ފޭވަރިޓުންނަކީ ޖަރުމަނާއި ސްޕެއިން، ފްރާންސެއް ނޫން: ޑިޝޯމްޕް
ފޭވަރިޓުންނަކީ ޖަރުމަނާއި ސްޕެއިން، ފްރާންސެއް ނޫން: ޑިޝޯމްޕް

ޕެރިސް (ޖޫން 10) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންނަކީ ސްޕެއިނާއި ޖަރުމަނު ކަމަށާއި އެ ޓެގް ފްރާންސް ޓީމުގައި އެޅުވެން ނެތް ކަމަށް މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ރޫމޭނިއާއާ ދެކޮޅަށް ނުކުންނަ ފްރާންސް ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.

ޑިޝޯމްޕްގެ ކެޕްޓަންކަމުގެ ދަށުން ފްރާންސުން، އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އެވެ. އޭނާ ބުނީ މި ފަހަރު ޔޫރޯ އެގައުމުގައި އޮތް ނަމަވެސް އެ ޓީމަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގަބޫލުނުކުރާ ކަމަށެވެ.

"ފާއިތުވި އަހަރުތަކުގެ ތަޖުރިބާ އަށް ބަލާއިރު ސްޕެއިން އާއި ޖަރުމަނަކީ މި މުބާރާތުގެ ފޭވަރިޓުން. ސްޕެއިނަކީ އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން. ޖަރުމަނީ ދުނިޔޭގެ ޗެމްޕިއަނުން. މި ޓީމުތަކަށް ފަހު ފޭވަރިޓުންގެ ލިސްޓުން ފްރާންސަށް ޖާގަ ލިބޭނީ،" ރުމޭނިއާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޝޯމްޕް ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް ކުރިމަތިލިއިރު ފްރާންސަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ތިން ޑިފެންޑަރަކު ގެއްލުމެވެ. ރަފައެލް ވަރާން އާއި ޖެރެމީ މަތިއު އަށް ވަނީ އަނިޔާވެ މުބާރާތް ގެއްލިފަ އެވެ. މަނާ ބޭހަށް ޕޮޒިޓިވް ވުމުން މަމަދޫ ސަކޯ ހުރީ ސަސްޕެންޝަނުގަ އެވެ.

"ފަހަތަށް ކުޅޭ މުހިއްމު ކުޅުންތެރިން ގެއްލުމަކީ ލިބުނު މާޔޫސްކަމެއް. އެކަމަކު ބަދަލުގައި ޓީމުގައި ހިމެނި ކުޅުންތެރިންނަށް އިތުބާރު އެބައޮތް،" ޑިޝޯމްޕް ބުންޏެވެ.

ޑިޝޯމްޕްގެ ވާހަކަތަކަށް ފްރާންސްގެ ކެޕްޓަން ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި ފްރާންސާއި ރޫމޭނިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.