03 ޖުލައި 2023 - 12:44

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނީން ރެފިއުޖީ ފޭލިގެ އަވަށަށް، އިޒްރޭލު ސިފައިން ރޭ ދަންވަރު ވަދެގަނެ ދެމުންދާ އުދުވާނީ ހަމަލާތަކުގައި، މިހާތަނަށް ފަލަސްތީނުގެ އާންމުންގެ ހަތަރު މީހަކު ޝަހީދުކޮށްލައި އިތުރު 30 މީހަކު ޒަޚަމްކޮށްލައިފި އެވެ.
އިޒްރޭލު ސިފައިންގެ 1000 މީހުން، އަސްކަރީ އުޅަނދުތަކާއި ބުލްޑޯޒަރުތަކާ އެކު ޖެނީން އަށް ވަދެގަތް އިރު، އިޒްރޭލުގެ ހެލިކޮޕްޓަރުތަކުން ދިޔައީ އެ ސަރަހައްދުގެ މަތީގައި ބުރު ޖަހަމުން، އިޒްރޭލުގެ އެއްގަމު ސިފައިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެމުންނެވެ. އިޒްރޭލު ސިފައިން ޖެނީނަށް ވަދެގަތުމަށް ފަހު، ފަލަސްތީނުގެ ޒުވާން ހަނގުރާމަވެރިން ތިބި ކަމަށް ޝައްކު ކުރެވޭ އިމާރާތްތަކަށް، ވައިގެ މަގުން މިސައިލް ހަމަލާ ދޭން ފެށި އެވެ.
މިސައިލް ހަމަލާތައް އަމާޒުވި އިމާރާތްތަކުގައި ރޯވެ އަނދަމުން ދާއިރު، އެ ހަމަލާތަކުގައި ޒަޚަމްވި ގިނަ މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. ނަމަވެސް، ހަމަލާތައް އަމާޒުވި އިމާރާތްތަކުގެ ތެރޭގައި ޒަޚަމްވެފައި ތިބި މީހުން ނެރެގެން ހޮސްޕިޓަލަށް ގެންދިއުމަށް އެ ސަރަހައްދަށް ދަތުރުކުރި އެމްބިއުލާންސްތަކަށް އިޒްރޭލު ސިފައިން ހުރަސް އެޅުމުގެ ސަބަބުން، އެމީހުން ހޮސްޕިޓަލަށް ގެންދިއުމަށް ގިނަ ވަގުތުތަކެއް ހޭދަވި އެވެ.
ޖެނީންގައި ތިބި ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި ރެއިން ފެށިގެން ޖެނީންގައި އިޒްރޭލު ސިފައިން ހިންގަމުން ދާ އުދުވާނަކީ، 2002 ވަނަ އަހަރުގެ ފަހުން އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އަސްކަރީ ހަރަކާތެވެ. އިޒްރޭލު ސިފައިން ބުނި ގޮތުގައި އެމީހުން ހަމަލާ ދެނީ، ފަލަސްތީނުގެ ހަނގުރާމަވެރިން ފިލައި ތިބި އިމާރާތްތަކަށެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ވަރަށް ނުރައްކާތެރި ހާލަތެއްގައި ތިބި އަށް މީހަކު ހިމެނެ އެވެ. އެމީހުންގެ ބޮލަށާއި ކަނދުރާ އަދި މޭ ފަދަ ތަންތަނަށް ވަޒަން އަރާފައިވާތީ، އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ހޮސްޕިޓަލުތަކުން ބުނެ އެވެ.
އިޒްރޭލު ސިފައިން ޖެނީނަށް ވަދެގަނެގެން ދިޔަ އިރު، މަގުތަކުގެ ދެ ފަރާތުގައި ހުރި ފިހާރަތަކާއި ސައި ހޮޓާތަކަށް، ބުލްޑޯޒަރުތަކުން ގެއްލުންދީ ބައެއް ތަންތަން ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. އަދި މަގުމަތީގައި ޕާކް ކޮށްފައި ހުރި ފަލަސްތީނު މީހުންގެ އެއްގަމު އުޅަނދުތަކަށް ވެސް ގެއްލުންދީ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުކޮށްފަ އެވެ.
ޖެނީންގައި މިހާރު ހިންގަމުންދާ އުދުވާނީ އަމަލުތައް ވަގުތުން ހުއްޓުވައިދިނުމަށް، ފަލަސްތީނު ސަރުކާރުން މިއަދު ވަނީ ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައިފަ އެވެ. އެއްގަމާއި ވައިގެ މަގުން އިޒްރޭލު ސިފައިން ޖެނީނަށް ދެމުންދާ ހަމަލާތަކަކީ ފުރިހަމަ މާނައިގެ ހަނގުރާމައެއް ކަމަށް، ފަލަސްތީނު ސަރުކާރުން ބުންޏެވެ.
އިޒްރޭލު ސިފައިން ޖެނީނަށް ވަދެގަނެ، ވައިގެ މަގުންނާއި އެއްގަމުން ހަމަލާ ދޭން ފެށުމާއެކު، ފަލަސްތީނުގެ ހަނގުރާމަވެރިން ވެސް ރައްދުގައި ހަމަލާ ދޭން ފެށި އެވެ. ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރަމުން ދިޔަ ވަގުތު، ފަލަސްތީނު ހަނގުރާމަވެރިންގެ ހަރަކާތްތަކަށް ފާރަލުމަށް އުދުހެމުން ދިޔަ އިޒްރޭލުގެ ޑްރޯންތަކަށް ފަލަސްތީނުގެ ހަނގުރާމަވެރިން ހަމަލާދީ އޭގެ ތެރެއިން ޑްރޯނެއް ވައްޓައިލި އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ޖެނީންގެ ތަފާތު ސަރަހައްދުތަކުގައި ހުރި އަށެއްކަ އިމާރާތުން ވަރަށް ބޯކޮށް މިހާރުވެސް ދަނީ ދުން އަރަމުންނެވެ. އެ އިމާރާތްތަކަށް އިޒްރޭލުގެ ހެލިކޮޕްޓަރުތަކުން މިސައިލް ހަމަލާތަކެއް ދިނުމާއެކު، ބިންމަތީގައި ތިބި އިޒްރޭލު ސިފައިން ވަނީ އެ އިމާރާތްތަކަށް ހަމަލާދީ އެ ތަންތަނަށް ވަދެގަންނަން މަސައްކަތް ކޮށްފަ އެވެ.
ނަމަވެސް ފަލަސްތީނު ހަނގުރާމަވެރިންގެ ރައްދު ހަމަލާތަކުގެ ސަބަބުން، އެ އިމާރާތްތަކަށް ވަދެވޭ ގޮތް ނުވުމުން، އަނެއްކާ ވެސް އެ އިމާރާތްތަކަށް މިސައިލް ހަމަލާތައް ދޭން ފެށި އެވެ. ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޖެނީން ބްރިގޭޑްގެ ހަނގުރާމަވެރިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ބްރިގޭޑްގެ ހަނގުރާމަވެރިން ދަނީ އިސްތިއުމާރީ ސިފައިންގެ ހަމަލާތަކަށް ރައްދު ދެމުންނެވެ.
އިސްލާމިކް ޖިހާދު ޖަމާއަތުން ބުނި ގޮތުގައި ޖެނީނަށް އަދުއްވުން އަރައިގަނެ ހިންގަމުންދާ އުދުވާނާ ދެކޮޅަށް ބޭނުންކުރާނެ ވަރަށް ގިނަ އިޚްތިޔާރުތައް އެބަ ހުއްޓެވެ. އަދި އެއިން ކޮންމެ އިޚްތިޔާރެއްގެ ބޭނުން ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އެ ޖަމާއަތުން ބުންޏެވެ.