުލަވާލުން އެކަނި

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން އެދުނު ގޮތަށް، ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް އަންނަ ހޯމަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގައި މަރުތަޅު އެޅިގެން އެއްވެސް މަސައްކަތެއް ނުކުރެވި، މިދިޔަ މަހު މަޖިލިސް ޗުއްޓީ އަށް ދިޔުމާ އެކު ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައިދޭން އެމްޑީޕީން ވަނީ އެދިފަ އެވެ.

މިގޮތުން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން އެދިފައި ވެ އެވެ.

އެއާ އެކު ދައުރުން ބޭރުން މިދިޔަ ހޯމަ ދުވަހު ވެސް ޖަލްސާއެއް ބޭއްވި އެވެ.

އެކަމަކު ޖަލްސާ ފެށުމާ އެކު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

އަދި އެ އާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވި އަފީފް ޖަލްސާ ފެށިތާ ފަސް ވަރަކަށް މިނެޓުގެ ތެރޭގައި ޖަލްސާ ނިންމަވާލެއްވީ އެވެ.

އޭގެފަހުން، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވަނީ އެކަމާ ނުރުހުންފާޅުކޮށްފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފިޔަވައި، އެ ޕާޓީން އެދިފައިވާ އެހެން ކަމެއް ހޯމަ ދުވަހު ބޭއްވި ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ނެތުމަކީ މީގެ ކުރިން އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ.

އެކަމަކު އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައި ވެސް އޮތީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަންޖެހުނެވެ. އެކަމަކު އޭގެ ފަހުން، މިދިޔަ މަހުގެ 22 ވަނަ ދުވަހު އޮތް ދެވަނަ ދައުރުގެ ފަހުގެ ޖަލްސާގެ ރިޔާސަތާ ނަޝީދު ވަނީ "ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވީ" ކަމަށް ވިދާޅުވެ، ހަވާލުވެވަޑައިގެންފަ އެވެ.

އެ ދުވަހު ވެސް ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އެޖެންޑާކޮށް، ބަހުސް ކުރިއަށް ގެންދެވި އެވެ. އެކަމަކު ވޯޓަށް އަހައި އެ މައްސަލަ ނިންމުން އެ ޖަލްސާގައި ކުރިއަށް ނުގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހުނީ ނަޝީދަށް ތާއީދުކުރައްވާ 13 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.