05 ޖުލައި 2023 - 08:14

އާދިއްތަ ދުވަހާ ގުޅޭ
ހިސާބުން ރިންދާގެ ކެތްތެރިކަން ކޮޅުންލިއެވެ. ކަނޑަށް ފުންމައިލައިފައި މާލެޔާ ދިމާއަށް ފަތައިގަންނަން ބޭނުންވިއެވެ. އެހެނަސް ހިނިތުންވެލުމަކުން ފުއްދައިލީއެވެ. ދޯނި މަޑުމަޑުން ގޮސް ވިލިނގިލީ ކަނޑިންމައިން ވަދެގެން ވާޓަރު ކައިރިއަށް މަޑުކޮށްލިއެވެ. ގުޅުން ބަދަހިކުރަން ފެށި ދަތުރުގެ ފެށުން ވެސް ގޯހެވެ. ފައިސަލަށް އެ ކަން ނޭނގޭކަމެވެ. ދޯނިން ފައިބަންވެގެން ފައިސަލާއި ޒިޔާން ތެދުވި އިރު ވެސް ރިންދާ ނުތެދުވެ އިނެވެ. ރިންދާއަށް ފޭބުނީ ފައިސަލް ފޭބިތާ މާ ފަހުންނެވެ. ފައިސަލް ހީކުރީ މީހުންނާ ހެދި ރިންދާއަށް ނުފެއިބުނީ ކަމަށެވެ.
ފެރީގިމަތައިން ނުކުމެގެން ފައިސަލްމެން މިސްރާބުޖެހީ، ކުއްޔަށްހިފި ކޮޓަރިއަށެވެ. ދިޔަމަގުމަތީގައި ވެސް ޒިޔާން ހުއްޓައިނުލައި ފައިސަލާ ވާހަކަދެއްކިއެވެ. ރިންދާހުރީ ގޮތަކަށް ބާކީވެފައެވެ. ރިންދާ ހިތަށްއެރިއެވެ. ފައިސަލްގެ ހަޔާތަށް ރިންދާ އައުމަށް ފަހުގައި ވެސް ރިންދާ އުޅެންޖެހޭނީ އެހެންހެއްޔެވެ؟ އެ ފަދަ ދުވަހެއް އަތުވެއްޖެ ނަމަ ރިންދާ ވަރަށް ފޫހިވާނެއެވެ. ވަރަށް މާޔޫސްވާނެއެވެ. ކޮޓަރިއަށް ވަންގޮތަށް ފައިސަލް ފާހާނާއަށް ވަނެވެ. ރިންދާ އުޅުނީ ޒިޔާނާ ގުޅައިލާށެވެ. އެހެނަސް، ރިންދާ ވާހަކަ ފެށުމާއެކު ޒިޔާން ފޯނު ނަގައިގެން ފޯނާކުޅެން ފެށިއެވެ. ޒިޔާނަށް ކަޅިއަޅައިލައިފައި ރިންދާ ވެސް ފޯނު ނެގިއެވެ. ވައިބާ ހުޅުވައިލިއެވެ.
"ހިޔެއްނުކުރަން މި ވަރުވާނެކަމަކަށް،" ރިންދާ ލިޔުނެވެ. "އެއްކަލަ، މިޔަރުގަ ތަތްކޮށްލައިގެން ތިބޭ މަހެއް އުޅެއެއްނު! ހަމަ އެހެން. އަހަންނަކަށް ނުވިސްނޭ އަހަރެން ދެކެ އެ ކުއްޖާ އެހާ ފޫހިވާންޖެހޭ ސަބަބެއް. އަދި ހަމަ އޯޕަންކޮށް އަހަންނަށް މަލާމާތްކޮށްލާ އިރު ވެސް ފައިސަލަށް ހީނުވޭ ކަމެއްހެން ވެސް. ނުވާތާކަށް އޭނަޔާ އެއްބައިވަނީ. އާދެވުނު މޮޔަ ހިތަށްއަރާ!"
ރިންދާ ފޮނުވި ހުރިހައި މެސެޖެއް ރައްދުވިއެވެ. އެ ވަގުތު ޖަވާބުއަންނާނެކަމަކަށް ރިންދާ އުންމީދެއް ނުވެސް ކުރެއެވެ. އެކަމަކު ޖަވާބުލިޔާތަން ފެނުނެވެ.
"މަ ބުނީމެއްނު!" ސަތޫ ބުންޏެވެ. "ޒިޔާން ދެކެ ފައިސަލް ވަރަށް ލޯބިވާނެ. އަހަންނަށް ފެންނަނީ ޕޮޒިޓިވްކޮށް ނަގަން. ޒިޔާނާ ގުޅާލާ! މަގުކުރުވާނެ."
ރިންދާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހިތުގައި ކަންކަން ފޮރުވުމަކީ ރިންދާއަށް ފަސޭހަކަމެއް ނޫނެވެ. ކުރާ ހިތްވާކަމެއް ވެސް ނޫނެވެ. ރިންދާގެ ގޮތަކީ، ހިތުގައި އޮތް ގޮތަށް ދުލުން ފާޅުކޮށްލުމެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމަކޮށްފައެވެ.
"ކޮބާ ޒިޔާން ހިނގާ މޫދަށްދަމާ!" ރިންދާ ވަރަށް އޯގާވެރި ރާގެއްގައި ބުންޏެވެ.
"ފުރަތަމަ ހިނގާ ފައިގަތަޅާކުޅެން،" ޒިޔާން ވަގުތުން ޖަވާބުދިނެވެ. "ދާހިތްލާފޯވީމަ ދެން މޫދަށްއެރޭނީ. ޒިޔާން އޮންނާނެ އެ ކަހަލަ ބޯޅައެއް ވެސް ގެނެއްސަ."
"އެހެންތަ؟" ވަރަށް ޖޯޝާއެކުގައި ރިންދާ ބުންޏެވެ. "ރިންތަ ވަރަށް ކުރިން ތި ގޭމު ކުޅުނިން. މިހާރު ހަނދާންހުންނާނެބާ؟ ޒިޔާން ކުޑަކޮށް ކިޔައިދީބަލަ!"
އެ ފެށުން ވަރަށް ރަނގަޅުވިއެވެ. ޒިޔާން ހީކުރީ، ހަގީގަތުގައި ވެސް ރިންދާއަށް ފައިގަތަޅާ ކުޅެން ނޭނގެނީކަމަށެވެ. ޒިޔާން ކިޔައިދޭން ފެށިއެވެ. ފައިސަލް ފާހާނައިން ނުކުތް އިރު ޒިޔާނާއި ރިންދާ ތިބީ އޮލަ ވާހަކައެއްގައެވެ. ފައިސަލަށް އެ ކަން ވަރަށް ކަމުދިޔައެވެ. އެ މީހުންނާ ބައިވެރިވިއެވެ.
ހެނދުނުގެ ހިޔަނިތައް ކުރުވެ، ފައިދަށުވަމުންދިޔައެވެ. އަތިރިމަތީގައި ކުޅެމުންދިޔަ ފައިގަތަޅާގެ ފޯރި ވެސް އިތުރުވަމުންދިޔައެވެ. މެދަށްއަރައިހުރީ ފައިސަލެވެ. ރިންދާ އެއްލި ބޯޅަ ފައިސަލް ހިފައި، ލަނޑަކަށްހެދިއެވެ. ޒިޔާން އެއްލި ބޯޅައިން ފައިސަލްގެ ފައިގައި ޖެހުނެވެ. އެކަމަކު ފައިގައި ޖެހުނުކަމަކަށް ފައިސަލް އެއްބަހެއްނުވިއެވެ. ޒިޔާން ވެސް ދުލެއްނުކުރިއެވެ. ޖެހުނު، ނުޖެހޭގައި ބަހުސް ދިގުވެ، ގޮތެއް ނުނިންމުނެވެ. ރިންދާއަށް ފުރަތަމަ ދޯދިނީ ފައިސަލެވެ. އޭގެ ފަހުން ޒިޔާން ވެސް ދިނެވެ. ދެބަފައިން ރުއްސާނެ ގޮތެއް ރިންދާއަކަށް ނުވިސްނުނެވެ. އެއީ މަޖާ ޒުވާބެކެވެ. ހަގީގަތުގައި އެއީ ރިންދާއަށް ފައިސަލް ދިން ފުރުސަތެކެވެ.
"އޯކޭއޯކޭ! މައްސަލަ ނިންމާނީ ކޯޓުން،" ދެމީހުންނަށް ބަލައިލަމުން ރިންދާ ބުންޏެވެ. "އޯކޭތަ؟"
ޒިޔާން އެއްބަސްވިއެވެ. ފައިސަލް ވެސް ދެކޮޅެއްނަހަދައެވެ. ރިންދާ ވިސްނާކަމަށް ހެދުނެވެ. ޒިޔާން ހުރީ ދެންވާނެ ގޮތަކަށް ބަލަބަލައެވެ. ރިންދާ މައްސަލަ ނިންމީ ޒިޔާންކޮޅަށެވެ. ޒިޔާން އުފަލުން ހަޅޭއްލަވައިގަތެވެ. ފައިސަލް މަޖާ ގޮތަކަށް ކަރުއެލުވައިލިއެވެ. ޒިޔާން ހަޅޭއްލަވަމުން އައިސް ރިންދާ ގައިގައި ބައްދައިލިއެވެ. ޒިޔާނަށް ނުފެންނަ ގޮތަށް ފައިސަލް އިޝާރާތުން ބަރާބަރޭ ބުންޏެވެ. ކުރިޔަސް އެއިން އެއްވެސް ކަމަކީ ރިންދާ ކުރާ ހިތުން ކުރި ކަމެއް ނޫނެވެ.
އިރުއޮއްސުމާ ގާތަށް އައި އިރު، ޒިޔާންގެ ހިތުގެ ބޮޑުބައި ރިންދާ ފަތަހަކޮށްފިއެވެ. ރޭގަނޑު އޮތީ މަސްފިހުމެވެ. އެ ކަމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަލިފާންގަނޑެއް ޖަހައިގެން ޒިޔާނާއި ފައިސަލް ނިކަން އަވަދިނެތިއުޅުނެވެ. ކަމުގެ ތެރެއަށް ވަންނަން އުޅުނަސް ރިންދާއަށް ހުރެވެނީ ތަންކޮޅެއް ދުރުގައެވެ. މަހާ އެއްކޮށް ކެއުމަށް ގެނައި ރޮއްޓާއި، ފިހެން ގެނައި ކާށި ނަގައި ތައްޔާރުކުރަން އުޅުނު އިރު ވެސް ރިންދާ ހުރީ އެ ކަން ބޮޑުވެފައެވެ. އެ ކަންތައް ކުރާކަށް ރިންދާ ބޭނުމެއް ނޫނެވެ. ރިންދާ ބޭނުންވަނީ ފައިސަލް އިނގިލިކުރީގައި ލައިގެން، ދިޔަރެހުގައި ހިނގައިލާށެވެ. ހުރިހައި ފިކުރަކާއި ހިޔާލެއް، ބޭރަށްލާ ނޭވައެއްހެން ހަށިގަނޑާ ވަކިކޮށްލާށެވެ. އެހެނަސް ފައިސަލް މަސްރޫފުކަމުން ރިންދާއާ ދިމާއަށް ބަލައިލާނެ ފުރުސަތެއް ވެސް ފައިސަލަކަށް ނުލިބެއެވެ. ޒިޔާނާ ކިރިޔާ ދުރަށްޖެހިލާ އިރަށް، ކޮންމެވެސް އެއްޗެކޭ ކިޔަފައި ޒިޔާން ގޮވައެވެ. ރިންދާއަށް އިހުސާސްކުރެވުނީ ރިންދާއަކީ މަސައްކަތުމީހެއް ގޮތުގައެވެ.
"ކޮބާ ކޯކުތަ ފެންޓާތަ؟" ރިންދާ ގޮވައިލިއެވެ.
ފައިސަލް ހުރީ އަލިފާންގަނޑު ކައިރީގައެވެ. އައިސްފޮށިން ރިންދާ ކޯކުފުޅިއާއި ފެންޓާފުޅި ނެގުމުން ޒިޔާން އައިސް، ކޯކުފުޅި ކަނޑައިގެން ތައްޓަށް އަޅަން ފެށިއެވެ. ދަނޑިވަޅު ބަލައިފައި ފައިސަލް ކައިރިއަށް ރިންދާ ޖެހިލި ވަގުތު، ފައިސަލް އައިސް ޒިޔާނަށް ފެންޓާފުޅިއެއް ދިނެވެ.
"މިއަދު މިހާރު ކޯކު ބޮއިފީމެއްނު! ދެން ފެންޓާ!" ފައިސަލް ބުންޏެވެ.
އެހެން ބުނެފައި ފައިސަލް އަނެއްކާ ވެސް އަލިފާންގަނޑު ކައިރިއަށް ޖެހިލިއެވެ. ޒިޔާން ކުޑަކޮށް ބޮޑާހާކައިލިއެވެ. ފައިސަލަށް ސިއްރުން ރިންދާ ތައްޓަކަށް ކޯކު އަޅާފައި، ޒިޔާނަށް ދިއްކޮށްލިއެވެ. ޒިޔާން ވަރަށް އުފާވިއެވެ. އެ ފަހަރު ރިންދާ ހިތަށްއެރިއެވެ. ޒިޔާނަކީ މަޑު ފުށްގަނޑެކެވެ. ރިންދާ ބޭނުން ގޮތަކަށް މޮޑެލެވިދާނެއެވެ. ފަހަރެއްގައި ފައިސަލަށް ވުރެ ދެގުނަ އިތުރަށް ވެސް ރިންދާއަށް ޒިޔާންގެ އިތުބާރު ހޯދިދާނެއެވެ.
"ތީ ކޮން އިރަކު، ކާކު ފޮނުވި އެއްޗެއް؟" ސީމާގެ ދައްތަ އެހިއެވެ.
ދައްތައަށް ސީމާ ފޯނުން ދެއްކި ފޮޓޯއިން ފެންނަނީ ފައިސަލާއި ޒިޔާނެއެވެ. ކައިރީގައި ރިންދާ ވެސް ހުއްޓެވެ.
"ހަވީރު ރައްޓެއްސަކު ފޮނުވި އެއްޗެއް،" ހިތްހަމަނުޖެހިފައި ސީމާ ބުންޏެވެ. "އަދި ވެސް އެ މީހުން ވިލިނގިލީގަ ތިބީ. ނުފުރަޔޯ! އަހަރެން ފެނުނީމަ އެ ފައިސަލްގަނޑު މޭނުބައިކުރަނީ. އެހެން ކޮންމެ މީހަކު ވެސް އޯކޭ! އަހަންނަކަށް ވެސް ނޭނގެ މީ ކާކުކަމެއް. ޔަގީނުން ވެސް އަހަރެން އުޅުނު އިރު ދުވަހަކު ވެސް ގެއަކަށް ނާދޭ! ހިތަށްއަރާ ވިލިނގިއްޔަށް ގޮސް.."
ސީމާ ތެދުވުމާއެކު ސީމާގެ އަތުގައި ދައްތަ ހިފިއެވެ. އަލުން ސޯފާގައި ބޭންދިއެވެ.
"ފުރަތަމަ ތި ރުޅިގަނޑު މައިތިރިކޮށްބަލަ!" ދައްތަ ބުންޏެވެ. "ތި ރުޅިއަކާ ހެދިޔޭ އެއްވެސް ކަމެއް ނުވެގެން ތި އުޅެނީ."
"އަހަންނަށް ކަމެއް ނުވާ ވާހަކަދައްކާ އިރު ދައްތައަށް ކުރެވުނު ކަމެއް ބުނެބަލަ!" ސީމާ ބުންޏެވެ. "އޭނަ ގުޅާނޭ، ގެންދާނޭ ކިޔާލަކިޔާލާ ހުރުން ނޫންކަމެއް ހަރާން. މިހާރު ޓަޗުގެއްލުނީތަ؟"
އެ ކަމާ ދައްތަ ވެސް ފޫހިވާ ހިސާބަށް ހިނގައްޖެއެވެ.
"މައްސަލައަކީ އަހަންނެއް ނޫނޭ!" ދައްތަ މަޑުމަޑުން ބުނެލިއެވެ. "އެ މީހުންނަށް އަސަރުކުރާލެއް ކުޑައީ."
"އަޖައިބެއް ނުވާނެ؟ ކީއްވެގެންހޭ؟" ސީމާ ސުވާލުކުރިއެވެ.
އިޝާނަމާދުކޮށް އަވަދިވެގެން ވިލިނގިލީގެ މިސްކިތަކުން މީހުންތައް ނުކުތެވެ. އޭގެ ތެރޭގައި ފައިސަލާއި ޒިޔާން ވެސް ހިމެނެއެވެ. ރިންދާ އިނީ މޫދުކައިރީގައެވެ. ނަމާދުކުރުމަކީ ރިންދާ އެހައި ޝައުގުވެރިކަންހުންނަ ކަމެއް ނޫނެވެ. އެ ތަނުގައި އިނދެގެން ވެސް ރިންދާ ކުރި ކަމަކީ، ސަތޫއާ ގުޅައިގެން މަޝްވަރާކުރުމެވެ.
"މިހާރު އޯވަނައިޓްކުރާ ގޮތަށް ހަމަޖެހުނީތަ؟" ސަތޫ އެހިއެވެ.
"ޖެހޭނެ! ގެރެންޓީ!" ވަރަށް ޔަގީންކަމާ އެކުގައި ރިންދާ ބުންޏެވެ. "ފީޑްކޮށްފަ ހުންނާނީ."
"ތިހެން ބުނާނީ! ތީ ބޮޑު އަނގައެއް،" ސަމާސާ ގޮތަކަށް ސަތޫ ބުނެލިއެވެ. "ގަޓުހުރެގެން އެނގޭ ކަމެއްވާނީ."
"ޒިޔާން ދުއާކުރަމޭ!" ފައިސަލް ކުރި ސުވާލަށް ޒިޔާން ޖަވާބުދިނެވެ. "މިރޭ ހަނދާންނެތުނީ. ޑެޑީ ކޮން ކަމަކާ ދުއާކުރީ؟"
ދެބަފައިން ހިނގީ ވަރަށް މަޑުންނެވެ. ފަޅުކަން ވެރިވެފައިވާ އެ މަގުގައި މާ ބޮޑު އަލިކަމެއް ނެތެވެ.
"މީ... ހެޔޮ ގޮތް މިންވަރުކުރައްވާތޯއެއްނު!" ފައިސަލް ބުންޏެވެ.
"މިންވަރުކުރައްވާތޯ؟" ޒިޔާން ވިސްނައިލައިފައި ބުންޏެވެ. "އޭގެ މާނައަކީ؟"
"މިސާލަކަށް، ދަރިފުޅަށް ﷲ ރަނގަޅު ގޮތްތައް މިންވަރުކުރައްވާތޯ.." ފައިސަލް ޖަވާބުދިނެވެ. "އަހަރުމެންގެ އާއިލާއަށް ހެޔޮ ރަހުމަތް ލައްވާތޯ.. ސުވަރުގެ ދެއްވާތޯ.."
"އާއިލާއަކީ ފެމެލީ! ރައިޓް؟ ކޮބާ މިހާރު އަހަރުމެންގެ ފެމެލީއަކީ؟" ޒިޔާން ވަރުގަދަ ސުވާލެއް ކުރިމަތިކުރިއެވެ.
"ޓަފް ކުއެސްޗަން،" ވިސްނައިލައިފައި ފައިސަލް ބުންޏެވެ. "ޑެޑީ، ދަރިފުޅު، މަންމަ؟"
މަންމައޭ ފައިސަލް ބުނީ ސުވާލަކަށްވާ ކަހަލަ ގޮތަކަށެވެ. ގޮތެއް ނިންމުން ޒިޔާނަށް ދޫކޮށްލީއެވެ.
"ނިމުނީ؟" ޒިޔާން އެހިއެވެ. "ކޮބާ ރިންތަ؟"
"އާނ ޔޭސް!" ކުއްލިއަކަށް ހަނދާންވެގެން ބުނާ ގޮތަކަށް ފައިސަލް ބުންޏެވެ. "ރިންތަ ވެސް! ޔޫ ލައިކް ހަރ؟"
ފައިސަލާ ދިމާއަށް ޒިޔާން ބަލައިލިއެވެ. ލާނެތް ގޮތަކަށް ހިނިތުންވެލައިފައި ބޯޖަހައިލިއެވެ.
"ޑެޑީ! މިރޭ ވިލިނގިލީގަ މަޑުކުރެވިދާނެތަ؟" ޒިޔާން އެހިއެވެ.
ފައިސަލް ވިސްނައިލިއެވެ. އެއީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
"ދަރިފުޅު ބޭނުން ގޮތެއް." ފައިސަލް އެއްބަސްވިއެވެ.
ރިންދާ ގާތުގައި އެހީ ފައިސަލެވެ. ރޭގަނޑު މަޑުކުރަން ބޭނުންވީ ޒިޔާންކަމުގައި ފައިސަލް ބުނަންދެން ރިންދާ ބަހަނާދެއްކިއެވެ. ޒިޔާންގެ ވާހަކަ ބުނާ އިރަށް ރިންދާ ވަގުތުން އެއްބަސްވިއެވެ.
ފައިސަލްމެން ތިބި ތަނުގައި ދެ ކޮޓަރި ހުރި ނަމަވެސް ފާހާނަ ހުރީ އެންމެ ކޮޓަރިއެއްގައެވެ. އެ ތަނުގައި ތިބީ ފައިސަލާއި ޒިޔާނެވެ. ކޮންމެ ވަގުތެއްގައި ވެސް ރިންދާ ފާހާނައަށް ވަންނަންޖެހިދާނެތީ، ދޮރުހުރީ ތަޅުނުލައެވެ. ގަޑިން ރޭގަނޑު އެގާރަޖެހި އިރު ޒިޔާން ނިދައިފިއެވެ. ފައިސަލަށް ވެސް އޮތީ ނިދިފައެވެ.
ނުނިމޭ