ރަންބީރުގެ "އެނިމަލް"ގައި 35 ލަވަ
ރަންބީރުގެ "އެނިމަލް"ގައި 35 ލަވަ

ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު "އެނިމަލް"ގެ މަސައްކަތް ލަސްވަމުން ދަނީ އެ ފިލްމުގައި ހިމެނޭ 35 ލަވައިގެ މަސައްކަތް ކުރަން ޖެހޭތީ ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެފި އެވެ.

އެ ފިލްމު ރިލީޒްކުރާ ގޮތަށް ކުރިން އޮތީ އަންނަ މަހު 11 ގަ އެވެ. ނަމަވެސް މިހާރު އަންނަ ޑިސެމްބަރު މަހަށް ފިލްމު އެޅުވުން އޮތީ ފަސްކޮށްފަ އެވެ. އެހެންވެ، އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ޑައިރެކްޓަރު ސަންދީޕު ރެޑީ ވެންގާ ޓުވީޓްކުރި ވީޑިއޯއެއްގައި އޭނާ ބުނީ ފިލްމު ފަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ރަނގަޅު ކޮލެޓީގެ ފިލްމެއް ގެނެސްދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ބުނީ ހަތް ލަވަ ހިމެނޭ އެ ފިލްމު ފަސް ބަހަކުން ރިލީޒްކުރަން ނިންމާފައިވުމެވެ. އެހެންވެ، ކޮންމެ ލަވައެއް ވެސް ހަތް ބަހުން ނެރެން ޖެހޭތީ ތަފާތު 35 ލަވައެއްގެ މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ވަރަށް ގިނަ ވަގުތެވެ.

ހިންދީ، ތެލުގޫ، ތަމަޅަ، ކަނައްޑާ އަދި މަލެޔާލަމް ބަހުން މި ފިލްމު ރިލީޒްކުރާނެ އެވެ.

"ހިންދީ ބަހުން ހަދާފައި ހުރި ލަވަތަކުގެ ޅެން އިވުމުން ކުރެވޭ އިހުސާސްތައް، އެހެން ބަސްތަކުން އަޑުއަހާއިރު ވެސް ކުރެވެން އަހަރެން ބޭނުންވަނީ. އެހެންވެ، އެކަމަށް ވަރަށް ގިނަ ވަގުތު ބޭނުންވޭ. މިއީ ޑަބްކޮށްފައި އޮތް ފިލްމެކޭ އެއްވެސް މީހަކު ނުބުނާވަރު ކުރަން ބޭނުންވަނީ،" އޭނާ ބުންޏެވެ.

"އެނިމަލް"ގެ ލީޑް ރޯލުތަކުން ފެންނާނީ ރަންބީރު ކަޕޫރު، އަނިލް ކަޕޫރު، ބޮބީ ޑިއޯލް، ތުރިޕްތީ ދިމްރީ އަދި ރަޝްމީކާ މަންދާނާ އެވެ.

އެ ފިލްމު ޕްރޮޑިއުސްކުރަނީ ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް އިންނެވެ.