05 ޖުލައި 2023 - 05:35

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމެއްގެ ޝޫޓިންގެ ތެރެއިން ހިނގި އެކްސިޑެންޓެއްގައި އޭނާއަށް އަނިޔާވެގެން ކުޑަ ސާޖަރީއެއް ކޮށްފި އެވެ.
އެ ޝޫޓިން އޮތީ އެމެރިކާގެ ލޮސް އެންޖެލަސްގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ޝޫޓިންގެ ތެރެއިން ހިނގި އެ އެކްސިޑެންޓުގައި ގެއްލުން ލިބުނީ ޝާހުގެ ނޭފަތަށެވެ. އޭނާގެ ނޭފަތުން ވަރަށް ބައިވަރު ލޭ ފޭބި ކަމަށާއި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. އަދި ލޭ އައުން މަނާނުވެގެން ކުޑަ ސާޖަރީއެއް ކުރަން ޖެހުނީ އެވެ.
ސާޖަރީއަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށާއި ދުވަސްކޮޅަކަށް އަރާމުކުރުމަށް ޑޮކްޓަރުން ލަފާދީފައި ވާތީ ޝާހު މިހާރު އަނބުރާ އިންޑިއާއަށް ގޮސްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޝާހު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ޖަވާން" އާއި "ޑަންކީ" އެވެ. ނަމަވެސް، މި އެކްސިޑެންޓް ހިނގީ ކޮން ފިލްމެއްގެ ޝޫޓިންގެ ތެރެއިން ކަމެއް އަދި ޔަގީންނުވެ އެވެ.
ޝާހުގެ "ޖަވާން"ގެ ޓްރެއިލާ މި މަހު 12 ގައި އާންމުކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އަންނަ ސެޕްޓެމްބަރު މަހު ހަތެއްގައި އެ ފިލްމު ސިނަމާތަކުގައި އަޅުވަން ވަނީ ނިންމައިފަ އެވެ.