ނިކަމެތިންނަށް ގޯތި ހައްގު، އެކަމަކު ގޯތި ދޭނެ ކަމަށް ބުނެ ހަދަނީ ދޮގު: ނަޝީދު
ނިކަމެތިންނަށް ގޯތި ހައްގު، އެކަމަކު ގޯތި ދޭނެ ކަމަށް ބުނެ ހަދަނީ ދޮގު: ނަޝީދު

މާލޭގެ ނިކަމެތި ރައްޔިތުންނަށް ގޯތި ދޭން ޖެހޭ ކަމަށާއި އެކަމަކު، އެއީ ސިޔާސީ މަންފާއެއް ހޯދައި ދޮގެއްގެ ތެރެއިން ކުރާ ކަމަކަށް ހަދަން ހެޔޮ ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ރައީސް ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާލެއަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ ނިކަމެތިން ދިރިއުޅޭ ރަށް ކަމަށާއި ކާނެ ގޮތާއި ވަންނާނެ ގެދޮރެއް ނެތް، އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި އުޅޭ ކިތަންމެ ބަޔަކު މި މާލޭގައި އެބަތިބި ކަމަށެވެ.

"އެމީހުންނަށް އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިން ހަމަހަމަ ގޮތުގައި އެންމެ ހައްގުވާ ބަޔަކަށް ގޯތި ދިނުމަކީ އެއީ ކަންކުރާން ޖެހޭ ގޮތް، އެއްވެސް ޝައްކެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، އެއްވެސް ސިޔާސީ ވެރިއެއްގެ ސިޔާސީ ބޭނުމަކަށްޓަކައި ގޯތި ދެނީ ކަމަށް ބުނެ އޮޅުވާލުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި ގޯތި ދޭ މީހުންގެ ލިސްޓެއް މި ސަރުކާރުން ނެރެފައިވަނީ އިންތިހާބާ ގާތްކޮށް، އެކަމަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ.

"ވޯޓު ގަނެލުމަށްޓަކައި ގޯއްޗެއް ދޭނެ ކަމަށް ބުނެ ދޮގު ހެދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން، އަދި އެކަން ކުރާ މީހަކަށް އެއްވެސް ހާލެއްގައި މާފެއް ވެސް ނުދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ސަރުކާރަށް ގޯތި ދެވިދާނެ ކަމާ މެދު އުފެދިފައިވާ ގާނޫނީ ބަހުސްގެ ތެރެއަށް ވެސް ވަންނަވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭން ގޯތި ދިނުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ކަމަށެވެ. ސަރުކާރަށް އެ ބާރު ނެތް ކަމަށެވެ.

މީގެ ސަބަބެއް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދައްކަވާފައިވަނީ ބިމާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނަނީ ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި އިމާރާތްކުރުމަށް، ގޯތި ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅައި، އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. މި ބުރު ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ގޯތި ލިބޭ 10،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ.