މޭޔަރާ މެދު ހިތްހަމަނުޖެހި މެންބަރުން ޖަލްސާ ބޮއިކޮޓްކޮށްފި
މޭޔަރާ މެދު ހިތްހަމަނުޖެހި މެންބަރުން ޖަލްސާ ބޮއިކޮޓްކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒުއާ މެދު ހިތްހަމަނުޖެހިގެން އެ ކައުންސިލްގެ ބައެއް މެންބަރުންގެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފި އެވެ.

މޭޔަރާ މެދު ހިތްހަމަނުޖެހި މެންބަރުން ޖަލްސާ ބޮއިކޮޓްކޮށްފި
މޭޔަރާ މެދު ހިތްހަމަނުޖެހި މެންބަރުން ޖަލްސާ ބޮއިކޮޓްކޮށްފި

ޖުމްލަ 18 ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން ފެށުމަށްފަހު އެޖެންޑާ ފާސްކުރުމަށް ވޯޓަށް އެހުމުން، އެޖެންޑާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ ހިތްހަމަނުޖެހުން އެންމެ ފުރަތަމަ ފާޅުކުރެއްވީ ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު އައިފާން އެވެ.

އޭނާ ވަނީ ސިޓީ ކައުންސިލްގެ އެޖެންޑާގައި ދެ ކަމެއް ހިމަނައިދިނުމަށް އެދިފަ އެވެ. އެއީ ބައެއް ކައުންސިލަރުން އެމްޑީޕީން ވަކިވެފައިވާތީ، ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށެވެ. އަދި 35،000ރ. އަށްވުރެ މަތީގެ ތަކެތި ޕްރޮކިޔޯ ކުރާނަމަ، ކޯޕަރޭޓް އެފެއާޒް ކޮމިޓީން ފާސްކޮށް، އެ މައުލޫމާތު ކައުންސިލަށް ދިނުން ލާޒިމްވާ ގޮތަށް ހެދުމަށް އޮތް ހުށަހެޅުމެކެވެ.

ޖަލްސާ ފެށުމާ އެކު އައިފާން ވަނީ އެ ދެ ހުށަހެޅުން އެޖެންޑާ ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ. އެއާއެކު ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް އެ މާލަމުން ނުކުމެވަޑައިގެންނެވި އެވެ.

ދެ ހުށަހެޅުމާ ނުލައި އޮތް އެޖެންޑާއަށް ވޯޓަށް އެހެމުން އެހެން ބައެއް މެންބަރުން ވެސް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވި އެވެ. އެގޮތުން، ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ނުވަ މެންބަރަކު ޖަލްސާ ބޮއިކޮޓްކުރެއްވި އެވެ. އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އެކަމާ ގުޅޭ ގޮތުން މުއިއްޒު "މިހާރު"އަށް ވިދާޅުވީ ގާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރު ކުރިން އެޖެންޑާ މެންބަރުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެންވެ، އެކަން އެގޮތަށް ކުރުމަށްޓަކައި އެޖެންޑާގައި ހުށަހަޅަން ބޭނުންވާ ކަންކަން 72 ގަޑިއިރު ކުރިން ފޮނުވަންޖެހޭ ގޮތަށް ކައުންސިލްގެ ހިންގާ ގަވައިދަށް މާއްދާއެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ މުއްދަތު ތެރޭގައި މިއަދުގެ ޖަލްސާގެ އެޖެންޑާ ތައްޔާރުކޮށްފައިވާނެ ކަމަށާއި އޭރު ކައުންސިލަރު އައިފާންގެ ހުށަހެޅުންތައް ލިބިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ދެ ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވުނު ނަމަވެސް، ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާކުރާނެކަން ވާނީ އަންގައިފަ އެވެ.

އޭނާ ވިދާޅުވީ ދެ ހުށަހެޅުން އެޖެންޑާ ނުކުރީ ހުށަހެޅުމުގައިވާ އެއްވެސް ކަމަކާ ދެކޮޅުވާތީ ނޫން ކަމަށެވެ. މުއިއްޒު ވިދާޅުވީ މިހާތަނަށް ކައުންސިލްގެ 109 ބައްދަލުވުން ބޭއްވިފައިވާއިރު، މިފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ކައުންސިލަރުން ފޮނުވާ ހުރިހާ ކަމެއް ވެސް ގަވައިދުން އެޖެންޑާ ކުރަމުން ގޮސްފައިވާނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެކަމުން ވެސް އެނގިގެން ދަނީ ކައުންސިލްގެ ޖަލްސާތައް ބާއްވަމުން ދަނީ ރަނގަޅަށްކަން ކަމަށެވެ.

ޖަލްސާ ބޮއިކޮޓް ކުރެއްވި ސަބަބާ ގުޅޭ ގޮތުން ކައުންސިލް މެންބަރު މުހައްމަދު ސައިފް ފާތިހު "މިހާރު" އަށް ވިދާޅުވީ ކައުންސިލަރުން އެޖެންޑާއަށް ކަމެއް ހުށަހެޅުމުން އެކަން އެޖެންޑާއަށް ނުލައި ހުންނެވުމަކީ މޭޔަރަށް އޮތް ބާރެއް ނޫން ކަމަށެވެ. އެއާ ހިލާފަށް މޭޔަރުގެ އަމަލުތައް ބަހައްޓަވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ކޮމިޓީތައް އަލުން އެކުލަވާލުމަށް މޭޔަރު ދެކޮޅު ހައްދަވަމުން ގެންދަވަނީ އެ ކޮމިޓީތަކުގެ ކޮންޓްރޯލް ގެއްލިދާނެތީ އެވެ. އެކަމަކު، ކައުންސިލަރުން ނިސްބަތްވާ ޕާޓީ ބަދަލުވުމަކީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުވާނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ވީއެންމެ އަވަހަކަށް ކުރަންޖެހޭނެ ކަމަށެވެ.

އައިފާން ދެވަނައަށް ހުށަހަޅާފައި އޮތް ހުށަހެޅުމަކީ ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ހިނގަމުންދާތީ، އެކަމަށް ފާރަވެރިވުމުގެ ގޮތުން ގެންނަ ބަދަލަކާ ގުޅޭ ހުށަހެޅުމެއްކަން ސައިފް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުޑަ ކޮމިޓީއެއް ހަދައިގެން ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ ކަންކަން އެހެން ކައުންސިލަރުންނަށް އެނގުމަކާ ނުލައި މޭޔަރު ނިންމަވަމުންދާ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ ޕާކިންނަށް ބިންތައް ދޫކުރުމާއި ބައެއް މައިޒާންތަކުން ކެފޭ ފަދަ ތަންތަން ހެދުމަށް ކައުންސިލުން ނިންމާފައިވަނީ މުޅި ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައި ފާސްކުރުމެއް ނެތިކަން ކަމަށެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވާ ސައިފް ވިދާޅުވީ މޭޔަރު މުއިއްޒު މިހާރު ކަންކަން ކުރައްވަމުންދާ ގޮތާ ގުޅޭ ޝަކުވާއާ އެކު ލޯކަލް ގަވަރެމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވެސް ކައުންސިލަރުން ދާނެ ކަމަށާއި ދެން ޖަލްސާތަކުގައި ބައިވެރިވާނީ މޭޔަރު ކަންކަން އިސްލާހު ކުރެއްވުމުން ކަމަށެވެ.