އެމްޖޭއޭ އިން ހިތްވަރުދެނީ ނޫސްވެެރިންނަށް ފުރައްސާރަކުރާ ޕްރެސްތައް ބޮއިކޮޓްކުރަން
އެމްޖޭއޭ އިން ހިތްވަރުދެނީ ނޫސްވެެރިންނަށް ފުރައްސާރަކުރާ ޕްރެސްތައް ބޮއިކޮޓްކުރަން

ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް އަޅުވައި ފުރައްސާރަކުރާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފި އެވެ.

ޕީޕީއެމާއި ޑިމޮކްރެޓްސް އިން މީޑިއާތަކަށް ދައުވަތުދީގެން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އެ ދެ ޕާޓީއަށް ނިސްބަތްވާ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވެސް ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާއި އެހެން ވެސް ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާ މެދު ސާބިތުނުހިފޭ ސީރިއަސް ތުހުމަތުތައްކޮށް ނޫސްވެރިކަން ޑިސްކްރިޑިޓް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި ނޫސްވެރިން ކުރިމަތިކުރުވާ ސުވާލުތަކާއި އެ މީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާ ދިމާކޮށްލައި އެ މީހުންނާ މެދު ޒާތީވެ ތުހުމަތުތައް އުފަންކުރުމަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫނެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ކުރަނީ ގަސްތުގައި ރާވައިގެން ނޫސްވެރިންގެ މަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި އިތުބާރު ނަގާލުމަށް ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

މީގެ ފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށް ބަޔާނުގައިވެ އެވެ.

"..މި ޔޫނިއަންއިން ގަބޫލުކުރާ ހަމައަކީ ނޫސްވެރިންނަށް ވެސް ފާޑުކިޔަންވާނެ ކަމާއި ނަމަވެސް, އެ ފާޑުކިޔުން ވާންވާނީ ޒާތީނުވެ, އަސްލެއް ނެތް ތުހުމަތުތަކުން އެއްކިބާވެ ތިބެ ކިޔޭ ބިނާކުރުވަނިވި ފާޑުކިޔުމަށް. އެފަދަ ބިނާކުރަނިވި ފާޑުކިޔުންތަކާއި ކަންކަން ރަނގަޅުކުރުމަށް ދޭ ހިޔާލުތަކަށް މި ޔޫނިއަންއިން ހުޅުވިފައިވާ ސިކުނޑިއަކުން މަރުހަބާވެސް ކިޔަން،" ބަޔާނުގައިވެ އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒަމާންވީ ބޮޑެތި މައްސަލަތައް، މާލީ މިނިވަންކަން ނެތުމާއި ގާބިލް ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް ހުރިކަން ގަބޫލުކުރާ ހާލު އެކަންކަން ހައްލު ކުރެވޭނީ އެންމެން ގުޅިގެން މިފަދަ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކޮށްގެން ކަމަށް އެމްޖޭއޭއިން ބުންޏެވެ. އެއީ ނޫސްވެރިންނަށް ތުހުމަތުތައްކޮށް ޒާތީ ގޮތުން ދިމާކޮށްގެން ހައްލު ކުރެވޭނޭ ކަންކަން ނޫން ކަމަށެވެ.

އެހެންކަމުން، އެމްޖޭއޭއިން ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރަނީ ނޫސްވެރިންނާއި އެ މީހުންގެ މަސައްކަތަކީ ގައުމަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސް އެޅޭނޭ ފަދަ އަމަލުތައް ނުކުރުމަށް ކަމަށާއި އަދި ނޫސްވެރިން ވެސް ރާއްޖޭގައި ހެދިފައިވާ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކަމަށް ބަޔާނުގައިވެ އެވެ.