04 ޖުލައި 2023 - 13:24

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް 6،000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ތައްޔާރުވަމުން އަންނަ އިރު، އެކަން ހައުސިން މިނިސްޓްރީ އަށް ކުރެވިދާނެ ކަމާ މެދު ގާނޫނީ ސުވާލެއް އުފެދިއްޖެ އެވެ.
މި ބިޔަ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް ކުރަމުންދަނީ ސީދާ މިނިސްޓްރީންނެވެ. އެކަމަކު ބިމާބެހޭ ގާނޫނުގެ ދަށުން އެކަން ކުރެވިދާނެ ކަމާމެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
ބިމާބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ބިމުގެ ސިޔާސަތާއި ބިން ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބިން އެކަށައެޅޭނެ ބޭނުންތައް ކަނޑައަޅާފައި ވެ އެވެ. އޭގެ ތެރޭގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުން ހިމެނެ އެވެ.
އެކަމަކު މުއިއްޒުގެ ސުވާލު ގުޅިފައިވަނީ އެ ގާނޫނުގެ 10 ވަނަ މާއްދާ އާ އެވެ.
"ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި އިމާރާތްކުރުމަށް، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން، ދިރިއުޅުމަށް ގޯތި ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅައި، އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ،" ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވެ އެވެ.
"މި މާއްދާ ބިމޭބެހޭ ގާނޫނުގަ އޮއްވައި ހައުސިން މިނިސްޓްރީން ގޯތި ދޫކުރެވޭނެ ހަމައެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު އެކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއުތިރާޒު ކުރައްވަ އެވެ.
އޭނާ ވިދާޅުވީ މުއިއްޒު ފާހަގަކުރައްވާ ނުކުތާ ރަނގަޅު ނޫން ކަމަށެވެ.
"ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ހައުސިން މިނިސްޓްރީން ގޯތި ދިނުމުގެ ޕްރޮގްރާމް ހިންގަމުންދަނީ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމްގެ ވާހަކަ އަށް ތާއީދުކުރައްވައި ބައެއް ގާނޫނީ ވަކީލުން ވެސް ވިދާޅުވަނީ ހުޅުމާލެ އަދި ގުޅިފަޅަކީ ބިމާބެހޭ ގާނޫނުގެ ދަށުން އެކަށައެޅިފައިވާ ބިންތަކެއް ނޫން ކަމަށެވެ. އަދި އެ ބިންތަކަކީ މާލެ ސަރަހައްދުގައި ހުރި ނަމަވެސް، ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކެއް ނޫން ކަން ވެސް އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.
ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. މި ބުރު ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ގޯތި ލިބޭ 10،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ.