ފަލަ ނޫނަސް، ހަރަކާތްތެރިކަން ކުޑަ ނަމަ ހަކުރު ބަލި ޖެހޭނެ
ފަލަ ނޫނަސް، ހަރަކާތްތެރިކަން ކުޑަ ނަމަ ހަކުރު ބަލި ޖެހޭނެ

އެކަށީގެންވާ ބަރުދަނެއްގައި ހުއްޓަސް، ހަރަކާތްތެރިކަން ކުޑަވެ މާގިނައިރު އިށީނދެ އިނުމަކީ ހަކުރު ބައްޔަށް ދެވޭ ދައުވަތެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ އެމެރިކާ މީހުންގެ ތެރެއިން އެކަށީގެންވާ ބަރުދަނެއްގައި ތިބޭ ކޮންމެ ފަސް މީހަކުން އެކަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށާއި އާ ދިރާސާއިން މިއީ ކިހިނެއް ދިމާވާ ކަމެއްކަން ހާމަވާ ކަމަށެވެ.

"އެކަށީގެންވާ ބަރުދަނެއް ހުންނަ ކަމަށް ގަބޫލުކުރެވޭ މީހުން ނުވަތަ ފަލަ ނޫން މީހުންގެ ތެރޭގައި ވެސް 'މެޓަބޮލިކް' ގޮތުން ސިއްހަތު ރަނގަޅު ނޫން މީހުން އުޅޭކަން ދިރާސާއިން ވަނީ އެނގިފައި،" ދިރާސާގައި އިސްކޮށް ހުންނެވި އާކް މެއިނޯސް ވިދާޅުވި އެވެ. އޭނާ އަކީ ޔުނިވަސިޓީގެ ކޮލެޖް އޮފް ޕަބްލިކް ހެލްތު އެންޑް ހެލްތު ޕްރޮފެޝަންސްގެ ހެލްތު ސާވިސް ރީސާޗްގެ ވެރިޔާ އެވެ.

މެއިނޯސް އާއި އޭނާގެ ޓީމުން މި ދިރާސާ ކުރުމަށް، އިންޑްލެންޑުން އުމުރުން 20 އަހަރުން މަތީގެ 1000 މީހެއްގެ މައުލޫމާތު އެއްކުރި އެވެ. މި އެންމެންނަކީ ވެސް އެކަށީގެންވާ ބަރުދަނެއްގައި ތިބި އަދި ހަކުރު ބައްޔަށް ޑައިގްނޯޒް ވެފައި ނުވާ މީހުންނެވެ.

މި މީހުންގެ ތެރެއިން ހަރަކާތްތެރިކަން އެންމެ ކުޑަކޮށް ހުރި މީހުންގެ ލޭގައި ހަކުރުގެ މިންވަރު 5.7 އަށް ވުރެ މައްޗެވެ. މިއީ ހަކުރު ބަލި ޖެހުމުގެ ކުރިން ހަކުރު ހުންނަ ވަރު ކަމަށް އެމެރިކަން ޑައެބެޓީސް އެސޯސިއޭޝަނުން ބަލާ މިންގަނޑެވެ.

ހަރަކާތްތެރިކަން ކުޑަ މީހުންގެ ތެރެއިން 25 ޕަސެންޓް އަދި ހަރަކާތްތެރިކަން ކުޑަ، 45 އަހަރުން މަތީގެ މީހުންގެ 40 ޕަސެންޓަކީ ހަކުރު ބަލި ޖެހުމުގެ އަލާމާތްތައް ހަށިގަނޑުން ފެންނަން ފަށާފައިވާ މީހުން ކަމަށް މި ދިރާސާއިން ދެއްކި އެވެ.

މި ދިރާސާގައި، ހަރަކާތްތެރިކަން ކުޑަވުމާއި ހަކުރު ބައްޔާ ގުޅުން ހުންނަނީ ކިހިނެއް ކަމެއް ބަލައިފައެއް ނުވެ އެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ހަކުރު ބަލި ޖެހިދާނެ ކަމުގެ ނުރައްކާ އޮތް މީހުން ދެނެގަތުމަށް ބަލަންޖެހެނީ ބަރުދަނާއި އެ މީހަކު ކައި އުޅޭ ތަކެއްޗާއި މިންވަރު އެކަނި ނޫން ކަމަށެވެ. މިހާރު ބަލާ ކަންކަމުގެ އިތުރުން މީހާގެ ހަރަކާތްތެރިކަން ހުންނަ ވަރު ވެސް ބެލުމަށް ދިރާސާގައި ލަފާ ދީފައިވެ އެވެ.

މި ދިރާސާ މިހާރު ވަނީ އެމެރިކަން ޖާނަލް އޮފް ޕްރިވެންޓިވް މެޑިސިންގައި ޝާއިއުކޮށްފަ އެވެ.