04 ޖުލައި 2023 - 09:00

ނިއުކާސަލް، އިންގްލެންޑް (ޖުލައި 4) - ޔޫއެފާ ޗެމްޕިއަންސް ލީގުން 20 އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރުސަތު ހޯދި މަހުޖަނުންގެ ކްލަބް، ނިއުކާސަލް ޔުނައިޓެޑް އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން އޭސީ މިލާނާއި އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީގެ ސޮއި ހޯދައިފި އެވެ.
ޓޮނާލީ، 23، ނިއުކާސަލާ ގުޅުނީ 69 މިލިއަން ޑޮލަރަށް ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. ޓޮނާލީ އަކީ އާ ސީޒަނަށް ތައްޔާރުވާން ނިއުކާސަލުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޓޮނާލީ އަށް ނިއުކާސަލުން ކުރި ހަރަދާ އެކު އޭނާ ވެފައިވަނީ ތާރީހުގައި ކްލަބް ބަދަލުކުރި އިޓަލީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.
މީގެ އެއް ސީޒަން ކުރިން މިދިޔަ އަހަރު އޭސީ މިލާނުން އިޓާލިއަން ލީގު ކާމިޔާބު ކުރިއިރު ޓޮނާލީ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި، ޓޮނާލީގެ ހިއްސާއާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ އަށް މިލާން ދަތުރުކުރި އެވެ.
"ނިއުކާސަލުން އަހަރެން ބޭނުންވުމުން ނޫނެކޭ ނުބުނެވުނު. އަހަރެން ބޭނުންވަނީ ކްލަބުން ދިން އިތުބާރު ދަނޑުމަތީގައި ދައްކައިދޭން" ނިއުކާސަލަށް ބަދަލުވުމަށް ފަހު ކްލަބްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ޓޮނާލީ ބުންޏެވެ.
މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގައި ޓޮނާލީ މިލާން ޓީމަށް 34 މެޗުގައި ކުޅުނެވެ. އަދި ޗެމްޕިއަންސް ލީގު ސެމީއާ ހަމައަށް 12 މެޗުގައި ކުޅުނެވެ.
ޒުވާން އުމުރުގައި އިޓަލީގެ ބްރޭޝިއާ އިން ކެރިއަރު ފަށައި ޓޮނާލީ ލޯނު އުސޫލުން މިލާނަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެފަހުން މިލާނުން ޖެހިގެން އައި އަހަރު ޓޮނާލީގެ އެއްބަސްވުން ދާއިމީ ކުރި އެވެ.
އިޓަލީގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައިވާ ޓޮނާލީ އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2019 ވަނަ އަހަރު އެވެ.
ޗެމްޕިއަންސް ލީގަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ނިއުކާސަލް ޔުނައިޓެޑުން އަންނަނީ އެހެން ކުޅުންތެރިންނަށް ވެސް ފާރަލަމުންނެވެ. ޓޮނާލީ އަކީ އެ ކްލަބުން ގެންނަން ބޭނުންވި ލިސްޓުގައި އެންމެ ފުރަތަމަ ހިމެނުނު ކުޅުންތެރިއެއް ނޫނެވެ. އެކަމަކު ރަނގަޅު އަގެއްގައި ޓޮނާލީ ގެނެވެން އޮތުމުން ނިއުކާސަލުން އެ ހަރަދު ކުރީ އެވެ.