ޖެނީންގައި ވަރުގަދަ ހަނގުރާމައެއް
ޖެނީންގައި ވަރުގަދަ ހަނގުރާމައެއް

ޖެނީން (ޖުލައި 4) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނީން ރެފިއުޖީ ފޭލިގެ އަވަށަށް، މިދިޔަ ހޯމަ ވިލޭރޭ ދަންވަރު އިޒްރޭލު ސިފައިން ވަދެގަނެ ދޭން ފެށި އުދުވާނީ ހަމަލާތައް ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެ، ފަލަސްތީނުގެ އާންމުންގެ 10 މީހަކު ޝަހީދުކޮށްލައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ.

އާދިއްތަ ދުވަހުގެރޭ ދަންވަރު 1000 އަށް ވުރެ ގިނަ ސިފައިން ބުލްޑޯޒަރުތަކާ އެކު ޖެނީނަށް ވަދެގަނެ، ފަލަސްތީނުގެ ހަނގުރާމަވެރިން ފިލައި ތިބި ކަމަށް ޝައްކުކުރެވޭ އިމާރާތްތަކަށް، މިސައިލް ހަމަލާތަކެއް ދިނެވެ. އެ ހަމަލާތަކާ އެކު ފަލަސްތީނު ހަނގުރާމަވެރިންގެ ފަރާތުން ވެސް ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވެ، އިޒްރޭލު ސިފައިން ބޭނުންވި މަގްސަދު ހާސިލުކުރެވޭ ގޮތް ނުވެ ދެ ފަރާތުގެ މެދުގައި މިހާރު ދަނީ ވަރަށް ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުންނެވެ.

މިއީ މިދިޔަ 20 އަހަރުގެ ތެރޭގައި، ހުޅަނގު އައްސޭރީގެ އެއްވެސް ހިސާބެއްގައި އިޒްރޭލު ސިފައިން ނުހިންގާހާ ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ބުނެ އެވެ. އިޒްރޭލުން ބުނި ގޮތުގައި ޖެނީންގައި އިޒްރޭލު ސިފައިން މިހާރު ހިންގަމުންދާ ހަރަކާތްތަކުގެ މަގްސަދަކީ، ޓެރަރިސްޓުންގެ ހާއްޔެއްގެ ގޮތުގައި ޖެނީން ބޭނުންކުރުން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކެކެވެ.

އަދި މިހާރު ޖެނީންގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ވަކި މުއްދަތެއް ނެތް ކަމަށާއި، މަގްސަދު ހާސިލުވިހާ އަވަހަކަށް އެ މަސައްކަތް ހުއްޓައިލާނެ ކަމަށް ވެސް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ. އެ ގޮތުން މިއަދުގެ ވަގުތެއްގައި ވެސް އަސްކަރީ ހަރަކާތްތައް ހުއްޓިދާނެ ކަމަށާއި، ކަންތައް ކުރިއަށް ދާ ގޮތަކުން، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހަށް ވެސް އެ ހަރަކާތްތައް ދެމިގެން ހިނގައިދާނެ ކަމަށް ވެސް އަސްކަރިއްޔާ އިން ބުންޏެވެ.

ފަލަސްތީނުގައި ވެސް ސަރުކާރެއް އޮވެ އަދި އަމަން ބަލަހައްޓާނެ ފުލުހުންގެ ލަޝްކަރެއް އޮތް އިރުވެސް، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ފަލަސްތީނުގެ ފުލުހުން އެއްވެސް ކަމެއް ނުކުރާތީ، ފަލަސްތީނުގެ ޒުވާނުން ތިބީ ވަރަށް ބޮޑު ނާއުންމީދެއްގަ އެވެ. އެކަމުގެ ސަބަބުން ހަތިޔާރު ހިފައިގެން އިޒްރޭލު ސިފައިންނާ ކުރިމަތިލާން ބޭނުންވާ ޒުވާނުން އިތުރުވެ، ފަލަސްތީނު ޒުވާން ހަނގުރާމަވެރިންގެ މައި މަރުކަޒަކަށް މިހާރު ހަދާފައިވަނީ ޖެނީން އެވެ.

ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގެ އަވަށަކީ، ހުޅަނގު ގުދުސްއާއި ފަލަސްތީނުގެ އެހެން ބައެއް ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ވެރިވެގަނެ، އެ ތަންތަނުން ފައްސައިލި ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ އެންމެ ބައިބޯ އަވަށެވެ. މިދިޔަ އަހަރުތަކުގައި އިޒްރޭލު ސިފައިން އެންމެ ގިނައިން އުދުވާނީ އަމަލުތައް ހިންގާފައިވަނީ ވެސް، ޖެނީން އަވަށުގަ އެވެ.

އިޒްރޭލުގެ އުދުވާނީ އަމަލުތަކަށް ރައްދު ދިނުމުގައި ބައިވެރިވާ ފަލަސްތީނުގެ ޒުވާން ހަނގުރާމަވެރިން ހޯދައި ހައްޔަރުކުރުމުގެ ނަމުގައި، އިޒްރޭލު ސިފައިން ޖެނީން ފޭލިގެ އަވަށަށް އަރައިގަނެ އުދުވާނީ އަމަލުތައް ހިންގުމަކީ ވަރަށް އާންމު ކަމެކެވެ.

ޔަހޫދީ އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން 2002 ވަނަ އަހަރު ފެށި، ހަށި ފޮޅައިލުމުގެ ހަރަކާތް (ދެ ވަނަ އިންތިފާޟާ) ހުއްޓުވުމުގެ ބަހަނާގައި، އިޒްރޭލު ސިފައިން ޖެނީން ފޭލިގޭ އަވަށަށް އަރައިގަނެ ވަރުގަދަ ހަނގުރާމައެއް ކުރި އެވެ. އެ ހަނގުރާމައިގައި ފަލަސްތީނުގެ އާންމުންނާއި ހަނގުރާމަވެރިން ހިމެނޭ ގޮތުން 52 މީހަކު ޝަހީދުކޮށްލައި އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލި އެވެ. އަދި ފަލަސްތީނު ހަނގުރާމަވެރިންގެ ރައްދު ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 23 މީހަކު މަރުވި އެވެ.

ޖެނީންގެ އެތެރޭގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ އަށް ކުރިމަތިލުންތައް ހިނގަމުން ދާއިރު، އިޒްރޭލުގެ ހެލިކޮޕްޓަރުތަކާއި ޑްރޯންތައް ޖެނީންގެ ވައިގެ ސަރަހައްދުގައި ބުރު ޖަހަމުން، މިސައިލް ހަމަލާތައް ދެމުން ދެ އެވެ. ޖެނީނަށް ވަދެ ނުކުމެވާ ދޮރޯށިތައް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް، އެ އަވަށަކީ އަސްކަރީ ސަރަހައްދެއް ކަމަށް އިޒްރޭލުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ހުރިހާ ފިހާރަތަކާއި ގެތައް ބަންދުކޮށް ތަޅުލާފައިވާ އިރު، މަގުތަކުން މުޅިން ވެސް ފެންނަނީ އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނެވެ. އިޒްރޭލު ސިފައިން އަސްކަރީ އުޅަނދުތަކުގައި ޖެނީންގެ މަގުތަކުގައި ދަތުރުކުރާ އިރު، ފަލަސްތީނުގެ ޒުވާނުން ޕެޓްރޯލް ބޮމާއި އޮއްގަލާއި ލަކުޑިބުރި ފަދަ ތަކެތިން އެ އުޅަނދުތަކަށް ހަމަލާ ދެ އެވެ. އަދި ފަލަސްތީނުގެ ހަނގުރާމަވެރިން ބައެއް ސަރަހައްދުތަކުގައި ފިލައި ތިބެގެން ބަޑީގެ ހަމަލާތައް ބަދަލުކުރެ އެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ތެރެއިން 3000 އަށް ވުރެ ގިނަ މީހުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ. މި ހަމަލާތަކުގައި ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 20 މީހަކު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ވެސް ރެޑް ކްރެސެންޓުން ބުންޏެވެ.

އިއްޔެ ފެށި މި އަސްކަރީ ހަރަކާތުގައި ބައިވެރިވާ އިޒްރޭލު ސިފައިންނަށް ކުރިމަތިވާ ރައްދު ހަމަލާތައް ވަރުގަދަވަމުން ދާތީ، އިޒްރޭލުގެ އަސްކަރިއްޔާ އިން މިއަދު ހެނދުނު ވަނީ ޖެނީނަށް އިތުރު ސިފައިން ހަތިޔާރާއެކު ފޮނުވައިފަ އެވެ.