05 ޖުލައި 2023 - 11:00

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.
މަންޑޭ ހައްޔަރުކުރަން އަމުރެއް ނެރުނީ އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ބާތިލްކުރުމާ އެކު އެކުގަ އެވެ.
އެނގިފައިވާ ގޮތުގައި، މަންޑޭ ހައްޔަރުކުރަން އަމުރު ނެރުނީ ރޭގެ ވަގުތެއްގަ އެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމާ އެކު އޭނާ ފުރަން އިއްޔެ މަސައްކަތްކުރި ނަމަވެސް ފުރޭ ގޮތް ނުވީ ކަމަށް ވަނީ އެނގިފަ އެވެ.
މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުން މިދިޔަ މެއި މަހު އެވެ.
ކްރިމިނަލް ކޯޓުން ބުނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރުކުރުމަށް އަދި 45 ދުވަސް ތެރޭގައި އެ ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން ޝަރުތުކޮށްފައި ކަމަށެވެ. ކޯޓުގެ މި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.
ކޭޕާކުން އެތަނުގައި އެޕާޓްމަންޓް ހުރި އަދަދަށްވުރެ އިތުރަށް މީހުންނަށް ވިއްކާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެއް ހިއްސާދާރު އަނެއް ހިއްސާދާރަށް ނޭނގި ބޭންކް އެކައުންޓްތައް ހުޅުވުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމާއި ކަސްޓަމަރުންނާ އެކު އެއްބަސްވުންތައް ހެދުން ފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.