04 ޖުލައި 2023 - 09:03

ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 2-2 އިން އެއްވަރު ވެގެން، ޕެނަލްޓީ ޝޫޓްއައުޓްގައި ލެ މެރީޑިއަންގެ މައްޗަށް 5-4 އިން ކުރި ހޯދައި ކޮކޫން މޯލްޑިވްސް އިން މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ލެ މެރީޑިއަން ރިސޯޓުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ކޮކޫން އިން ލީޑު ނަގާފައި ވަނިކޮށް ލެ މެރީޑިއަން އިން ވަނީ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފަ އެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ކޮކޫންގެ މުހައްމަދު ނަބީލް، ފަހު ހާފުގައި އެޓީމަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނަސް ލެ މެރީޑިއަން އިން އަނެއްކާ ވެސް ނަތީޖާ އެއްވަރު ކުރި އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކޮކޫންގެ މުހައްމަދު ޝުހެއިލް އެވެ. ޝުހެއިލް ވަނީ އަތޮޅުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. ގަދަ 5 ގައި ދެން ހިމެނެނީ ކޮކޫންގެ ހަސަން ޒަރީރާއި ގޯލްކީޕަރު އަލީ ގުޝާމްގެ އިތުރުން ލެ މެރީޑިއަންގެ އަކުބަރު އަލީ އާއި އަހުމަދު ހާނިފް އެވެ.
އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމު ލިބުނީ ލެ މެރީޑިއަންގެ ހާނިފް އާއި ކޮކޫންގެ ނަބީލް އަށެވެ. ދެ ކުޅުންތެރިން ވެސް ވަނީ ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. އެންމެ މޮޅު ކޯޗަކީ ކޮކޫންގެ މުހައްމަދު އަބްދުލް ގަނީ އެވެ.
ނޮކައުޓް ބުރުގައި ކޮކޫން ވާދަ ކުރަން ޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. ނ. އަތޮޅުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު، ސިޔާމް ވޯލްޑްގަ އެވެ.