މުވައްޒަފުންނަށް މުސާރަ ނުދޭ، މި ހަފުތާ ވެސް އެފްއޭއެމް ބަންދު
މުވައްޒަފުންނަށް މުސާރަ ނުދޭ، މި ހަފުތާ ވެސް އެފްއޭއެމް ބަންދު

ނިމިދިޔަ ބޮޑު އީދު ބަންދާ ގުޅިގެން ދިން ބަންދުގެ މުއްދަތު، އެފްއޭއެމްގެ މުވައްޒަފުންނަށް އިތުރު ހަފުތާ އަކަށް ދަންމާލައިފި އެވެ.

މުވައްޒަފުންނަށް މުސާރަ ނުދޭ، މި ހަފުތާ ވެސް އެފްއޭއެމް ބަންދު
މުވައްޒަފުންނަށް މުސާރަ ނުދޭ، މި ހަފުތާ ވެސް އެފްއޭއެމް ބަންދު

ބޮޑު އީދު ބަންދަށް ފަހު، އިއްޔެ އަކީ ރަސްމީ މަސައްކަތް ރާއްޖޭގެ ފެށި ދުވަހެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވާޒު، އެ އިދާރާގެ މުވައްޒަފުންނަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ ބަންދުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ދެން މަސައްކަތަށް ނުކުންނަން ޖެހޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް ޖަވާޒުގެ މެސެޖުގައި ވެއެވެ.

"އީދު ޗުއްޓީ ގެ މުއްދަތު 6 ޖުލައި 2023 ގެ ނިޔަލަށް އިތުރުކޮށްފިން. މުވައްޒަފުން ދެން އޮފީހަށް ހާޒިރުވާން ޖެހޭނީ މިމަހު 9 ގައި،" ޖަވާޒްގެ މެސެޖްގައި ވެއެވެ.

އެސޯސިއޭޝަންގެ މުވައްޒަފުންނަށް ބަންދުގެ މުއްދަތު އިތުރު ކުރީ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދެވި އޮތުމުން ކަމަށް "މިހާރު" އަށް ވަނީ އެނގިފައި ވެއެވެ.

އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގާތް މީހަކު "މިހާރު" އަށް ބުނީ ނިމިދިޔަ އީދަށް، ބަންދުވުމުގެ ކުރިން މުވައްޒަފުންނަށް މުސާރަ ދޭނެ ކަމަށް، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މުވައްޒަފުންގެ ގާތު ވިދާޅުވެފައިވާ ކަމަށެވެ.

އެކަމަކު އަދި ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާ ކުރަން އެފްއޭއެމުން ފެށި އެވެ. އެކަމަކު ގިނަ މުވައްޒަފުންނަށް އަދިވެސް މުސާރަތައް ދީފައެއް ނުވެ އެވެ.

"ބައެއް މުވައްޒަފުން ތިބީ ވަރަށް ފްރަސްޓޭޓް ވެފަ،" ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

އިދާރީ މުވައްޒަފުންގެ އިތުރުން ޓެކްނިކަލް މުވައްޒަފުންނަށް ވެސް އެފްއޭއެމުން މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް ވެސް މުސާރަ ނުދޭތާ އަށެއްކަ މަސް ވެއްޖެ އެވެ.

ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިއެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ގައުމީ ޓީމާ އެކު އޭނާ ނުދިޔައީ މުސާރަ ނުދޭތާ ނުވަ ވަރަކަށް މަސް ފާއިތުވުމުންނެވެ. އެކަމާ ބެހޭގޮތުން މިޑިއާގައި ވާހަކަ ދައްކާކަށް އަސްލަމް ބޭނުމެއް ނުވެ އެވެ.

މުސާރައިގެ އިތުރުން ރޯދަ އިނާޔަތާއި ޕެޝަން ފައިސާ، ޖަމާކުރުމުގައި ވެސް އެފްއޭއެމުން ފަރުވާކުޑަކުރާ މައްސަލަ ވަނީ މީގެ ކުރިން ވެސް ފެންމަތިވެފަ އެވެ. ދެ އަހަރުގެ ރޯދަ މަހު ވެސް މުވައްޒަފުންނަށް ރޯދައިގެ އިނާޔަތް ދިނީ ގާނޫނުގައި ދޭން ކަނޑައަޅައިފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ.

މި އަހަަރަށް އެފްއޭއެމުން ވަނީ 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. އެ އެސޯސިއޭޝަންގެ އެނައުލް ކޮންގްރެސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ގުދަންތައް ކުއްޔަށް ދީގެން، ބަޖެޓްގެ ބޮޑު ބައެއް ކަވަރު ކުރެވޭނެ ކަމަށެވެ.

އެކަމަކު އެފްއޭއެމް ވަނީ މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވެ އެވެ.