ޝްވެއިންސްޓެއިގާ ވިދާލިއިރު ޔުނައިޓެޑް ފަސް ވަނަ ބުރަށް
ޝްވެއިންސްޓެއިގާ ވިދާލިއިރު ޔުނައިޓެޑް ފަސް ވަނަ ބުރަށް

މެންޗެސްޓާ (ޖެނުއަރީ 30) – އަހަރެއްހާ ދުވަސް ތެރޭ މެންޗެސްޓާ ޔުނައިޓެޑުގެ ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުން ރޭ ވިގަން އެތުލެޓިކް އަތުން 4-0 އިން މޮޅުވެ އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ޔުނައިޓެޑް ފުރުސަތު ހޯދައިފި އެވެ.

ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހަލް ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން ނެރުނު ޓީމަށް ރޭގެ މެޗުގައި ވަނީ ނުވަ ބަދަލު ގެނެސްފަ އެވެ. ބަދަލު ގޯލްކީޕަރު އާޖެންޓީނާގެ ސާޖިއޯ ރޮމޭރާ ފުރަތަމަ އެގާރައިގައި ކުޅުނުއިރު ފަހުން ވަނީ އުމުރުން 20 އަހަރުގެ ގޯލްކީޕަރު ޖޮއެލް ޕެރެއިރާ އަށް ފުރުސަތު ދީފަ އެވެ. އޭނާގ އިތުރުން ޑިފެންޑަރު އެކްސްލް ޓުއަންޒެބޭ ވަނީ ޔުނައިޓެޑުގެ ޖާޒީގައި އަލަތު މެޗު ކުޅެފަ އެވެ.

އަހަރެއްހާ ދުވަސް ފަހުން ފުރުސަތު ލިބުނު ޝްވެއިންސްޓެއިގާ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން އެއް ގޯލް ޖަހަން މަގުފަހިކޮށްދީފަ އެވެ. އަދި ޓީމު ދޫކޮށްލަން އުޅޭ ކަމަށް އަޑުއަރާފައިވާ އެންތަނީ މާޝިއަލް ވެސް ވަނީ ފުރުސަތުގެ ބޭނުން ހިފައި ދެ ގޯލް ޖަހަން އެހީވެދީފަ އެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލް 44 ވަނަ މިނެޓުގައި ޖެހީ މައުރޯނޭ ފެލައިނީ އެވެ. މި ގޯލް ޖަހަން މަގުފަހިކޮށްދިނީ ޝްވެއިންސްޓެއިގާ އެވެ. ދެ ވަނަ ލަނޑު 57 ވަނަ މިނެޓުގައި ކްރިސް ސްމޯލިން ކާމިޔާބުކުރީ މާޝިއަލް ދިން ބޯޅައަކުންނެވެ. އަދި އޭނާ ދިން ޕާހަކުން އެ ޓީމުގެ ތިން ވަނަ ގޯލް 74 ވަނަ މިނެޓުގައި ޖެހީ ހެންރިކް މިކިތާރިޔަން އެވެ. ޔުނައިޓެޑުގެ ފަހު ގޯލް ޖެހީ ޝްވެއިންސްޓެއިގާ އެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ ހައްގު މޮޅެއް ކަމަށާއި ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް ފަހުން ރަނގަޅުވި ކަމަށެވެ.

"ދެ ވަނަ ހާފު ވަރަށް ބޮޑަށް ރަނގަޅުވި. ކޮންމެ ގޮތެއް ވިޔަސް އަހަރެމެންގެ ބޭނުމަކަށްވީ ގަދަ 16 އަށް ދިއުން. އެކަން ހާސިލްވެއްޖެ. ޖުމްލަކޮށް އަހަރެން ހިތްހަމަޖެހޭ އަހަރެމެން މި ހާސިލްކުރި ކަންތަކާ މެދު،" މޮރީނިއޯ ބުންޏެވެ.