އިންތިހާބުގެ ވާހަކައެއް ޑިމޮކްރެޓްސްއާ ނުދައްކަން، އިންޑިއާ އައުޓް ވެސް ނުހުއްޓާނެ: އަދުރޭ
އިންތިހާބުގެ ވާހަކައެއް ޑިމޮކްރެޓްސްއާ ނުދައްކަން، އިންޑިއާ އައުޓް ވެސް ނުހުއްޓާނެ: އަދުރޭ

ޑިމޮކްރެޓްސް ޕާޓީއާ އެކު މަޝްވަރާކުރަނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނޫން ކަމަށާއި އެ ޕާޓީން ވަކި ކަމެއް ހުއްޓާލަން ޖެހޭ ކަމަށް ބުންޏަސް "އިންޑިއާ އައުޓް" ކެމްޕޭން ނުހުއްޓާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޑިމޮކްރެޓްސް އިން ސިޔާސީ މަސައްކަތް އެކުގައި ކުރަން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު ޑިމޮކްރެޓްސް އިން ވަނީ "އިންޑިއާ އައުޓް" ހިންގާ ނަމަ އެކުގައި މަސައްކަތް ނުކުރެވޭނެ ކަަން ހާމަކޮށްފަ އެވެ. އެއާއެކު ވެސް އެއް ކެންޑިޑޭޓަކު ނެރެން ދޫދޭން ތައްޔާރު ކަމަށް ވެސް ބުންޏެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގެ ދޮރުން ދޮރަށް ހަރަކާތް ފައްޓަވައި ދެއްވުމަށް ފަހު، އިންޑިއާއާ ދެކޮޅު ކެމްޕޭނާ ގުޅޭ ގޮތުން ވިދާޅުވީ ވަކި ބަޔަކު ބޭނުންވުމަކީ އެކަން ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަަމަށެވެ. ޑިމޮކްރެޓްސް އަދި ސިޔާސީ އެހެން ޕާޓީއަކާ އެކުގައި ވެސް ކޯލިޝަން ހެދުމުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެޖެންޑާ ސެޓްކުރާ ބަޔަކީ ޕީޕީއެމް، ޕީއެންސީން ރައީސް ޔާމީންގެ ލަފާފުޅާ އިރުޝާދާ އެކީގައި. އެހެންވީމަ އިންޑިއާ އައުޓް ކެމްޕޭން ވިޔަސް އެކަމެއް އަޅުގަނޑުމެން ހުއްޓާލަންޏާ ހުއްޓާލާނީ އަޅުގަނޑުމެންގެ ރައީސްގެ މަޝްވަރާއާ އެކީގައި ރައީސް ދެއްވާ ލަފާފުޅަކާއި އިރުޝާދަކާ އެއްގޮތްވާ ގޮތުގެ މަތިން،" އަދުރޭ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއާ ވާހަކަ ދައްކަނީ، އަދުރޭ ވިދާޅުވި ގޮތުގައި، އިންތިހާބާ ގުޅޭ ގޮތުން ނޫނެވެ. ގައުމީ މައްސަލަތަކުގައި ކަަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ކަނޑު ވިއްކާލުން ކަހަލަ އަދި އެ ނޫނަސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަހަލަ ކަންތައްތަކުގައި. އެއްގޮތަކަށް ވެސް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަސައްކަތެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ޖަލުގައި އޮންނަވައި ޔާމީން ލަފާ ދެއްވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރަން ތިބި ބަޔަކާ އެކު މަސައްކަތް ކުރަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެ މަސައްކަތް މި ކުރަނީ. އެ މައުލޫމާތު ވާނީ އަޅުގަނޑުމެންގެ ސެނެޓާ ހިއްސާކޮށްފައި،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްއާ އެކު ވަކި ވާހަކައެއް ދައްކާތީ ވެސް ސެނެޓުގެ ކަންބޮޑުވުމެއް ނެތެވެ. މެމްބަރުންގެ ސާފުކުރަން ބޭނުންވާ ކަމަކީ ޔާމީނަށް ވާނެ ގޮތެއް ކަމަށާއި އޭގައި ދެއްވާނެ ޔަގީންކަމަކީ އެއް ބުރުން އެމަނިކުފާނު ކާމިޔާބީ ހޯއްދަވާނެ ކަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޖަލު ހުކުމެއްގައި އޮންނެވި ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ކަށަވަރުވާނީ، ހައި ކޯޓުގައި މިހާރު ހިނގާ އިސްތިއުނާފް ނިމުމުންނެވެ.