އިންޑިއާ އައުޓް ކިޔުން ހުއްޓައެއްނުލާނަން: ޝިޔާމް
އިންޑިއާ އައުޓް ކިޔުން ހުއްޓައެއްނުލާނަން: ޝިޔާމް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓާ ނުލާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓަކީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ ހަރަކާތެއްގައި ބޭނުން ކުރާ ސްލޯގަން އެކެވެ. އަދި އެ ޕާޓީން އެންމެ ބޮޑަށް ވަކާލާތު ކުރަމުން އަންނަ އެއް މައްސަލަ އެވެ.

އެހެން ނަމަވެސް އެ ޕާޓީން މިހާރު ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މެންބަރުން އިންޑިއާ އެ ކެމްޕެއިނާ ވަރަށް ބޮޑަށް ދެކޮޅެވެ.

ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިއްޔެ ވަނީ ޕީޕީއެމް އިން އިންޑިއާ އައުޓް ގޮވާ ނަމަ އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރާ މަސައްކަތަކީ އެ ޕާޓީގެ ވަރަށް މުހިންމު ހަރަކާތެއް ކަމަށާއި އެފަދަ ކަންކަން ކޮމްޕްރަމައިޒް ނުކުރާނެ ކަމަށެވެ.

ޑިމޮކްރެޓްސް އާ ގުޅިގެން މަސައްކަތް ކުރާނީ އެއްބަސްވެވޭ ކަންކަމުގައި އެކަނި ކަމަށާއި އެއްބަސް ނުވެވޭ ކަންކަމުގައި އިތުރަށް މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ވަރަށް އަސާސް ކަމެއް މިތަނުގައި ބޭރުގެ އަސްކަރިއްޔާ ތިބޭ މައްސަލައަކީ. އެކަމާ އަޅުގަނޑުމެން މި ގެންގުޅެނީ އިންޑިއާ އައުޓް ސްލޯގަން. އެހެންވެ މަސައްކަތް ކުރިޔަށް ދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމް އަކީ ކޮންޒަވޭޓިވް ފިކުރުގެ ޕާޓީއެއް ކަމަށާއި ގައުމީ މައްސަލަތަކާއި ދީން ހިމާޔަތް ކުރުމުގައި އެ ޕާޓީ ދެމި އޮންނާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީ އިން މަޝްވަރާ ކުރަމުން ގެންދަނިކޮށް އީދު ދުވަހު ޕީޕީއެމް އިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޮޓޯ ޖެހި މާސްކް އަޅައިގެން މާލި ހަދައިފަ އެވެ.

ޑިމޮކްރެޓްސްގެ އިސް މެންބަރުން ވަނީ އެކަން ކުށްވެރިކޮށް އެއްވެސް ގައުމަކާ ދޭތެރޭ އެފަދަ ކަމެއް ކުރުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.