06 ޖުލައި 2023 - 12:16

މި ސީޒަންގައި ވެސް ވަކި ހިސާބަކުން މާޒިޔާއިން ކޯޗު ބަދަލުކޮށް އާ ކޯޗަކަށް ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) މިއަދު ހަމަޖައްސައިފި އެވެ.

މިއީ ސީޒަންގެ ވަކި ހިސާބަކުން މާޒިޔާއިން ކޯޗު ބަދަލު ކުރާ ވިދިވިދިގެން ތިންވަނަ ސީޒަނެވެ. މި ސީޒަން އެ ޓީމުން ފެށީ ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް އާ އެކު އެވެ. އެކަމަކު މިދިޔަ މަހު އޭނާގެ ކޮންޓްރެކްޓް އުވާލި އެވެ. މިއަދު މާޒިޔާ އަށް ހަމަޖެއްސި މިލޯ އަކީ ތިން އަހަރުތެރޭ މާޒިޔާ އަށް ކޯޗުކޮށްދޭ ހަވަނަ ކޯޗެވެ.
މިލޯ ވަނީ ކޯޗެއްގެ ގޮތުގައި މެލޭޝިއާ އާއި އިންޑޮނޭޝިއާގައި މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ބޮސްނިއާގެ ތިންވަނަ ޑިވިޝަންގެ ކްލަބް ފަމޯސް ވައިކޯވިކްގަ އެވެ. މިދިޔަ މަހު މެދަކާ ހަމައަށް އެ ކްލަބްގައި އޭނާ މަސައްކަތް ކުރި އެވެ.
މިލޯ ބުނީ މާޒިޔާ އަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ޓަކައި ބޮޑެތި ކާމިޔާބު ހޯދަން އަޒުމު އޮތް މެނޭޖުމެންޓެއްކަން އޭނާ އަށް އެނގޭ ކަމަށެވެ.
ލީގު ޝެޑިއުލްގައިވާ ގޮތުން މި މަހު 14 ގައި މެޗުތައް އަލުން ކުޅެން ފަށާނެ އެވެ. މި އޮތް ކުރު މުއްދަތުގައި އޭނާ އަށް ޓީމު ދެނެގަނެ މެޗުތަކަށް އެންމެ ފުރިހަމަ އަށް ތައްޔާރުވުމުގައި އުނދަގުލެއް ނުވާނެ ކަމަށް މިލޯ ބުންޏެވެ.
"މި ޓީމުގެ އޮފިޝަލުން އަހަންނަށް ފޯރުކޮށްދޭ މައުލޫމާތާ އެކީގައި އެއީ އަހަންނަށް މާ އުނދަގޫ ކަމަކަށް ނުވާނެ. އަހަރެން ޓީމަށް ހޭނުމަށް ބާރު ލިބޭ ގިނަކަންތައްތަކެއް އެބަހުރި. މި ޓީމުން އަހަންނަށް ހޭނެކަށް ނުޖެހޭނެ. އެކަމަކު އަހަރެން މިދަނީ މި ޓީމަށް ހޭނުމަށް މަސައްކަތް ކުރަމުން،" މިލޯ ބުންޏެވެ.
"މިހާރު އަހަރެން ބައެއް ކުޅުންތެރިންނާ ވާހަކަ ދައްކައިފިން. އެމީހުންނާ އެކު އަހަންނަށް ގިނައިން މަސައްކަތް ކުރެވޭ ވަރަކަށް އެ ކުޅުންތެރިން އިތުރަށް ހިތްވަރު ނެރޭތަން ފެންނާނެ."
އޭނާ ބުނީ، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފަހު ދެ މެޗު އޭނާ ބެލި ކަމަށެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މާ ބޮޑަށް ވެސް ރަނގަޅުކަން އޭނާ އަށް ފާހަގަ ކުރެވުނު ކަމަށް މިލޯ ބުންޏެވެ.
ގައުމީ ޓީމުގައި ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތީ މާޒިޔާގެ ކުޅުންތެރިންނެވެ.
"އަހަރެންނަށް ފާހަގަ ކުރެވުނީ ރަނގަޅު ޓްރޭނިންއާ އެކު އެ ކުޅުންތެރިންގެ ފެންވަރު އަހަންނަށް އަދި އިތުރަށް މަތި ކުރެވޭނެ ކަމަށް،" ބަންގްލަދޭޝް އާ ދެކޮޅަށް ގައުމީ ޓީމުގައި ކުޅުނު މާޒިޔާގެ ކުޅުންތެރިންނަށް އިޝާރާތްކޮށް މިލޯ ބުންޏެވެ.