31 ޖެނުއަރީ 2017 - 06:38

ޗީޒް ބާގާ އާއި ޕިއްޒާ އަދި ޗިޕްސް ފަދަ، ގިނައިން ފެޓް ހުންނަ އެންމެ އެއްޗެއް ކެޔަސް އެކަމުގެ ސަބަބުން ލިވަ އަށް ގެއްލުން ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިކަމާ ބެހޭ ގޮތުން ކުރި ކުޑަ ދިރާސާއެއްގައި ބުނީ ސެޗުރޭޓެޑް ފެޓް ގިނައިން ހުންނަ އެއްޗެއް ކާލުމާ އެކު ލިވާގެ މަސައްކަތްތަކަށް ކުއްލި ބަދަލެއް އަންނަ ކަމަށެވެ. މިއީ ބޮޑު ބައްޔަކުން ހަށިގަނޑު ދިފާއުކުރުމަށް ލިވާގެ މަސައްކަތްތަކަށް ގެންނަ ފަދަ ބަދަލެއްގެ ގޮތުގައި ސައިންސްވެރިން ސިފަކޮށްފައިިވެ އެވެ.
"މި އަންނަ ކުއްލި ބަދަލަކީ ސީރިއަސް މެޓަބޮލިކް މައްސަލައެއް ހުންނަ މީހުންގެ ލިވަ އިން ފެންނަ ބަދަލެއް،" ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. މައިކަލް ރޮޑެން ވިދާޅުވި އެވެ.
ޖާމަން ޑައެބެޓީސް ސެންޓަގެ ސައިންޓިފިކް ޑިރެކްޓަރު ކަމަށްވާ ރޮޑެން ވިދާޅުވީ މި އަންނަ ބަދަލުން، ލިވަ އަށް ޖެހޭ އެކި ބަލިތަކާއި ހަކުރު ބަލި ފަދަ ކަންކަމުގެ ކުރިން އަންނަ ބަދަލުތައް ދެނެގަނެވިފައިވާ ކަމަށެވެ.
ފެޓްގެ ސަބަބުން ލިވަ އަށް އަންނަ ބަދަލު ހަށިގަނޑުގައި ދެމި ހުންނަނީ ކިހާ މުއްދަތަކަށް ކަމެއް ދިރާސާއަކުން އެނގިފައެއް ނުވެ އެވެ.
ލިވަ އަކީ ކާނާގައި ހުންނަ ފެޓާއި ކާބޯހައިޑްރޭޓްސް ޕްރޮސެސް ކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ގުނަވަނެކެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ފެޓް ހުންނަ ކާނާ މާގިނައިން ކެއުމުގެ ސަބަބުން ލިވަ އަށް ކުރިމަތިވާ ސީރިއަސް މައްސަލަތަކެއް ހުރެ އެވެ. ލިވަ ގައި ފެޓް އިތުރުވެ އެވެ. މިއީ އެމެރިކާގައި މިހާރު ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ.
ލިވާގައި ފެޓް ގިނަވުމުން ލިވައިން އުފައްދާ ގުލްކޯޒް 70 ޕަސެންޓް އިތުރުވެ އެވެ. މިހެން ވުމުން ލޭގައި ހަކުރުގެ މިންވަރު އިތުރުވެގެންދެ އެވެ. ނަތީޖާއަކަށް ވަނީ މި ހަކުރުތައް ނައްތާލުމުގެ ގާބިލްކަން އިންސިއުލިން އަށް ނުލިބި ޓައިޕް 2 ޑައެބެޓީސް އަށް ހުށަހެޅުމެވެ. އަދި ލިވަ އަށް ބާރު ބޮޑުވެ ލިވަގެ އެކި ބަލިތަކާ ކުރިމަތިވުމުގެ ނުރައްކާ ބޮޑުވެ އެވެ.
މި ދިރާސާ ޖާނަލް އޮފް ކްލިނިކަލް އިންވެސްޓިގޭޝަންގެ، ޖެނުއަރީ 23 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.