ފައިސާ ނުދެއްކުމުން ހއ. އަލިދުއްފަރު ފިނޮޅު ދެވަނައަށް އަގު ހުށަހެޅި ފަރާތަށް
ފައިސާ ނުދެއްކުމުން ހއ. އަލިދުއްފަރު ފިނޮޅު ދެވަނައަށް އަގު ހުށަހެޅި ފަރާތަށް

ހއ.އަލިދުއްފަރުގެ ބިޑް ކާމިޔާބުކުރި ފަރާތުން ފައިސާ ނުދެއްކުމުން، ދެ ވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް އަގު ދައްކަން ފުރުސަތު ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އަލިދުއްފަރު ކާމިޔާބުކުރި، ސަބް ސޯލާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅީ 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) ކަމަށެވެ. ނަމަވެސް، އިކުއިޒިޝަން ކޮސްޓް ދެއްކުމަށް ކަނޑައަޅާފައިވާ 60 ދުވަސް ހަމަވި އިރު އެ ފަރާތުން ފައިސާ ނުދެއްކުމުން، ދެވަނަ ބިޑް ހުށަހެޅި ފަރާތުން އަގު ދައްކަން ވަނީ ފުރުސަތު ލިބިފަ އެވެ. ދެވަނައަށް ބިޑް ކާމިޔާބުކުރި ފަރާތުން ހުށަހަޅަފައިވަނީ 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) އެވެ.

މިދިޔަ ޖެނުއަރީ މަހު ޓޫރިޒަމް މިނިސްޓްރީން 13 ރަށެއް ތަރައްގީކުރަން ހުޅުވާލި ނަމަވެސް، ބިޑް ހުށަހަޅާފައިވަނީ ދެ ރަށަކަށެވެ. ހއ. އަލިދުއްފަރު ފިނޮޅާއި ތ. އޮޅުފުއްޓަށް އަށް ފަރާތަކުން ބިޑް ހުށަހެޅި އެވެ. އޮޅުފުށީގެ ބިޑް ކާމިޔާބު ކުރީ ވެސް ސަބް ސޯސާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން އެރަށް ނެގީ 23 މިލިއަން ރުފިޔާ ދައްކައިގެންނެވެ.

އަލިދުއްފަރު ފިނޮޅަށް ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހެޅި ކުންފުންޏަށް ވެސް އިތުރު 60 ދުވަހުގެ މުއްދަތެއް އިކުއިޒިޝަން ކޮސްޓް ދައްކަން ލިބޭނެ އެވެ.

ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރާށެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެ ދެ ރަށަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.

ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދީފައިވެ އެވެ.