ޕީއެސްޖީގެ ރައީސްގެ ވާހަކައިން އެމްބާޕޭ ޕްރެޝަރަށް
ޕީއެސްޖީގެ ރައީސްގެ ވާހަކައިން އެމްބާޕޭ ޕްރެޝަރަށް

ޕެރިސް (ޖުލައި 6) - ޕީއެސްޖީގައި މަޑުކުރަން ބޭނުންނަމަ ކިލިއަން އެމްބާޕޭ އަށް އޮތީ އެއްބަސްވުން އާކުރުން ކަމަށް އެ ކްލަބުގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވެ، އެއްބަސްވުން އާ ކުރުމަށް އެމްބާޕޭ އަށް ޕްރެޝަރު ކުރިމަތި ކުރުވައިފި އެވެ.

ޕީއެސްޖީ އިން އިއްޔެ ވަނީ ކްރިސްޓޯފް ގެލްޓިއޭގެ ބަދަލުގައި އެ ކްލަބުގެ ކޯޗުކަމާ ލުއިސް އެންރީކޭ ހަވާލުވިކަން އިއުލާންކޮށްފަ އެވެ. އެންރީކޭ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ހެއްލާފީ އެމްބާޕޭއާ ގުޅޭގޮތުން ހޫނު ރައްދެއް ދިނީ އެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ،

"ޕީއެސްޖީގެ ނިންމުން ވަރަށް ސާފު. އެމްބާޕޭ ކްލަބުގައި މަޑުކުރަން ބޭނުންނަމަ ޖެހޭނީ އާ އެއްބަސްވުމުގައި ސޮއިކުރަން. ޕީއެސްޖީ އިން ބޭނުންވަނީ އެމްބާޕޭ ކްލަބުގައި ބަހައްޓަން" ހެއްލާފީ ވިދާޅުވި އެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ، 24، ހަދައިފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. އެހެންވެ ޕީއެސްޖީ އިން ބޭނުންވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭއާ އެކު އާ އެއްބަސްވުމަކަށް ދާށެވެ. އާ އެއްބަސްވުމުގައި ސޮއިނުކޮށް އަންނަ ސީޒަނުގައި އެމްބާޕޭ ހުރެފި ނަމަ، ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ އަށް ކްލަބް ބަދަލުކުރެވޭނެ އެވެ.

އެމްބާޕޭ ވަނީ އޭނާ އާ އެއްބަސްވުމުގައި ސޮއި ނުކޮށް އަންނަ ސީޒަނުގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާކަން ކްލަބަށް އަންގައިފަ އެވެ. އެކަމަކު އެގޮތަށް ޕީއެސްޖީ އިން އެއްބަހެއް ނުވެ އެވެ.

"ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހިިލޭ ޓްރާންސްފާއެއްގައި ދުލެއް ނުކުރެވޭނެ. އެއީ ނުވާނެ ކަމެއް" ހެއްލާފީ ވިދާޅުވި އެވެ.

ޕީއެސްޖީގައި މަޑުކުރުމާ މެދު އެމްބާޕޭގެ ވިސްނުން ބަދަލުވުމަކީ ކްލަބުގެ މައްސަލައެއް ނޫން ކަމަށް ހެއްލާފީ ވިދާޅުވި އެވެ.

ފްރާންސްގެ މޮނާކޯ އިން އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ފުރަތަމަ ލޯނު އުސޫލުން އެ ކްލަބަށް ކުޅުމަށް ފަހު ޖެހިގެން އައި ސީޒަނުގައި 209 މިލިއަން ޑޮލަރުގެ ފީއެއްގައި ދާއިމީކޮށް އެ ޓީމަށް ސޮއިކުރި އެވެ. ޕީއެސްޖީ އަށް ކުޅުނު 212 މެޗުގައި އެމްބާޕޭ ވަނީ 260 ގޯލު ޖަހައިފަ އެވެ.

އެމްބާޕޭ އަކީ މިދިޔަ ފަސް ސީޒަނުގައި ވެސް ޕްރެންޗް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ޕީއެސްޖީގައި ހޭދަކުރި ހަ ސީޒަނުގައި ފަސް ފަހަރު ފްރެންޗް ލީގު އެމްބާޕޭ ކާމިޔާބު ކުރި އެވެ.