05 ޖުލައި 2023 - 15:09

އެމްޕީއެލްގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަށް އެ ކުންފުނިން މެލޭޝިއާގެ ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އެންއެމްޔޫސީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޗެއާމަން ރަޒާލީ ޔާކޮބް އެވެ.
އެމްޕީއެލްއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ޕޯޓާ ގުޅުން ހުރި އެކި ދާއިރާތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ފައުންޑޭޝަން ލެވެލްގެ ކޯސްތަކުން ފެށިގެން ޑިގްރީ އާއި މާސްޓާސް ކޯސްތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ޔުނިވާސިޓީގެ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގުރާމުތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ޝާހިދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ވެސް އެމްޕީއެލްގެ ހަ މުވައްޒަފަކަށް އެ ޔުނިވާސިޓީން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ތައުލީމީ ފުރުސަތުގެ އިތުރުން މަސައްކަތުގެ އިތުރު އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޔުނިވާސިޓީގެ ފަރާތުން ކެޕްޓަން ރަޒާލީ ޔާކޮބް ވިދާޅުވީ އެ ޔުނިވާސިޓީއިން ކިޔަވަންދާ މުވައްޒަފުންނަށް މެލޭޝިއާގެ ޕޯޓުތަކުން އަމަލީ މަސައްކަތުގެ ތަޖުރިބާލިބުމަކީ އެ މުވައްޒަފުންނަށް ލިބޭނެ ފަހި ފުރުސަތަކަށް ވާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން މީހުން ބިނާކުރުމާއި ތައުލީމާއި ތަމްރީނުގެ އިތުރުން ކޮންސަލްޓަންސީގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ އެވެ.